Roadha Mihaaru
މާރާމާރީ ހުއްޓުވަން މިދަނީ މަސައްކަތް ކުރަމުން:އަޒްލީން

މާރާމާރީ ހުއްޓުވަން ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު

01 އޯގަސްޓް 2017

މާލޭގައި ހިންގާ މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ހިންގާ މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ރޭ މާލޭގައި ހިންގި މާރާމާރީގައި ދެ ޒުވާނަކު މަރާލުމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށާއި ފުލުހުންނަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ހޯމް މިނިސްޓަރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެއީ ގުރޫޕް މާރާމާރީގެ ތެރެއިން ހިގި ކަމެއް ކަމަށް ފުލުހުންގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި ފުރަތަމަ މާރާމާރީ ހިންގުމާ ގުޅިގެން ވެސް ފުލުހުންގެ ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މިދިޔަ ދެތިން ރޭ ވެސް ފުލުހުންގެ "ވަރަށް ބޮޑު ހަރަކާތްތަކެއް" މާލޭގައި ހިންގި ކަމަށެވެ.

އެ އޮޕަރޭޝަންތަކުގައި އެކިއެކި ގުރޫޕުތަކަށް ނިސްބަތްވާ ވިއްސަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި މީހެއްގެ މަރާ ގުޅުން ހުރި މީހެއް ހިމެނޭ ނަމަ އެކަން އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ފުލުހުން މިއަދު ބުނެފައި ވަނީ އެންމެ ފަހުން ދެ މީހަކު މަރާލި މައްސަލައިގެ ތުހުމަތަށް އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

އަޒްލީން ވިދާޅުވީ މާރާމާރީތައް ހުއްޓުވުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ދުވަސްތަކުގައި މާލޭގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުށްކުރުން ހުއްޓުވުމަށްޓަކައި ފުލުހުންނާއި މުއައްސަސާތަކުން ކުރާ މަސައްކަތާ ބެހޭގޮތުން ހަގީގަތާ ޚިލާފް މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުށްކުރުން އިތުރުވުމުން އެކަމުގެ މައުލޫމާތުތައް މީޑިއާއިންނާއި އެކިއެކި ވަސީލަތްތަކުގައި ފަތުރަނީ ހަގީގަތް އޮޅޭ ގޮތަށެވެ. މައުލޫމާތުތައް އާންމު ކުރަނީ ބަލަންވާ މިންވަރަށް ނުބަލާ ކަމަށާއި އެކަމުގެ ސަބަބުން އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ހަރަކާތްތަކެއް ފަށައިގެން އުޅޭ ދަނޑިވަޅެއްގައި މިކަން އައިމަ މީޑިއާގެ ބައެއް ޒަރީއާތަކުން އެ ބޭފުޅުންނަށް އެނގިވަަޑައިނުގަންނަވާ ހާލު، އޭގެ އެންމެ މުއުތަބަރު ނޫން ފަރާތްތަކުން ވެސް ލިބޭ މައުލޫމާތު ހާމަ ގެންދިއުމުގެ ނަތީޖާއަކަށް ވަނީ ރައްޔިތުންނަށް މީގެ ބިރުވެރިކަމާއި ނުރައްކާތެރިކަން އިހުސާސް ކުރަން ޖެހުން،" އަޒްލީން ވިދާޅުވި އެވެ.

ކުށްކުރުން ހުއްޓުވަން ފުލުހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު އާންމުންނަށް ނުލިބުމަކީ ކަންބޮޑުވުން އިތުރުވާ ސަބަބެއް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ. އެއީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.

ފުލުހުން މަސައްކަތް ކުރަނީ ސިޔާސީ ހަރަކާތްތައް ހުއްޓުވަން އެކަނި ކަމަށް ކުރަމުންދާ ތުހުމަތުތައް ދޮގު ކުރައްވައި، އަޒްލީން ވިދާޅުވި ގޮތުގައި ކުށްކުރުން ހުއްޓުވުމަށްޓަކައި ފުލުހުން އަންނަނީ އަބަދުވެސް ހަރަކާތްތެރިވަމުންނެވެ. މީހުން މެރުމާއި މާރާމާރީތަކަކީ ސަރުކާރުން އެއްވެސް ގޮތަކަށް ބަލައިގެން ނޫން ކަމަށް ވިދާޅުވެ، އެކަން ހުއްޓުވަން ސަލާމަތީ ބާރުތަކުން ޚާއްސަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ އަމާޒަކަށް ވާނީ ކުށެއް ކުރެވުނީމާ އެއީ ސިޔާސީ މީހަކު ކުރި ކުށެއްތޯ ނުވަތަ ގްރޫޕް މާރާމާރީއެއްގެ ތެރެއިން ހިނގައިދިޔަ ކަމެއްތޯ ނުވަތަ ޒާތީ ގޮތުން މީހަކު މީހަކަށް ދޭ އަނިޔާއެއްތޯ ބެލުމެއް ނޫން. އެއްވެސް ކުށަކަށް އަރައިގަންނަ މީހަކު ނުހުއްޓުވާ ފުލުހުން ނުތިބޭނެ،" އަޒްލީން ވިދާޅުވި އެވެ.

"މިއަދު މާލޭގައި ހިނގާ މުޒާހަރާތަކާއި އަދި މާރާމާރީގެ ކަންތައްތަކުގައި އެކު އެކީގައި ހަރަކާތްތެރިވުމުގެ ގާބިލްކަން ފުލުހުންނާއި ސިފައިންނަށް ލިބިގެންވޭ،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ފަހަރަކު ކުށްކުރުން އިތުރުވާ ކޮންމެ ފަހަރަކު ކުށްކުރުން އިތުރުވަނީ ކީއްވެގެން ކަމާ މެދު ސުވާލު އުފައްދަން ޖެހޭ ކަމަށް އަޒްލީން ވިދާޅުވި އެވެ. ހަމަޖެހުން ގާއިމް ކުރުމުގައި ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ވެސް ދޭންޖެހޭ އޭނާ ގޮވާލެއްވި އެވެ.

ހިނގައިދިޔަ މާރާމާރީތަކާ ގުޅިގެން ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ކުރަމުންދާ ކަމަށާއި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އަޒްލީން ވިދާޅުވި އެވެ. ތަހުގީގު ކުރިއަށްދާތީ އިތުރު އެއްވެސް ތަފްސީލެއް ހާމަ ނުކުރެއްވިޔަސް އެކަމުގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބާއި ޕްރޮސެކިއުޓާ ޖެނެރަލާއި ކޯޓުތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ހަފުތާގެ ތެރޭގައި ފަސް މީހަކަށް ހަމަލާދީފައިވާއިރު ދެ މީހަކު ވަނީ މަރާލައިފަ އެވެ.