Roadha Mihaaru
ގޭންގުތަކުގެ ކުރިމަތީގައި މިފަހަރު ކުޑަކަޑޫ ނުޖަހާނެ!

ގޭންގުތަކުގެ ކުރިމަތީގައި މިފަހަރު ކުޑަކަޑޫ ނުޖަހާނެ!

01 ފެބުރުއަރީ 2022

އެތައް ކިލޯގެ ޑްރަގާ އެކު ނެޓްވޯކު އަތުލައިގަތުމާ އެކު ގޭންގް ލީޑަރުގެ ކޯލް ސީދާ މިނިސްޓަރަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށެވެ. ފަނޑިޔާރުންނަށެވެ. ގާނޫނީ ކޮންމެވެސް ބާގަނޑަކުން ސަލާމަތްކަން ހޯދުމަށެވެ. ފުލުހުން އަތުލައިގަނެ ތަހުގީގު ކުރި ކޭސްތަކުން ހެކި އެހެރީ ފެންނާށެވެ. ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ ބޮޑުން ތިބީ ދޫވެފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެތައް ކިލޯގެ ޑްރަގާ އެކު ނެޓްވޯކު އަތުލައިގަތުމާ އެކު ގޭންގް ލީޑަރުގެ ކޯލް ސީދާ މިނިސްޓަރަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށެވެ. ފަނޑިޔާރުންނަށެވެ. ގާނޫނީ ކޮންމެވެސް ބާގަނޑަކުން ސަލާމަތްކަން ހޯދުމަށެވެ. ފުލުހުން އަތުލައިގަނެ ތަހުގީގު ކުރި ކޭސްތަކުން ހެކި އެހެރީ ފެންނާށެވެ. ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ ބޮޑުން ތިބީ ދޫވެފަ އެވެ.

ދޭތެރެއަކުން ދައުލަތުގެ މަތީ ފަންތީގެ ބޭފުޅަކަށް ސެކިއުރިޓީ ދެނިކޮށް ވެސް ފެނިދާނެ އެވެ!

ނިޒާމުގެ ތެރޭގައި އެ މީހުންގެ ބާރު ގަދަ އެވެ. މި ވެރިކަމުގައި އުފެއްދި މަރު ކޮމިޝަންގައި ހުންނެވި އިރު ތަހުގީގު ކުރި މައްސަލަތަކުން ލިބުނު ހެކިތަކަށް ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ "ގޭންގްތަކުން ނޮމިނޭޓްކުރާ ފަނޑިޔާރުން އެބަތިއްބެވި" ކަމަށެވެ.

"ބައެއް ގޭންގުތަކަށް އެބަ އޮވޭ ކޯޓާއެއް ލިބިފައި ފަނޑިޔާރުން އައްޔަން ކުރަން ބައެއް ކޯޓްތަކަށް. ކްރިމިނަލް ކޯޓަށް މިވެނި ގޭންގަކުން ކޯޓާއެއް. ގޭންގުން ނޮމިޓޭޓްކުރާ ފަނޑިޔާރުން ކޯޓުތަކުގައި ތިބުން. ހިނގާފައި ހުރި ކަންތައްތައް މިއީ،" ސުއޫދު ވިދާޅުވެފައިވެ އެވެ.

އާދައިގެ ތުހުމަތެއް ނޫނެވެ; އެ މީހުން ގައިގައި އަތްލިޔަ ނުދޭން ހަދާ ޑީލްތައް ތަހުގީގު ކުރަން ޖެހިލުންވެގެން އަޅާނުލައި ދޫކޮށްލައިގެން ތިއްބަސް މިއީ ނިޒާމުގެ ތެރޭގައި އެ މީހުންގެ ބާރާއި ނުފޫޒު އޮތް މިންވަރެވެ.

"މުޅި ދައުލަތާއި ނިޒާމުގެ ތެރެއިން އެކަށީގެންވާ ވަރަށް ރަނގަޅަށް، ސިސްޓެމެޓިކަލީ ނުކުރެވި އޮތީމަ މި ހިސާބަށް އާދެވިފައި މިތިބީ. ކޮންމެވެސް އެއް ހިސާބަކުން އެބަ ޖެހޭ އެ މީހުން ހުއްޓުވަން. އެކަން ފަށައިގެން މިއުޅެނީ. -- ކޮމިޝަނަރު

މިވަރުގެ ބާރުގަދަ ބަޔަކު މައިތިރިކުރަނީ ކިހިނެއް ހެއްޔެވެ؟ ފުލުހުންނާއި ސިފައިން ނުކުމެގެން ފަށާފައިވާ އޮޕަރޭޝަނުން މިކަން ކޮޅެއްގައި ޖެއްސިދާނެ ހެއްޔެވެ؟

ގޭންގުތައް ސައިޒުކުރަން ފުލުހުންނާއި ސިފައިން މީގެ ތިން ހަފުތާކުރިން ފެށިގެން ނުކުމެ ކުރާ މަސައްކަތުން ވާނީ ކޮންކަމެއްތޯ ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ. ގޭންގުތައް މުލުން ލުހެލާނެ ކަމަށް ބުނެ މިގޮތަށް މަގުމައްޗަށް ނުކުމެ އޮޕަރޭޝަނެއް މި ހިންގަނީ އަލަކަށް ނޫނެވެ. ހޯމް މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި ޕޮލިސް ކޮމިޝަނަރުން މީގެކުރިން ގޭންގުތަކާ ދެކޮޅަށް ގަދަބަސް ވިދާޅުވެފައި އެބަހުއްޓެވެ. އެކަމަކު ވަކި ހިސާބަކުން އެ މީހުންގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި ނިންމާލަނީ އެވެ.

ޕޮލިސް ކޮމިޝަނަރަށް އޮތީ ޔަގީންކަމެއް

ގޭންގްތަކާ ދެކޮޅަށް ފުލުހުންނާއި ސިފައިންގެ އޮޕަރޭޝަނަކީ އެއް ބަޔަކު ދެކޭ ގޮތުގައި ބޭކާރު ކަމެކެވެ. ނުހުއްޓުވޭނެ އެވެ. ނަތީޖާއެއް ވެސް ނުނެރެވޭނެ އެވެ.

އެކަމަކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އޮތީ ޔަގީން ކަމެކެވެ. ގޭންގުތައް ދެކެ ބިރުން ފަހަތަށް ޖެހޭނެ އެއްވެސް ހާލަތެއް ނެތް ކަމެވެ. އޮޕަރޭޝަން ފެށީ އެކްޝަން ޕްލޭނެއް އެކުލަވާލައި އެ ކަށަވަރު ކަމުގަ އެވެ.

ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވަނީ ގްރޫޕްތަކާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތް ފެށީ ޕްލޭނަކާ އެކުގައި ކަަމަށް. -- ފޮޓޯ: އަހުމަދު އަވްޝަން -- މިހާރު

ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވަނީ ގްރޫޕްތަކާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތް ފެށީ ޕްލޭނަކާ އެކުގައި ކަަމަށް. -- ފޮޓޯ: އަހުމަދު އަވްޝަން -- މިހާރު

ހަމީދު ވިދާޅުވީ އޮޕަރޭޝަނަށް ދެ ހަފުތާ ވީ ދުވަހު އޮޕަރޭޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކައި ހޯމް މިނިސްޓަރު ޗެއާ ކުރެއްވި ބައްދަލުވުމެއް ވެސް ބާއްވައި ޕްލޭންގައި ހުރި ކަންކަމަށް އިތުރަށް އަމަލުކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ފުލުހުންނާއި ސިފައިންގެ އޮޕަރޭޝަންގައި މިހާރު ކުރަމުން އަންނަ ކަމަކީ އާއްމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ އަދި ގާނޫނާއި ގަވައިދަށް ބޯނުލަނބައި ގްރޫޕްތަކުން ހިންގާ އަމަލުތައް ހުއްޓުވަން އެ މީހުންގެ ކަންކަން ގާތުން ބެލުމެވެ.

"އެ މީހުން މާލެ ތެރޭގައި އެ ތިބޭ ސަރަހައްދުތަކުން އެތައް ފަހަރަކު ގޮސް ސުވާލުކުރޭ. ގްރެފިޓީތައް އެބަ ފޮހެލާ. ފުލުހުންނަށް ދަވާދު ދީގެން ފުލުހުން ނުކުމެ އެކަން ވެސް މިހާރު ކުރާނެ," އޭނާ ވިދާޅުވި އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ގްރޫޕްތަކުގެ ބާރު ދައްކަން ނުވަތަ އެ ސަރަހައްދަކީ އެ މީހުންގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް ކަން އެންގުމަށްޓަކައި ކުރަހާފައިވާ ގްރެފިޓީ ފޮހެލުމާ އެކު އަލުން ކުރަހައި ނުހުއްޓުވޭނެ ކަމުގެ އިންޒާރުތައް ފުލުހުންނަށް ދިނެވެ. އެކަމަކު ފުލުހުން ނުކުމެ އެ ތަންތަނުން އަނެއްކާވެސް ގްރެފިޓީ ވަނީ ފޮހެލައިފަ އެވެ.

ގަވާއިދާ ހިލާފަށް ޑޮމެއިން ޖަހައިގެން ދުއްވާ ވެހިކަލްތައް ޓޯކުރުމާއި ބާރަށް ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ވެސް އޮޕަރޭޝަންގައި ހިންގަމުން އަންނަ ކަމެކެވެ.

"ފަސް ވަރަކަށް މީހުން ހައްޔަރު ވެސް ކުރި," ކޮމިޝަނަރު ވިދާޅުވި އެވެ.

މި މަސައްކަތުގައި ފަސްޖެހުމެއް ނެތް. އެގޮތަށް ދޫދީފި ނަމަ އަނެއްކާވެސް ނަތީޖާއެއް ނުނެރެވޭނެ, -- ހަމީދު

އޭނާ ވިދާޅުވީ މި އޮޕަރޭޝަންގައި ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް ކުރި ހޯދޭނެ ކަމަށެވެ. މިއީ ކަން ދެއްކުމަށް ފުލުހުން ފަށައިގެން އުޅޭ އޮޕަރޭޝަނެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެކަމަކު ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް ގަބޫލުކުރައްވަ އެވެ. އެކި ނަން ނަމުގައި ގްރޫޕްތައް ހިންގަން ފުރުސަތު ދީ އަހަރުރަކެއް ކުރިން ފެށިގެން ބާރުވެރިކުރުވާފައި މުޅި ދައުލަތާއި މުޖުތަމައުން ކަމަށް ވިދާޅުވި އެވެ.

"ގްރޫޕް ހަދައިގެން ބިރުވެރިކަން ފެތުރުމާއި މާރާމާރީ ހިންގުމާއި ޑްރަގް ޓްރެފިކް ކުރުމާއި އޭގެ ވިޔަފާރި މާލެ ސަރަހައްދާއި މުޅި ރާއްޖޭގައި އެކި ނަން ނަމުގައި މި ކުރާ މީހުންނަށް ބާރުވެރިކަން ލިބިފައި އޮތީ ހަމައެކަނި ފުލުހުން ކުރަން ޖެހޭ ކަންކަން ފުލުހުން ނުކޮށްގެނެއް ނޫން," ކޮމިޝަނަރު ވިދާޅުވި އެވެ.

"މުޅި ދައުލަތާއި މުޅި ނިޒާމުގެ ތެރެއިން އެކަށީގެންވާ ވަރަށް ރަނގަޅަށް ސިސްޓެމެޓިކަލީ ނުކުރެވި އޮތީމަ މި ހިސާބަށް އާދެވިފައި މިތިބީ. ކޮންމެވެސް އެއް ހިސާބަކުން އެބަ ޖެހޭ މަސައްކަތް ފަށަން. އެކަން ފަށައިގެން މިއުޅެނީ."

ކޮމިޝަނަރު ވިދާޅުވި ގޮތުގައި 2,000ގެ ކުރީކޮޅުގައި ރާއްޖޭގައި ފަށައި ވަރަށް ބޮޑަށް ފުޅާވެފައި އޮތް ކުށްތަކެއް މަހަކުން ނުވަތަ ދެ މަހަކުން ހުއްޓުވައި އެކަމުގައި ބޭނުންވާ ހިސާބަކަށް ނުދެވޭނެ އެވެ.

މިކަން ހުއްޓުވަން ފުލުހުންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނީ 2019 ގަ އެވެ. އެ ޕްލޭން ތަންފީޒުކުރަން ސަރުކާރުން ވެސް އެއްބާރުލުންދީ ރައީސް ޗެއާކުރައްވާ ގޮތަށް ޓާސްކް ފޯހެއް އެކުލަވާލާފައި އޮތުމަކީ ފުލުހުންނަށް މި މަސައްކަތުގައި ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި ކޮމިޝަނަރު ދެކެވަޑައިގަންނަވަ އެވެ.

"މި މަސައްކަތުގައި ފަސްޖެހުމެއް ނެތް. އެގޮތަށް ދޫދީފި ނަމަ އަނެއްކާވެސް ނަތީޖާއެއް ނުނެރެވޭނެ," ހަމީދު ވިދާޅުވި އެވެ.

ކުށްކުރުމުގެ ޓްރެންޑް ބަދަލުކޮށް ފައިސާ ހޯދަނީ!

މަގުތައް މަތީގައި ޖެހިލުމެއް ނެތި މީހުންގެ ގަޔަށް ވަޅިހަރައި މެރުމާއި މާރާމާރީ ހިންގުން މި ފަހަކަށް އައިސް ވަރަށް ބޮޑަށް މަދުވެއްޖެ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ބަދަލު ހިފުމުގެ ލޭ އޮހޮރުވުންތައް ވެސް ކުރިއާ އަޅާބަލާއިރު ގާތްގަނޑަކަށް ހުއްޓިއްޖެ އެވެ.

މި ނުރައްކާ ކުޑަވެފައި އޮތީ ފުލުހުން ނުކުމެ މާ ވަރުގަދަ މަސައްކަތެއް ކޮށްގެން ނޫންކަން އޮތީ ފެންނާށެވެ. ކުށްކުރުމުގެ ޓްރެންޑަށް އައި ބަދަލުންނެވެ.

މާރާމާރީ ހިންގާއިރު ވެސް ފުލުހުންގެ އަތު ނުވުން. މި ގްރޫޕްތަކަށް ދައުލަތުގެ ސަމާލުކަން ނުލިބޭ މިންވަރަށް ހަރަކާތްތައް ހިންގުން އެއީ މިހާރު ކަންކަން ކުރަމުން އަންނަ ގޮތް. -- ކޮމިޝަނަރު

ކޮމިޝަނަރު ވިދާޅުވި ގޮތުގައި ގްރޫޕްތަކުގެ ހިސްޓްރީއަށް ބަލާއިރު އެ މީހުން ކުށުގެ މާހަލުގައި ހަރަކާތްތެރިވާ ގޮތަށް ބަދަލުތަކެއް އައިސްފައި އެބަހުއްޓެވެ. ގްރޫޕްތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގައި އެންމެ ގިނަ މާރާމާރީތައް ހިންގައި ފުރާނަ ގެއްލިފައި ވަނީ ވެސް 2013-2018އާ ދެމެދު ކަން ފާހަގަކުރައްވައި ވިދާޅުވީ ކުރިއާ އަޅާބަލާއިރު އެ މީހުންގެ ނުފޫޒު ދައުލަތުގެ ތެރޭގައި ކުޑަވެއްޖެ ކަމަށެވެ.

ތަހުގީގަކަށް މާލޭގެ ސަރަހައްދެއް ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ/ މިހާރު

ތަހުގީގަކަށް މާލޭގެ ސަރަހައްދެއް ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ/ މިހާރު

"ކުރިން އެ މީހުން ތަންތަނަށް މި ފޯރުވާ ނުފޫޒުގެ ތެރެއިން އެ މީހުންގެ ގްރޫޕްތަކަށް ނިސްބަތްވާ މީހެއް ކުށެއްގެ ތުހުމަތަށް ހައްޔަރުކޮށް ބަންދުކުރެވުނީމަ ޝަރީއަތުން ކަނޑައަޅާ ތަނެއްގައި އަދަބު ތަންފީޒުކުރުމަށް ނުތިބޭނެ ގޮތް ވެސް ހަދާފައި ހުރި ކަން ވަރަށް ސާފުކޮށް އެނގެން އެބަހުރި އެކި މީހުންގެ ފޯނުން އާއްމުވެފައި ހުރި މެސެޖްތަކުން ވެސް." ހަމީދު ވިދާޅުވި އެވެ.

"އެ ލެވެލްގެ އިމްޕިއުނިޓީއެއް މިހާރު ނެތް. ދެ ވަނަ ކަމަކީ އެ މީހުންގެ ވިސްނުން ކުށްކޮށްގެން ފައިސާ ހޯދުމާ ދިމާލަށް ހުރުން."

މި ޓްރެންޑުގައި ޑްރަގު އެތެރެކޮށް ވިއްކައި އެ ފައިސާ މުދަލަށް ހަދައި ވިޔަފާރިކުރާ އިރު ފުލުހުންގެ އަތުގައި ޖެހިދާނެ ފަދަ އެއްވެސް ކަމެއް ދޫވާކަށް ބޭނުމެއް ނުވެ އެވެ.

"މާރާމާރީ ހިންގާއިރު ވެސް ފުލުހުންގެ އަތު ނުވުން. މި ގްރޫޕްތަކަށް ދައުލަތުގެ ސަމާލުކަން ނުލިބޭ މިންވަރަށް ހަރަކާތްތައް ހިންގުން އެއީ މިހާރު ކަންކަން ކުރަމުން އަންނަ ގޮތް," ހަމީދު ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިން މިހާރު ހިންގާ އޮޕަރޭޝަންތަކުގައި ވެސް އަތުނުޖެހި ތިބެން ބޮޑުން އަންގާފައި އޮންނަނީ އެ މީހުން މާލޭގެ އެކި އައްޑާތަކާއި ރަށްރަށުގައި ފުޅާކޮށް ހިންގާ ޑްރަގުގެ ވިޔަފާރިއަށް ބުރޫއެރިޔަ ނުދޭންވެގެންނެވެ.

އެ މީހުން ހަރަކާތްތެރިވާ ހުރިހާ ގަޑިއެއްގައި ވެސް ފުލުހުން އެ މީހުންގެ ކަންކަން ބަލަމުން އަންނާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

"ޓާގެޓްކޮށްގެން މިހާރު މިކުރާ މަސައްކަތަކީ އެ މީހުން މުޅި މުޖުތަމައުންނާއި ދައުލަތުން ހުރިހާ ދުވަހު އެ މީހުންގެ އުޅުމާއި އަހުލާގާއި ނުވަތަ އެ ފެންނަ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނުވަތަ ގާނޫނާއި ގަވައިދުތަކާ ހިލާފު ކަންތައްތައް ހުއްޓުވައި ތިގޮތަށް ނޫޅެވޭނެއޭ ބުނުން," ހަމީދު ވިދާޅުވި އެވެ.

ގާނޫނީ އާ އިންތިޒާމްތަކެއް ބޭނުން

ޕޮލިސް ކޮމިޝަނަރު ގަބޫލުކުރައްވާ ގޮތުގައި ފުލުހުންނަށް އެކަނި ވެސް މިކަމެއް ނުކުރެވޭނެ އެވެ. މިކަން ހުއްޓުވަން ގާނޫނީ އާ އިންތިޒާމްތަކެއް ވެސް އެބަ އަންނަން ޖެހެ އެވެ. އެކަމަށް ގާނޫނީ ހައްލަކަށް ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ނިންމާފައި އޮތް ކަމަށް ވިދާޅުވި އެވެ.

"ނިޒާމް ވެސް އެބަޖެހޭ ބަދަލުވާން. މިސާލަކަށް ހައްޔަރުކޮށް ބަންދުގައި މީހުން ބޭތިއްބުން ކަމުގައި ވިޔަސް ރިމާންޑާއި އެ މީހުން ބަންދުގައި ބައިތިއްބާފައި ނުކުންނަ އިރު ރަނގަޅު ވުމާއި ޝަރީއަތްތައް ބާރު ސްޕީޑެއްގައި ގެންދެވޭތޯ ބެލުން ފަދަ ކަންކަން ވެސް ހިމެނޭ."

ރާއްޖޭގައި މިހާރު އޮތީ ކިތަންމެ ބޮޑު ކުށަކަށް އަރައިގަތަސް މިނިވަންކަމުގައި އުޅެވޭ ގޮތަށް ނިޒާމް ބައްޓަންވެފަ އެވެ. ހުކުމް ތަންފީޒުކުރުމެއް ވެސް ނޯވެ އެވެ. މި ކަންކަމަށް ހައްލުތަކެއް އައިސް މުޅި މައްސަލަ ކޮޅެއްގައި ޖެއްސުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

އެކަމަކު ސަލާމަތީ ހިދުމަތްތަކުން މިފަހަރު ބުނަނީ ގޭންގުތަކަށް އަމާން ނުދޭނެ ކަމަށެވެ. އެ މީހުން ފޯރުވާ ނުފޫޒަށް ގުޑައި ބިރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. މި ހިތްވަރު ފުލުހުންގެ އެބަހުރި ހެއްޔެވެ؟ އަދި ފެންނަން އޮތީ މި އޮޕަރޭޝަނުގައި ކޮމިޝަނަރު ދެއްވާ ޔަގީން ކަމެކެވެ. ނަތީޖާއެއް ނެރެވިއްޖެ ނަމަ މިވާނީ ގޭންގުތަކާ ދެކޮޅަށް ފުރަތަމަ ފަހަރަށް ކުރި ވަރުގަދަ މަސައްކަތަށެވެ.