Roadha Mihaaru
ކޮވިޑުން ރަނގަޅުވެ ޓުޗެލް ކްލަބް ވޯލްޑްކަޕް ފައިނަލަށް

ކޮވިޑުން ރަނގަޅުވެ، ކްލަބް ވޯލްޑް ކަޕް ފައިނަލަށް ޓުޗެލް ޓީމާ ގުޅިއްޖެ

12 ފެބުރުއަރީ 2022

އަބޫ ދާބީ (ފެބްރުއަރީ 12) - ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެންމެ ފަހުން ޗެލްސީ ކުޅުނު ދެ މެޗު ވެސް ގެއްލުނު ކޯޗު ތޯމަސް ޓުޗެލް ބަލިން ރަނގަޅުވެ، ފީފާ ކްލަބް ވޯލްޑް ކަޕް ފައިނަލުގެ ކުރިން ޓީމާ ގުޅިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަބޫ ދާބީ (ފެބްރުއަރީ 12) - ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެންމެ ފަހުން ޗެލްސީ ކުޅުނު ދެ މެޗު ވެސް ގެއްލުނު ކޯޗު ތޯމަސް ޓުޗެލް ބަލިން ރަނގަޅުވެ، ފީފާ ކްލަބް ވޯލްޑް ކަޕް ފައިނަލުގެ ކުރިން ޓީމާ ގުޅިއްޖެ އެވެ.

ނެގެޓިވް ޕީސީއާރު ނަތީޖާއަކާ އެކު ޓުޗެލް ޗެލްސީއާ ގުޅެން ޔޫއޭއީ އަށް ދިޔައީ އިއްޔެ އެވެ. އޭގެ ކުރިން މިދިޔަ ހަފްތާގައި އެފްއޭ ކަޕުގައި ޕްލިމޮތު އާގައިލްއާ ދެކޮޅަށް ކުޅުނު މެޗުގައި އެސިސްޓެންޓް ހެޑް ކޯޗު އާނޯ މިޗެލްސް ޓީމަށް އިރުޝާދު ދިންއިރު، ކްލަބް ވޯލްޑް ކަޕް ސެމީ ފައިނަލުގައި އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗުގައި އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ޒޮލްޓް ލޯ އެވެ. ދެ މެޗުން ވެސް ޗެލްސީ މޮޅުވީ 1-0 އިންނެވެ.

ފައިނަލުގައި ޗެލްސީ ކުޅޭނީ ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ޕަލްމެއިރާސްއާ ދެކޮޅަށެވެ. މިއީ ޕަލްމެއިރާސް ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ނަމަވެސް ޗެލްސީ ވަނީ މީގެ ކުރިން 2012 ވަނަ އަހަރު ފައިނަލުގައި ކުޅެފަ އެވެ. އެ އަހަރުގެ ފައިނަލުން ޗެލްސީ ބަލިވީ ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަނުންގެ ގޮތުގައި މުބާރާތުގައި ވާދަކުރި ބްރެޒިލްގެ ކޮރިންތިއަންސް އަތުންނެވެ.

މިއީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ގައި ޗެލްސީއާ ހަވާލުވެ، ޓުޗެލް ޗެލްސީ ގޮވައިގެން ދަތުރުކުރި ފަސްވަނަ ފައިނަލެވެ. މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލުގައި ލެސްޓާ ސިޓީ އަތުން ބަލިވި ނަމަވެސް ޗެމްޕިއަންސް ލީގުގައި ވަނީ ވަރުގަދަ ރެއާލް މެޑްރިޑް ކަޓުވާލައި ފައިނަލަށް ގޮސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މި ސީޒަން ފަށަން ވެގެން ކުޅުނު ޔޫއެފާ ސުޕަ ކަޕް ވެސް އޭނާ ޗެލްސީއަށް ކާމިޔާބު ކޮށްދިންއިރު، މިދިޔަ މަހު ވަނީ އިނގިރޭސި ލީގް ކަޕު ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ.

ފައިނަލް މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗެލްސީގެ އެސިސްޓެންޓް ކޯޗު ލޯ ބުނީ، ޕަލްމެއިރާސް އަކީ ވަރުގަދަ ޓީމެއް ކަމަށާއި، ޗެލްސީ އަށް ފަސޭހަ ނުވާނެ ކަމަށެވެ. ނަމަވެސް ކޯޗު ޓުޗެލް ޓީމާ ގުޅުމުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

"ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައި ފެވަރިޓުންގެ އިހްސާސް ވާން ބޭނުން. މެޗަށް ނުކުންނާނީ ޔަގީންކަމާ އެކު. ފުރަތަމަ މެޗުގައި ކުޅުންތެރިން މާޔޫސްވެފައި ތިބި ކަމުގެ އިހްސާސް ކުރެވުނު ވާހަކަ ކުރިން ވެސް ދެކެވުނު. އެކަމަކު އެކަމެއް ނޯންނާނެ މިހާރު. ހުރިހާ ކުޅުންތެރިން ވެސް ތިބީ ތައްޔާރަށް،" ލޯ ބުންޏެވެ.

ސެނެގާލްއާ އެކު އެފްރިކަން ކަޕް ކާމިޔާބުކުރި ގޯލްކީޕަރު އެޑުއާޑް މެންޑީ ވަނީ ސެމީ ފައިނަލް މެޗުގެ ކުރިން ޓީމާ ގުޅިފަ އެވެ. ލީ ބުނީ، އެ މެޗުގައި އޭނާ ހުރީ ވަރުބަލިވެފައި ކަމަށާއި، ނަމަވެސް އަރާމު ކުރުމަށް ފަހު އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި ވާކަމަށެވެ.

މެންޑީ ގައުމީ ޓީމާ ގުޅުމުން ޗެލްސީގެ ގޯލު ބެލެހެއްޓީ ކެޕާ އަރިޒަބަލާގާ އެވެ. އޭނާ ވަނީ މިދިޔަ މަހުން ފެށިގެން ޗެލްސީ ކުޅުނު ހުރިހާ މެޗެއްގައި ވެސް އޭނާގެ ރޯލު އެންމެ ފުރިހަމައަށް އަދާ ކޮށްފަ އެވެ. އެފްއޭ ކަޕް ސެމީ ފައިނަލުގެ ދެ ލެގު ވެސް ބައިކޮޅަށް ގޯލެއް ނުވަދެ ނިންމާލިއިރު، އެފްއޭކަޕް މެޗުގައި ފަހު ވަގުތު ޕެނަލްޓީއެއް މަތަކޮށް ޓީމު ސަލާމަތް ކޮށްދިނެވެ. އަދި ކްލަބް ވޯލްޑް ކަޕް ސެމީ ފައިނަލުގައި އަލް ހިލާލް އިން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ވެސް ވަނީ ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.

މެންޑީ އެނބުރި އައީ އެފްރިކަން ކަޕް ޗެމްޕިއަންކަމާ އެކު މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމާ ވެސް އެކު އެވެ. ނަމަވެސް އެސިސްޓެންޓް ކޯޗު ލޯ ބުނީ، ފައިނަލުގައި ބެންޗުގައި އިންނަން ޖެހޭ ކީޕަރު އެއްވެސް ވަރަކަށް މާޔޫސް ވާން ނުޖެހޭނެ ކަމާއި، ފައިނަލުގައި ސްޓާޓް ކުރާނެ ކީޕަރެއް ނިންމާނީ މެޗުގެ ކުރިން ޓުޗެލްއާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

"އަހަރެމެން ޓުޗެލްއާ ވާހަކަ ދައްކާނަން އެކަމުގައި. ސްޓާޓް ކުރާނެ ކީޕަރެއް ފައިނަލް ކުރާނީ މެޗު ފެށުމުގެ އިރުކޮޅެއް ކުރިން. ބެންޗުގައި އިންނަން ޖެހޭ ކީޕަރު ދެރަވެ މާޔޫސް ވާން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ދެ ކީޕަރުން ވެސް މިދިޔަ ހަފްތާތަކުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައި،" ފޯމުގައި ތިބި ދެ ކީޕަރުންނާ ލޯ ބުންޏެވެ.

ފީފާ ކްލަބް ވޯލްޑް ކަޕުގައި ޕަލްމެއިރަސްއާ ދެކޮޅަށް ޗެލްސީ ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގަ އެވެ.