Roadha Mihaaru
ދަތުގެ ފަރުވާއަށް 45 އަހަރު: ސަލީމަށް މަރުހަބާ!

ރާއްޖޭގައި ދަތުގެ ފަރުވާއަށް 45 އަހަރު: ސަލީމަށް މަރުހަބާ!

09 ޖުލައި 2020

ރާއްޖޭގައި ދަތުގެ ފަރުވާ ދޭން ފެށިތާ 45 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، އެ ހިދުމަތުގެ އެއް ބާނީ ކަމަށްވާ އޭރުގެ ޑެންޓަލް ހައިޖީނިސްޓް މުހައްމަދު ސަލީމާއި އޭނާގެ އާއިލާއަށް އޮތް އުފާވެރިކަން ވަރަށް ބޮޑެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ދަތުގެ ފަރުވާ ދޭން ފެށިތާ 45 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، އެ ހިދުމަތުގެ އެއް ބާނީ ކަމަށްވާ އޭރުގެ ޑެންޓަލް ހައިޖީނިސްޓް މުހައްމަދު ސަލީމާއި އޭނާގެ އާއިލާއަށް އޮތް އުފާވެރިކަން ވަރަށް ބޮޑެވެ.

އޭރުގެ ސެންޓްރަލް ހޮސްޕިޓަލްގައި 1975 ވަނަ އަހަރު އަލަށް ފެށި ދަތުގެ ހިދުމަތް ފޯރުކޮށްދެއްވަން ހުންނެވީ ސަލީމްގެ އިތުރުން މިހާރު އަވާހާރަވެފައިވާ އަލީ ސަލީމާއި ޑެންޓަލް ލެބް ޓެކްނީޝަން އަބްދުﷲ ސައީދެވެ.

ސަލީމްގެ ދަރިކަލުން އަދި އައިޖީއެމްއެޗުގެ ކިޑްނީގެ ބަލިތަކުގެ ޑޮކްޓަރު އިބްރާހިމް ޝިހާމް ވިދާޅުވީ ބައްޕަ އާއި އޭނާގެ އެކުވެރިން އެ މަސައްކަތް ފެއްޓެވީ ހޮސްޕިޓަލުގެ ކުޑަ ތަންކޮޅެއްގައި މަދު ވަސީލަތްތަކަކާ އެކު ކަމަށެވެ. ހޮސްޕިޓަލްގައި މަސައްކަތްކުރެއްވުމުގެ އިތުރުން ދަތުގައި ފުޓުނި އެޅުމާއި ދަތް ނެގުމާއި ހިރުގަނޑަށް ފަރުވާ ދިނުން ފަދަ ހިދުމަތްތައް ދެއްވަން ރާއްޖޭގެ އެކި ރަށްތަކަށް އެ ބޭފުޅުން ދަތުރުކުރެއްވި ކަމަށް ވެސް، ޑރ. ޝިހާމް ވިދާޅުވި އެވެ.

"ގަދަ ކަނޑުގައި، ކުދި ދޯނިފަހަރުގައި ރަށްތަކަށް ވަޑައިގެން ބައްޕަ އާއި އޭނާގެ އެކުވެރިން ދެއްވީ އޭރަށް ބަލާއިރު ފެންވަރު ރަނގަޅު ފަރުވާއެއް،" އޭނާ ވިދާޅުވި އެވެ.

ބައްޕަ އާއި އަނެއް ދެ ބައިވެރިންގެ ހިދުމަތުގެ އަގުވަޒަންކުރައްވަމުން، ޑރ. ޝިހާމް، އޭނާގެ ފޭސްބުކް ޕޭޖްގައި ލިއުއްވި ގޮތުގައި، އޭނާއަށް ފެނިވަޑައިގަތީ މަދު ވަސީލަތްތަކަކާ އެކު "ބައްޕަ ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ތަނެ"ވެ.

"މިހާރު ވެސް އަޅުގަނޑާ ދިމާވާ ބައެއް މީހުން ވަރަށް ހިތްހަމަޖެހިގެން ބުނާނެ މިއީ ބައްޕަ މީގެ 15 އަހަރު ކުރިން ދަތަށް އަޅައިދިން ފުޓުންޏޭ،" އޭނާ ލިއުއްވި އެވެ.

ޑރ. ޝިހާމް ވިދާޅުވީ އޭރު ވަރަށް އާ އަދި މީހުން ބަލައި ވެސް ނުގަންނަ އެ ހިދުމަތް ކުރިއަށް ގެންދިޔުމަކީ ވަރަށް އުނދަގޫ އަދި ގޮޮންޖެހުންތައް ވެސް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެކަމަކު މަދު ވަސީލަތްތަކަކާ އެކު އޭރު ސަރުކާރުގެ ހޮސްޕިޓަލްގައި ފެއްޓެވި އެ ހިދުމަތް މަގުފަހިކޮށްދިނީ، މިހާރު މި ފެންނަ އެންމެ މިޒަމާނުގެ ދަތުގެ ފަރުވާއަށް ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. ޝިހާމް، އޭނާގެ ބައްޕަ ސަލީމް (ވ) އަދި މަންމަ އާއި ބޭބެއާ އެކު: ސަލީމްއަކީ ރާއްޖޭގައި ދަތުގެ ފަރުވާ ދޭން ފުރަތަމަ ފެށި ޓީމުގެ މުހިންމު މެމްބަރެއް

ޑރ. ޝިހާމް، އޭނާގެ ބައްޕަ ސަލީމް (ވ) އަދި މަންމަ އާއި ބޭބެއާ އެކު: ސަލީމްއަކީ ރާއްޖޭގައި ދަތުގެ ފަރުވާ ދޭން ފުރަތަމަ ފެށި ޓީމުގެ މުހިންމު މެމްބަރެއް

"ބައްޕަ މިހާރު ވެސް އެ ގެންދަވަނީ ހަމަ އެ ހިދުމަތްތައް ދެއްވަމުން...މިހާރު ވެސް ބައްޕައަކީ ކޮންމެ ކަމެއް ވެސް ވަރަށް ފުރިހަމައަށް ކުރައްވާ ބޭފުޅެއް،" ޑރ. ޝިހާމް ލިއުއްވި އެވެ.

ދަތުގެ ފަރުވާއަށް ބޮޑެތި ކުރިއެރުންތަކެއް

ރާއްޖޭގައި ދަތުގެ ފަރުވާ ދޭން ފެށިތާ 45 އަހަރު ފުރުމުގެ މުނާސަބަތުގައި އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުހައްމަދު ސަލީމާއި މަރުހޫމް އަލީ ސަލީމް އަދި ސައީދު، ފެއްޓެވި ހިދުމަތް މިހާރު ވަރަށް ބޮޑަށް ފުޅާވެއްޖެ ކަމަށެވެ.

އައިޖީއެމްއެޗު ތެރޭގައި ހިންގި ޑެންޓަލް ބައި މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. ޒަމާނީ ގިނަ ވަސީލަތްތަކެއް ވެސް އެތަނުގައި ވަނީ ގާއިމްކޮށްފަ އެވެ. އާ ޑެންޓަލް ބައިގައި ބަލިމީހުން ބަލާނެ ހަ ކޮޓަރި އާއި ގިނަ އާލާތްތައް ހިމެނޭ ޑެންޓަލް ލެބޯޓަރީއެއް ވެސް ހުރެ އެވެ.

އެ ބައިގައި އަށް ޑެންޓިސްޓުންނާއި ތިން ސްޕެޝަލިސްޓުންނާއި ޑެންޓަލް ހައިޖީނިސްޓަކާއި ލެޓް ޓެކްނީޝަނެއް މަސައްކަތްކުރެ އެވެ. ދަތުގެ ފަރުވާގެ ދެ ދާއިރާއަކުން ދެ ޑޮކްޓަރަކު ރާއްޖޭން ބޭރުގައި މިހާރު އަންނަނީ ހާއްސަވަމުން ކަމަށް ވެސް، ބަޔާނުގައި ބުނެފައިވެ އެވެ.

އައިޖީއެމްއެޗުން ނިންމާފައިވަނީ ކުރިއަށް އޮތް ތަނުގައި އާ ގިނަ ފަރުވާތަކެއް ތައާރަފްކުރާށެވެ.