Roadha Mihaaru
ތެޔޮ ނުގަނެވި، ލަންކާ އިން ކަރަންޓް ކަނޑަނީ

ޑޮލަރުގެ ތާށިކަމާ ހެދި ތެޔޮ ނުގަނެވި، ލަންކާ އިން ކަރަންޓް ކަނޑަނީ

09 ޖެނުއަރީ 2022

ކޮލަމްބޯ (ޖެނުއަރީ 9) - ލަންކާ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ ހެދި ތެޔޮ ގަންނާނެ ފައިސާ ލިބުން ދަތިވުމާ ގުޅިގެން މުޅި ގައުމުން އެއް ގަޑިއިރަށް ކަރަންޓް ކަނޑަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖެނުއަރީ 9) - ލަންކާ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ ހެދި ތެޔޮ ގަންނާނެ ފައިސާ ލިބުން ދަތިވުމާ ގުޅިގެން މުޅި ގައުމުން އެއް ގަޑިއިރަށް ކަރަންޓް ކަނޑަން ފަށައިފި އެވެ.

ލަންކާގައި އުފައްދާ ކަރަންޓުގެ ނުވަ ޕަސެންޓް އުފައްދަނީ ތެޔޮ ބޭނުންކޮށްގެންނެވެ. ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) ގެ އޮފިޝަލަކު ވިދާޅުވީ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ތެޔޮ ގަންނާނެ ޑޮލަރު ސީއީބީގައި ނެތް ކަމަށެވެ. އެހެންވެ ކަރަންޓް އުފެއްދުމުގައި ސީއީބީން މިހާރު ބަރޯސާވާން ޖެހިފައި ވަނީ ކޯލް އާއި ހައިޑްރޯ-ޕަވާ އުފައްދާ ފެސިލިޓީތަކަށެވެ. އެކަށީގެންވާ ވަރަށް ކަރަންޓް އުފައްދަން ދަތިވުމުން މުޅި ގައުމުގައި ވެސް ރޮޓޭޓްވާ ގޮތަށް އެއްގަޑިއިރަށް ކަރަންޓް ކަނޑަމުންދާ ކަމަށް ސީއީބީގެ އޮފިޝަލް ވިދާޅުވި އެވެ.

ކަރަންޓް ކެނޑުން ކުރިއަށް ގެންދާނީ ކިހާ މުއްދަތަކަށް ކަމަށް އޮފިޝަލް ވިދާޅެއް ނުވެ އެވެ. ނަމަވެސް 160 މެގަވޮޓުގެ ސަޕުގަސްކަންޑާ ޕަވަ ސްޓޭޝަނާއި ކޮލަމްބޯ ޕޯޓުގެ 60 މެގަވޮޓުގެ ޖެނަރޭޓަރު ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕަގަސްކަންޑާ ރިފައިނަރީ: ކްރޫޑް އޮއިލް އެތެރެކުރާނެ ޑޮލަރު ނެތުމުން އެ ރިފައިނަރީ ވަނީ ބަންދުކޮށްފައި. --ފޮޓޯ:އޭއެފްޕީ

ސުޕަގަސްކަންޑާ ރިފައިނަރީ: ކްރޫޑް އޮއިލް އެތެރެކުރާނެ ޑޮލަރު ނެތުމުން އެ ރިފައިނަރީ ވަނީ ބަންދުކޮށްފައި. --ފޮޓޯ:އޭއެފްޕީ

"ކަރަންޓް ކަނޑަން ޖެހުނީ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން އެކަށީގެންވާ ވަރަށް ތެޔޮ ސަޕްލައި ނުކޮށްދެވޭތީ،" އޭނާ ވިދާޅުވި އެވެ.

ލަންކާ އިން ކަރަންޓް ކަނޑަން ފަށާފައި މި ވަނީ ކުރިއަށް އޮތް ދެ ހަފުތާތެރޭ އެ ގައުމަށް ޕެޓްރޯލް އާއި ޑީސަލްގެ ތާށިކަން ކުރިމަތިވެދާނެކަމުގެ އިންޒާރު އެނާޖީ މިނިސްޓަރު ދެއްވާފައި ވަނިކޮށެވެ. މިނިސްޓަރު އުދަޔަ ގައްމަންޕިލަ ވިދާޅުވީ ތެލުގެ ސަޕްލައިގެ އާ އޯޑަރެއް ނުޖަހައިފި ނަމަ ޓްރާންސްޕޯޓް ފިއުލް ވެސް ޖެނުއަރީ މަހުގެ ތިން ވަނަ ހަފުތާގައި ހުސްވާނެ ކަމަށެވެ.

"މި މައްސަލަ ކެބިނެޓަށް ވެސް ހުށަހަޅައިފިން. އަދި ޑޮލަރުގެ ކޮންވެސް ބައެއް ތެލަށާއި ބޭސް އިމްޕޯޓަށް ރިޒާވްކުރުމަށް، އަށް ފަހަރު ވާނީ ކެބިނެޓުގައި އެދިފައި،" ގައްމަންޕިލަ ވިދާޅުވި އެވެ.

ދެ ހަފުތާ ކުރިން ތެލުގެ އަގު ވަނީ 10 ޕަސެންޓް ބޮޑުކޮށްފަ އެވެ. މިދިޔަ ހަފުތާގައި ވަނީ ހިކި ކިރުގެ އަގު 12.5 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.

ލަންކާ އަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެ ހިކި ކިރާއި ހަކުރު، ކައްކާ ކޭސް އަދި ސިމެންތި މިހާރު ވެސް ވިއްކަނީ ކޮންޓްރޯލް ކޮށްގެންނެވެ.

ލަންކާގައި ކާބޯތަކެތީގެ އަގު މިދިޔަ ޑިސެމްބަރު މަހު ރެކޯޑް މިންވަރެއް ކަމަށްވާ 22.1 ޕަސެންޓަށް މައްޗަށް ޖެހިފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ވަނީ ދައްކައިފަ އެވެ.

ސްރީ ލަންކާގައި ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެ އެ ގައުމުގެ 26 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެކަމާ މެދު ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ލަންކާގެ އިގްތިސާދުގެ ބޮޑު ބައެއް ޓޫރިޒަމަށް ބަރޯސާވެފައިވީ ނަމަވެސް، ކޮވިޑަށް ފަހު އެ އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ފޮރިން އެކްސްޗޭންޖް ރިޒާވް ހިފެހެއްޓުމަށް ޓަކައި ލަންކާ އިން މިހާރު ވަނީ އިމްޕޯޓުގެ ކޮންޓްރޯލެއް އިއުލާންކޮށްފަ އެވެ. އިމްޕޯޓަށް ފައިސާ ދައްކަން ކޮމާޝަލް ބޭންކްތަކުން ޑޮލަރު ވަނީ ހުސްވެފަ އެވެ.

ނޮވެމްބަރު މަސް ނިމުނުއިރު ލަންކާގެ ފޮރިން ރިޒާވް އަކީ 1.58 ބިލިއަން ޑޮލަރެވެ. ރައީސް ގޯޓާބޭ ރާޖަޕަކްސާ 2019 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ފޮރިން ރިޒާވް އަކީ 7.5 ބިލިއަން ޑޮލަރެވެ. ލަންކާ އިން މިިދިޔަ ހަފުތާގައި ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ޗައިނާއިން ނަގައިފަ އެވެ. އަދި 2021 ވަނަ އަހަރު ނިމުނުއިރު ފޮރިން ރިޒާވް 3.1 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.