Roadha Mihaaru
ފޭސްބުކަށް 200 ބިލިއަން ޑޮލަރު ގެއްލުން

ފޭސްބުކަށް 200 ބިލިއަން ޑޮލަރު ގެއްލުން

04 ފެބުރުއަރީ 2022

މެޓަ ކުންފުނިން ހިންގާ ފޭސްބުކް ބޭނުން ކުރާ މީހުން މަދުވެ އެ ކުންފުންޏަށް 200 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މެޓަ ކުންފުނިން ހިންގާ ފޭސްބުކް ބޭނުން ކުރާ މީހުން މަދުވެ އެ ކުންފުންޏަށް 200 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ކުއާޓާގައި އެ ކުންފުނީގެ އަގު ވަނީ 900 ބިލިއަން ޑޮލަރުން 700 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެއާ އެކު ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގު 23 ޕަސެންޓަށް ވެއްޓުނެވެ.

އެކުންފުނީގެ މާކެޓު ވެލިއު ވެއްޓުނު އިރު ދުވާލެއްގެ މައްޗަށް ފޭސްބުކް ބޭނުން ކުރާ މީހުންގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ. ދުވާލެއްގެ މައްޗަށް ފޭސްބުކް ބޭނުން ކުރާ މީހުން ވަނީ 1.95 ބިލިއަނުން 1.93 ބިލިއަނަށް މަދުވެފަ އެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ފޭސްބުކް ބޭނުން ކުރާ މީހުން މަދުވި ފުރަތަމަ ފަހަރެވެ.

އެންމެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް ނެޓްވޯކް ފޭސްބުކް ހިންގާ ކުންފުނީގެ ނަން "މެޓަ" އަށް ބަދަލުކޮށް ރިބްރޭންޑްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރުގަ އެވެ. ކުންފުނީގެ ނަން މެޓައަށް ބަދަލުވި ނަމަވެސް ސޯޝަލް ނެޓްވޯކް ފޭސްބުކް ހިންގަނީ ހަމަ އެ ނަމުގަ އެވެ.

މެޓަ އިން އަންނަނީ ސޯޝަލް މީޑިއާގެ އެހެން ބޮޑު ޕްރޮޖެކްޓަކަށް 10 ބިލިއަން ޑޮލަރު ހަރަދުކުރަމުންނެވެ. "މެޓަވާސް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން ވާޗުއަލް 3ޑީ ޕްލެޓްފޯމެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. މެޓަ ކުންފުނީގެ ދަށުން ހިންގާ ފޭސްބުކްގެ ވިޔަފާރި ދަށްވެފައިވާއިރު އާ ޕްރޮޖެކްޓަކަށް މިހާ ބޮޑު ހޭދައެއް ކުރަން އެ ކުންފުނީގެ ސީއީއޯ މާކް ޒަގަބާގް ނިންމުމުން އެކަމާ އިންވެސްޓަރުން އަންނަނީ ސުވާލު އުފައްދަމުންނެވެ.