Roadha Mihaaru
ޑްރަގް ޓްރެފިކިން މައްސަލައެއްގައި އެންސިސްއަށް ތުހުމަތު

ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި ދައުލަތުން އެންސިސް އަށް ބޮޑު ތުހުމަތެއް

09 ފެބުރުއަރީ 2022

ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ބިމެއްގައި މަސްތުވާތަކެތި ގެންގުޅެ އެއިން ވިޔަފާރިކުރި މީހުންގެ މައްސަލައިގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް އެ ކުންފުނިން ނުފޫޒު ފޯރުވާ ކަމަށާއި ކުރިން ވެސް އެންސިސްގެ ގުދަނަކުން ޑްރަގްސް ފެނުނު މައްސަލަ ސާބިތު ނުވީ، ހެކިބަސް ދޭން ހުރި ބިދޭސީއަކު އެ ކުންފުނިން ރާއްޖޭން ބޭރަށް ފޮނުވައިލުމުން ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ބިމެއްގައި މަސްތުވާތަކެތި ގެންގުޅެ އެއިން ވިޔަފާރިކުރި މީހުންގެ މައްސަލައިގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް އެ ކުންފުނިން ނުފޫޒު ފޯރުވާ ކަމަށާއި ކުރިން ވެސް އެންސިސްގެ ގުދަނަކުން ޑްރަގްސް ފެނުނު މައްސަލަ ސާބިތު ނުވީ، ހެކިބަސް ދޭން ހުރި ބިދޭސީއަކު އެ ކުންފުނިން ރާއްޖޭން ބޭރަށް ފޮނުވައިލުމުން ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޖޫން 2020 ގައި ހުޅުމާލެ އިން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދުގެ ޝަރީއަތުގަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އަފްސަލްގެ ބޭސްފަރުވާ އަށް ދައުލަތުން އިހުމާލުވާ ކަމަށް ނިންމައި މިއަދު އަފްސަލް ދޫކޮށްލާފައި ވާއިރު މި މައްސަލައިގައި ދެން ދައުވާ ލިބޭ ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ދައުލަތުން އެދިގެން ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވައިފަ އެވެ.

މި މައްސަލައިގައި ފާސްކުރި ތަނުން 6.8 ކިލޯގެ ކެނަބިސް ފުލުހުންނަށް ފެނިފައިވެ އެވެ.

އަފްސަލްގެ ބަންދު ދަމަހައްޓައިދޭން އެދި ދައުލަތުން އެންމެ ބޮޑަށް ވަކާލާތުކުރީ މައްސަލައިގައި ހެކިބަސް ދޭން ތިބި އެންސިސްގެ ބިދޭސީ ދެ މުވައްޒަފަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމެވެ. އެކަމަކު، އެންމެ ފަހުން އޮތް އަޑުއެހުމުގައި އަފްސަލްގެ ދިފާއީ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ، އެ ދެ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންވެ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް މިހާރު ވުޖޫދުގައި ނެތް ކަމަށެވެ. އެހެންވެ، އެ ދުވަހު ގާޒީ އިސްމާއިލް ޝަފީއު އެންގެވީ އެކަން ހިނގާފައިވާ ގޮތެއް އިމިގްރޭޝަނުން ސާފުކުރުމަށެވެ.

ހެކިބަސް ދޭން ތިބި ބިދޭސީން ފޮނުވާލާފައި

އަފްސަލްގެ ދަށުން މަސައްކަތްކުރި މި ދެ ބިދޭސީން ފުރުވައިލުމާ ބެހޭ ގޮތުން އިމިގްރޭޝަނުން ދިން ސިޓީގެ ތަފްސީލް ދެއްވަމުން ގާޒީ ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 17 ގައި އޭގެ ތެރެއިން އެކަކު ރާއްޖޭން ދިޔަ ގޮތަށް އެނބުރި އައިސްފައިނުވާ ކަމަށާއި އަދި އަނެއް މީހާ ސެޕްޓެމްބަރު 27 ގައި ރާއްޖޭން ފުރައިގެން ދިއުމަށް ފަހު ޑިސެމްބަރު 21 ގައި ރާއްޖެ އައި އިރު އެމްޕްލޯޔަރު އޮތީ ވާކް ޕާމިޓް ކެންސަލްކޮށްފައި ކަމަށާއި އެހެންވެ އެ ދެ މީހުން ވެސް މިހާރު ރާއްޖެއަކު ނޫޅޭ ކަމަށެވެ.

ދިފާއީ ވަކީލް އިސްމާއިލް މުހައްމަދު ވިދާޅުވީ، އެ ދެ ބިދޭސީން ރާއްޖޭން ޑީޕޯޓް ކޮށްފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދިން ކަމަށް ކުރިން ބުންޏަސް މިހާރު އެ ވަނީ ކަން ހިނގާފައިވާ ގޮތް ސާފުވެފައި ކަމަށެވެ. އެއިން އެކަކަށް ރާއްޖެ ނާދެވޭނެ ކަމަށާއި އަނެއް މީހާ ކޯޓާ ހޯދައިގެން ރާއްޖެ އަންނަން މަސައްކަތްކުރާ ކަމެއް ވެސް އެނގެން ނެތް ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ. އަދި އަފްސަލް ބަންދުން ދޫކޮށްލާފައި ހުރި އިރު ވެސް ހެއްކަށް ނުފޫޒު ނުފޯރުވާ ކަމަށާއި މުޖުތަމައަށް ނުރައްކަލެއް އޮތް ކަމެއް ވެސް ކޮށްފައި ނެތް ކަމަށް ކުރިން ބުނެފައިވާއިރު، ކިތަންމެ ހަރުކަށި ޝަރުތެއް ކަނޑައަޅާފައި ވިޔަސް ބަންދުން ދޫކޮށްލުމަށް ދިފާއީ ވަކީލު އެދިވަޑައިގަތެވެ.

ދައުލަތުން އެންސިސް އަށް ބޮޑު ތުހުމަތެއް

އަފްސަލް ބަންދުގައި ބަހައްޓަންޖެހޭ މައިގަނޑު ސަބަބަކީ ހެއްކަން ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތުން ކަމަށް ދައުލަތުން ކުރިން ބުނި ނަމަވެސް މިއަދު ބުނީ އަފްސަލްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ސަބަބު ވެސް އެބަ އޮތް ކަމަށެވެ.

ދައުލަތުން ބުނިގޮތުގައި، މި މައްސަލައިގައި ދެން ހިމެނޭ މުހައްމަދު ޝަރީފަކީ މީގެ ކުރިން ވެސް އެންސިސްގެ ގުދަނެއްގެ ތެރޭގައި މަސްތުވާތަކެތި ބަހައްޓައިގެން އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ދައުވާ ލިބިފައިވާ މީހެކެވެ. ދައުލަތުން ބުނީ މައްސަލާގައި ދެން ހިމެނޭ މީހާގެ މައްޗަށް މީގެ ކުރިން ދައުވާކޮށް ސާބިތު ނުވި ހުކުމުގެ ހުލާސާ ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށާއި އެ އަށް ބެލުމުން ވެސް އެ ފަހަރު ވެސް އަފްސަލްގެ ބައިވެރިވުން އޮތްކަމަށް ބެލެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެންސިސްގެ ޑިރެކްޓަރެއް ކަމަށްވާ ވަސީމަކީ އަފްސަލްގެ ތިމާގެ މީހެއް. ހަމަ އަފްސަލްގެ ބޭބެއެއް. އެހެންވެ ހެއްކަން ނުފޫޒު ފޯރުވުމުގެ ކަންކަން ކުރިއަށްދާކަން ކަށަވަރުވޭ މިހާރު މި މައްސަލާގައި ހެކިބަސްދޭން ތިބި ބިދޭސީން އެގޮތަށް ފުރުވާލާފައި ވުމާ ގުޅިގެން: ދައުލަތުގެ ވަކީލް

ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން ވާހަކަ ދައްކަވަމުން ދައުލަތުުގެ ވަކީލް ވިދާޅުވީ، ކުރީގެ މައްސަލައިގައި ވެސް ދައުލަތުން މައިގަނޑު ހެއްކެއްގެ ގޮތުގައި ހުށަހެޅީ އެންސިސްގައި މަސައްކަތްކުރާ ބިދޭސީއެއް ކަމަށާއި އެ ފަހަރު ވެސް ދައުވާ ސާބިތު ނުވީ އެ ބިދޭސީ މީހާ ރާއްޖޭން ފުރުވައިލުމުން އޭނާގެ ހެކިބަސް ނުލިބިގެން ކަމަށެވެ.

"ހަމަ އެ ޓްރެންޑް މި މައްސަލައިގެ ތެރެއިން ވެސް މި ފެންނަނީ. އެއީ މި މައްސަލާގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ދެ ބިދޭސީން މި ވަނީ ރާއްޖޭން ބޭރަށް ފުރުވާލާފައި،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ބިދޭސީންނާ ބެހޭ ގޮތުން އިމިގްރޭޝަނުން ދީފައިވާ ސިޓީއަށް ބެލުމުން، އެ މީހުން ރާއްޖޭން ފޮނުވަނީ ޗުއްޓީގެ ގޮތުގައި ކަމާއި އޭގެ ފަހުން ވޯކްޕާމިޓް ކެންސަލް ކޮށްފައިވާކަން އެނގޭ ކަމަށެވެ. ވޯކްޕާމިޓް ކެންސަލްކޮށްފައި ވަނީ ވެސް ބިދޭސީ މީހާ އަށް ނޭނގި ކަމަށާއި އޭނާ ޑީޕޯޓްކޮށްލީ އެކަން ނޭނގި ރާއްޖެ އައުމުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

"އެހެންވެ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ކަންކަން ކުރިއަށް ދާކަން އެބަ އެނގޭ،" ވަކީލް ވިދާޅުވި އެވެ.

"...މީގެ އިތުރުން އެންސިސްގެ ޑިރެކްޓަރެއް ކަމަށްވާ ވަސީމަކީ އަފްސަލްގެ ތިމާގެ މީހެއް. ހަމަ އަފްސަލްގެ ބޭބެއެއް. އެހެންވެ ހެއްކަން ނުފޫޒު ފޯރުވުމުގެ ކަންކަން ކުރިއަށްދާކަން ކަށަވަރުވޭ މިހާރު މި މައްސަލާގައި ހެކިބަސްދޭން ތިބި ބިދޭސީން އެގޮތަށް ފުރުވާލާފައި ވުމާ ގުޅިގެން."

ދައުލަތުން ބުނިގޮތުގައި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ވެރިޔާ ވަނީ އެންސިސްގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ކުރީގެ މައްސަލައިގައި ކަން ހިނގި ގޮތަށް ކަންތައް ތަކުރާރު ނުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެކަމަކު މި ފަހަރު ވެސް އެކަން ތަކުރާރުވީ ކަމަށް ދައުލަތުން ބުންޏެވެ.

މި ދެ ބިދޭސީންގެ އިތުރުން އެންސިސްގެ ސީނިއާ މެނޭޖަރެއް ކަމަށްވާ އިސްމާއިލް އަލީ ޖަލީލް ވެސް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވާއިރު އޭނާ އަށް ވެސް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ދައުލަތުން ބުނެ އެވެ. އެއީ އެންސިސްގެ ސީނިއާ ޑިރެކްޓަރެއްގެ ގޮތުގައި އަފްސަލްއާ ތިމާގެ މީހެއް ހުރުމުންކަން ފާހަގަކޮށް، ދައުލަތުން ބުނީ ދެ ބިދޭސީން ފުރުވައިލިކަން ދިފާއީ ވަކީލަށް އެނގިވަޑައިގަތީ ވެސް އާއިލާގެ ފަރާތުން ކަމަށް ބުނެފައި ވާތީ އެކަމުން ވެސް އެނގެނީ އަފްސަލްގެ ބޭބެ ވަސީމްގެ ފަރާތުން އެ މައުލޫމާތު އާއިލާ އަށް ދީފައިވުން ކަމަށެވެ.

ވަރަށް ބޮޑު ތުހުމަތެއް، އެހެން ނުބުނެވޭނެ

ދިފާއީ ވަކީލް އިސްމާއިލް ވިދާޅުވިގޮތުގައި، އަފްސަލް ހެއްކަށް ނުފޫޒު ފޯރުވާކަން ދެއްކުމަށް ދައުލަތުން ވާހަކަ ދައްކަނީ މުޅި އެންސިސް އަކީ އަފްސަލް ކަމަށް ބަލައިގެންނެވެ. އެންސިސް އިން މީހަކު ފޮނުވައިލިޔަސް އެއީ އަފްސަލް ނުފޫޒު ފޯރުވައިގެން ފޮނުވައިލީ ކަމަށް ދައުލަތުން ބުނާ ކަމަށާއި އެ މޭރުމުން ވާހަކަ ނުދެއްކެވޭނެ ކަމަށް ދިފާއި ވަކީލް ވިދާޅުވި އެވެ.

"އެންސިސް އަކީ ވަކި ކުންފުންޏެއް. ބޮޑު އިންޑަސްޓްރީއެއް ގޮތަށް ހިންގާ ކުންފުންޏެއް އެއީ. އެ ކުންފުނީގައި ހުންނަ ކަންކަމާއި އެ ކުންފުނިން މީހުން ފޮނުވާލާނީތޯ، މީހަކު ބަހައްޓާނީތޯ އެއީ އަފްސަލްއާ ބެހޭ ކަމެއް ނޫން،" ވަކީލް އިސްމާއިލް ރައްދުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުން މަސައްކަތް ކުރަނީ މުޅި އެންސިސް އަކީ އަފްސަލް ކަމަށް ޝަރީއަތަށް ދައްކަން ކަމަށެވެ.

ނަމާ އެއްކޮށް ކިޔާފައި، ވަސީމް ކިޔާ މީހަކު މި މައްސަލާގައި އުޅޭ މީހުންނަށް ނުފޫޒު ފޯރުވައޭ. ވަރަށް ބޮޑު ތުހުމަތެކޭ އެ ކުރައްވަނީ، އިއްޒަތްތެރި ފަނޑިޔާރު. އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކުރަން އަމުރުކުރައްވައިފިތޯ ޕްރޮސިކިއުޓާ ޖެނެރަލް: ދިފާއީ ވަކީލް

އެންސިސްގެ މި އަމަލަކީ ހެއްކަށް ނުފޫޒު ފޯރުވުން ކަމަށް ދައުލަތުން ދެކޭ ނަމަ އެ މައްސަލަ ތަހުގީގު ކުރޭތޯ ޝަރީއަތުން ބެއްލެވުމަށް ވެސް ވަކީލް އެދިވަޑައިގަތެވެ.

"ނަމާ އެއްކޮށް ކިޔާފައި، ވަސީމް ކިޔާ މީހަކު މި މައްސަލާގައި އުޅޭ މީހުންނަށް ނުފޫޒު ފޯރުވައޭ. ވަރަށް ބޮޑު ތުހުމަތެކޭ އެ ކުރައްވަނީ، އިއްޒަތްތެރި ފަނޑިޔާރު. އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަން އަމުރުކުރައްވައިފިތޯ ޕްރޮސިކިއުޓާ ޖެނެރަލް؟ ތަހުގީގު ކުރީމާ ނޫންތޯ އެނގޭނީ އެއީ އަފްސަލް ބުނެގެން، އަފްސަލްގެ އާއިލާއިން ބުނެގެން، ވަސީމް ކިޔާ މީހަކު ބަންގްލަދޭޝް ދެ މީހުން ރާއްޖޭން ފޮނުވާލައިގެން އުޅޭކަން،" ވަކީލް އިސްމާއިލް ވިދާޅުވި އެވެ.

ދޫކޮށްލީ ފަރުވާއަށް އިހުމާލުވާ ކަމަށް ފެންނާތީ

އަފްސަލްގެ ބޭސްފަރުވާ އަށް ދައުލަތުން އިހުމާލުވާ ކަމަށް ބުނާ މައްސަލައިގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ހައ ކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާ ގޮތަށް ބޭސް ފަރުވާގެ ކަންކަން އަފްސަލަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެހެންވެ ދައުލަތުން އެދުނީ މި ކަންކަމަށް ރިއާޔަތްކޮށް، ޝަރީއަތް ނިމެންދެން އަފްސަލް ބަންދުގައި ބަހައްޓަން ކުރިން ކޮށްފައިވާ އަމުރު ދަމަހައްޓައިދިނުމަށެވެ.

ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އަފްސަލް ފިޒިއޮތެރަޕީ ހަދަން ޑޮކްޓަރު ލަފާ ދެއްވިތާ 11 މަސް ވެފައިވާ ކަމަށާއި ކުރީގެ ޝަރީއަތުގައި ބޭސްފަރުވާގެ ކަންކަމުގެ މައުލޫތު ދޭން އަންގާފައި ވިޔަސް ފިޒިއޮތެރަޕީ ދިނުމާ ބެހޭ ގޮތުން އަދިވެސް އަޕްޑޭޓެއް ލިބިފައި ނެތް ކަމަށެވެ. ކުރީ ދުވަހުގެ ޝަރީއަތުގައި ދެއްކެވި ވާހަކަތައް ތަކުރާރުކުރައްވައި، ގާޒީ މިއަދު ވިދާޅުވީ ދައުލަތުން އަފްސަލްގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލުވެފައިވާކަން ފާޅުކަން ބޮޑުކޮށް އެނގެން އެބަ އޮތް ކަމަށާއި ޝަރީއަތަށް ކިޔުމާ އެކު ބަރާބަރަށް ޑޮކްޓަރަށް ދެއްކޭ ކަމަށެވެ.

ގާޒީ ވިދާޅުވިގޮތުގައި މި ފަހަރު ވެސް ކަން ހިނގީ އެހެންނެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގެ ފަހުން ބަރާބަރަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެކަމަކު އަދިވެސް ފިޒިއޮތެރަޕީ ނުހެދޭ ކަމަށާއި އެއީ ކީއްވެތޯ ސުވާލުކުރެއްވުމުން ދައުލަތުން ބުނީ އަފްސަލް ފިޒިއޮތެރަޕީ ހަދަން ޑޮކްޓަރު ލަފާ ދެއްވީ މީގެ ކުރިން އޭނާ ބަންދުން ދޫކޮށްލާފައި ހުއްޓާ ކަމަށާއި ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ އެފަދަ ލަފައެއް ލިބިފައި ނެތް ކަމަށެވެ. އެހެންވެ، އެ ފަރުވާ ކުރިއަށް ގެންދަން ވެސް ބަންދުގައި ހުއްޓާ ލަފައެއް ނުލިބޭ ކަމަށް ދައުލަތުން ބުންނެވެ

މިގޮތަށް ބުނުމުން ގާޒީ ވަނީ ބަންދުގައި މީހާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެންވެ ފަރުވާގެ ކަންކަމާ ޒިންމާވާނީ ދެން ކާކުތޯ ސުވާލު ކުރައްވައިފަ އެވެ. ދިފާއީ ވަކީލް ވިދާޅުވީ، ބަންދުން ދޫކޮށްލާފައި ހުއްޓާ ޑޮކްޓަރު ލަފައެއް ދީފައި އޮތަސް، އެކަން ފުލުންނަށް އަދި ކަރެކްޝަނަލް ސާވިސްގެ ސަމާލުކަމަށް ވެސް ގެނެސްފައި ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފިޒިއޮތެރަޕީ ނުލިބިގެން ޝަކުވާ ފޯމު ވެސް ހުށަހެޅި ކަމަށާއި އެ ހިސާބުން ވެސް އެ ފަރުވާ ދޭން ޖެހޭނެކަން އެނގޭނެ ކަމަށެވެ. ޝަރީއަތުން އަމުރު ކުރެއްވުމުން ވެސް އެ ފަރުވާ ދީފައި ނުވާ ކަމަށާއި މިއީ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވި އެވެ.