Roadha Mihaaru
ލަންކާ އިން އިތުރު ރަން ވިއްކުމުން ރިޒާވް ދަށަށް

ލަންކާ އިން އިތުރު ރަން ވިއްކުމުން ރިޒާވް ދަށަށް

09 ފެބުރުއަރީ 2022

ސްރީ ލަންކާގެ އާމްދަނީ ދަށްވެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެފައިވަނިކޮށް، އެ ގައުމުގެ މަރުކަޒީ ބޭންކުގައި ހުރި ގަނޑު ރަންތަކުން ބައެއް އަނެއްކާވެސް ވިއްކާލައިފި އެވެ.

ސްރީ ލަންކާގެ އާމްދަނީ ދަށްވެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެފައިވަނިކޮށް، އެ ގައުމުގެ މަރުކަޒީ ބޭންކުގައި ހުރި ގަނޑު ރަންތަކުން ބައެއް އަނެއްކާވެސް ވިއްކާލައިފި އެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، ގަނޑުރަންތަކެއް ވަނީ ވިއްކައިފަ އެވެ.

މަރުކަޒީ ބޭންކުގެ ރިޒާވްގައި ހިމެނޭ ރަންތަކެއް ވިއްކުމާ ގުޅިގެން، އެ ގައުމުގައި މިހާރު ހުރި ރިޒާވްގެ މިންވަރު ވަނީ 92 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނު އިރު ލަންކާގެ ރަސްމީ ރިޒާވްގައި ހުރީ 175 މިލިއަން ޑޮލަރެވެ. ރަންތައް ވިއްކުމާ ގުޅިގެން ރަސްމީ ރިޒާވުން ވަނީ 47 ޕަސެންޓް އުނިވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް މަރުކަޒީ ބޭންކުން ވަނީ ގަނޑުރަންތަކެއް ވިއްކައިފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނު އިރު، ލަންކާގެ މަރުކަޒީ ބޭންކުގެ ރިޒާވްގައި 3.1 ޓަނުގެ ގަނޑުރަން ހުއްޓެވެ.

ނަމަވެސް އެންމެ ފަހުން ވިއްކައިލި ގަނޑުރަންތަކުގެ ސަބަބުން، މަރުކަޒީ ބޭންކުގެ ރިޒާވްގައި ހުރި ގަނޑުރަނުގެ މިންވަރު މިހާރުވާނީ 1.6 ޓަނަށް މަދުވެފައި ކަމަށް ލަފާކުރެވެ އެވެ. މަރުކަޒީ ބޭންކުގެ ގަވަރުނަރު ނިވާޑް ކަބްރާލް ވިދާޅުވި ގޮތުގައި ޖުމްލަ ރިޒާވް ދަށަށް ދިޔަ ކަމުގައި ވިޔަސް، ގަނޑުރަންތައް ވިއްކުމުން ދައުލަތުގެ މާލީ މުދާ އިތުރުވެގެންދާނެ އެވެ.

ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ޑިސެމްބަރު މަސް ނިމުނު އިރު ލަންކާގެ ބޭރުގެ ރިޒާވްގައި ހުރީ 3.1 ބިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު އެ އަދަދު ވަނީ 2.3 ބިލިއަން ޑޮލަރަށް މަދުވެފަ އެވެ. އަދި ބޭރު ފައިސާގެ ރިޒާވް ވެސް ޑިސެމްބަރު މަހުގެ ތެރޭގައި 2.77 ބިލިއަން ޑޮލަރުގައި ހުރުމަށް ފަހު، މިދިޔަ ޖެނުއަރީ މަހު އެ އަދަދު ވަނީ 2.07 ބިލިއަން ޑޮލަރަށް ދަށްވެފަ އެވެ.