Roadha Mihaaru

ފޭސްބުކް މާކެޓްޕްލޭސްގެ ސްކޭމްތައް ގިނަވުމުން ސަމާލުވާން އެދިއްޖެ

ފޭސްބުކް މާކެޓްޕްލޭސްގެ ސްކޭމްތައް ގިނަވުމުން އެކަމަށް ސަމާލުވާން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން އެދިއްޖެ އެވެ.

ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ
މަރިޔަމް އާޔާ
މަރިޔަމް އާޔާ

03 ފެބުރުއަރީ 2025

ފޭސްބުކް މާކެޓްޕްލޭސްގެ ސްކޭމްތައް ގިނަވުމުން އެކަމަށް ސަމާލުވާން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން އެދިއްޖެ އެވެ.

އެ ސެންޓަރުން އެދުނީ ޝައްކު އުފެދޭ ލިސްޓިންގް އަދި ޕޯސްޓްތަކަށް ސަމާލުވެ، އެ ވިއްކާ އެއްޗެއްގެ އަގުހެޔޮވެ، ރަނގަޅު ޑީލެއް ކަމަށް ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށެވެ.

އެ އެއްޗެއް ވިއްކާ މީހާގެ ޕްރޮފައިލް ޗެކް ކުރުމަށާއި އެ ޕްރޮފައިލާ ގުޅޭ މައުލޫމާތައް މަދު ނަމަ ނުވަތަ އާ ޕްރޮފައިލެއް ނުވަތަ ރައްޓެހިން މަދު ނަމަ އެ ޕްރޮފައިލް އިތުރަަށް ޔަގީން ކުރަން ވެސް ފުލުހުން އެދުނެވެ.

މީގެ އިތުރުން ރަނގަޅު، އިތުބާރު ކުރެވޭ ފަރާތެއް ނަމަ "ކޭޝް އޮން ޑެލިވަރީ" އިހްތިޔާރު ކުރުމަކީ ވެސް ފުލުހުންގެ އިލްތިމާސެކެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ސައިބާ ކްރައިމް ސެންޓަރުން ވަނީ އޯޓީޕީގެ ބަދަލުގައި "ފްލޭޝް ކޯލްސް" ތައާރަފް ކޮށްފަ އެވެ.

"ފްލޭޝް ކޯލްސް" އަކީ އަގުހެޔޮ، އަވަސް ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީ އެކެވެ. ކަސްޓަމަރުގެ ފޯނަށް ހިދުމަތްދޭ ކުންފުނިން ގުޅާ ނުވަތަ މިސްކޯލް ދިނުމުން އެ ކޯލް ލިބުނު ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ.

ކޯލު ނަންބަރުން ލިބޭ އޮތަންޓިކޭޝަން ކޯޑަކީ އޯޓީޕީ އާއި އެއްފަދަ އެއްޗެކެވެ.

ސައިބާ ކްރައިމް ސެންޓަރުން ބުނިގޮތުގައި، އާ ޓެކްނޮލޮޖީއާ ގުޅިގެން ގިނަ ކުންފުނިތަކަކުން މިހާރު ދަނީ އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަމުންނެވެ.