Roadha Mihaaru
އައިޖީއެމްއެޗް ޕޭޝަންޓް ޕޯޓަލް ހިދުމަތް މެދުކަނޑާލައިފި

އައިޖީއެމްއެޗުގެ މުހިންމު ޕޯޓަލެއްގެ ހިދުމަތް މެދުކަނޑާލައިފި

06 ފެބުރުއަރީ 2022

އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓާއި ޑޮކްޓަރުންގެ ޑިއުޓީ އާއި ޓެސްޓްތަކުގެ ރިޕޯޓްތައް ބަލައިލެވޭ "ޕޭޝަންޓް ޕޯޓަލް" އަށް ކުރިމަތިވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން އެ ޕޯޓަލްގެ ހިދުމަތް ވަގުތީ ގޮތުން މިއަދު މެދުކަނޑާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓާއި ޑޮކްޓަރުންގެ ޑިއުޓީ އާއި ޓެސްޓްތަކުގެ ރިޕޯޓްތައް ބަލައިލެވޭ "ޕޭޝަންޓް ޕޯޓަލް" އަށް ކުރިމަތިވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން އެ ޕޯޓަލްގެ ހިދުމަތް ވަގުތީ ގޮތުން މިއަދު މެދުކަނޑާލައިފި އެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، "ޕޭޝަންޓް ޕޯޓަލް" އަށް ދިމާވި މައްސަލަ ހައްލުކުރަން ފަށާފައިވާ ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަކަށް އެ ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދޭނެ ކަމަށެވެ.

"ޕޭޝަންޓް ޕޯޓަލް" މެދުވެރިކޮށް އައިޖީއެމްއެޗުގެ މުހިންމު ހިދުމަތްތަކެއް ލިބޭތީ ހޮސްޕިޓަލަށް ނުގޮސް އެ ކަންކަން ހަމަޖެހެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ފަސޭހަވާ އެއް އެއްކަމަކީ ޓެސްޓްތަކުގެ ނަތީޖާ ހޯދަން ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި އެ ޕޯޓަލުން ނަތީޖާތައް ބަލައިލެވުމެވެ.

ސެކިއުރިޓީ މައްސަލައަކާ ގުޅިގެން "ޕޭޝަންޓް ޕޯޓަލް" ގެ ހިދުމަތް މެދުކަނޑައިލިއިރު، އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި މީހުންގެ ރިކޯޑްތަކެއް ލީކްވެފައިވާ ކަމުގެ ވާހަކަތައް ވެސް ބައެއް މީޑިއާތަކުގައި ވަނީ މިއަދު ރިޕޯޓްކޮށްފަ އެވެ.

ނަމަވެސް އައިޖީއެމްއެޗްގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި، އެ ޕޯޓަލްގެ މައުލޫމާތުތައް ލީކްވި ކަމަށް ބުނާ މައްސަލައިގައި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެ އެވެ.