Roadha Mihaaru
ޗެލްސީ އެންމެ ފަހުން ދުނިޔޭގެ ޗެމްޕިއަނުންނަށް!

ޗެލްސީ އެންމެ ފަހުން ދުނިޔޭގެ ޗެމްޕިއަނުންނަށް!

13 ފެބުރުއަރީ 2022

އަބޫ ދާބީ (ޖެނުއަރީ 12) - ބްރެޒިލްގެ ޕަލްމެއިރާސް 2-1 އިން ބަލިކޮށް އިނގިރޭސި ވިލާތުގެ ޗެލްސީ އިން ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަބޫ ދާބީ (ޖެނުއަރީ 12) - ބްރެޒިލްގެ ޕަލްމެއިރާސް 2-1 އިން ބަލިކޮށް އިނގިރޭސި ވިލާތުގެ ޗެލްސީ އިން ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.

ދެނުކު އެމެރިކާގެ ޗެމްޕިއަނުންނާ ދެކޮޅަށް ޗެލްސީން އަބޫ ދާބީގެ މުހައްމަދު ބިން ޒައިދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 90 މިނިޓު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފް ކުޅޭށެވެ.

ޗެލްސީ އަށް މި މެޗުގައި އިރުޝާދު ދިނީ އެ ޓީމުގެ ހެޑް ހޯޗު ތޯމަސް ޓުކެލް އެވެ. ކޮވިޑުން ރަނގަޅުވެ، އޭނާ ޓީމާ ގުޅުނީ އިއްޔެ އެވެ. މި ފައިނަލް މެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ އެޑުއާޑް މެންޑީ އެވެ. މިއީ ސެނެގާލަށް އެފްރިކަން ކަޕް ކާމިޔާބު ކޮށްދިނުމަށް ފަހު އެނބުރި ޗެލްސީ އަށް ގޮސް ކުޅުނު ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ޗެލްސީގެ މޭސަން މައުންޓަށް އަނިޔާ ވެގެން ބަދަލުކުރިއިރު އޭނާގެ ބަދަލުގައި ކުޅެން އެރުވީ ކްރިސްޓިއަން ޕުލިސިކެވެ. އެ ބަދަލާއެކު، ޕުލިސިކް ވެފައި ވަނީ ކްލަބް ވޯލްޑް ކަޕް ފައިނަލެއްގައި ކުޅުނު ފުރަތަމަ އެމެރިކާ ކުޅުންތެރިޔާއަށެވެ.

ލުކާކޫ މެޗުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލުކާކޫ މެޗުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން މެޗުގައި ފުރަތަމަ ލީޑް ނެގީ 55 ވަނަ މިނިޓުގައި ކެލަމް ހަޑްސަން އޮޑޯއި ނެގި ހުރަހަކުން ރޮމެލޫ ލުކާކޫ އެވެ. ސެމީ ފައިނަލުގައި ޗެލްސީން ޖެހި ހަމައެކަނި ލަނޑު ވެސް ޖެހީ އޭނާ އެވެ.

ޗެލްސީން ލީޑް ނެގިތާ މާ އިރެއް ނުވެ، ތިއާގޯ ސިލްވާ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން 61 ވަނަ މިނިޓްގައި ޕަލްމެއިރާސް އިން ނަތީޖާ އެއްވަރުކުރި އެވެ. ޕަލްމެއިރާސްގެ ކުޅުންތެރިން ފުރަތަމަ އެޕީލް ކުރި ނަމަވެސް ރެފްރީ އެ ވަގުތު ނިންމީ ކުޅުން ކުރިއަށް ގެންދާށެވެ. ނަމަވެސް ފަހުން ވީއޭއާރު ބެލުމަށް ފަހު، ކަނޑައެޅީ އެއީ ޕެނަލްޓީއެއް ކަމަށެވެ. ޕަލްމެއިރާސް އަށް މި ޕެނަލްޓީ ޖަހައިދިނީ ރަފައެލް ވެއިގާ އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ކޮޕާ ލިބަޓަޑޯރެސް ފައިނަލުގައި ފްލަމެންގޯއާ ދެކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ.

ހަވާޓްޒް، ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހަވާޓްޒް، ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން މޮޅުވި ލަނޑު ޖެހީ 117 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކައި ހަވާޓްޒް އެވެ. މިދިޔަ އަހަރުގެ ޗެލްމިއަންސް ލީގް ފައިނަލުގައި ޗެލްސީން މޮޅުކޮށްދިން ލަނޑު ވެސް ޖަހައިދިނީ ހަވާޓްޒް އެވެ. އަޒްޕިލިކުއޭޓާ ފޮނުވައިލި ހަމަލާއެއް ޕަލްމެއިރާސްގެ ލުއާން އަތުގައި ޖެހުނު ކަމަށް ޗެލްސީން އެޕީލްކުރި ނަމަވެސް ރެފްރީ ޕެނަލްޓީ ދިނީ މާ ފަހުން ވީއޭއާރު ބެލުމަށް ފަހު އެވެ.

މެޗުގެ އެންމެ ފަހު މިނިޓުގައި ހަވާޓްޒް ހުސްކޮށް ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަންނަން ދަނިކޮށް ލުއާން އޭނާ އަށް ފައުލް ކުރުމުން، ވީއޭއާރު ބެލުމަށް ފަހު، އޭނާއަށް ސީދާ ރަތް ކާޑެއް ވެސް ރެފްރީ ދެއްކި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެލްސީގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި އެންޓޯނިއޯ ރުޑިގާ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ޗެލްސީ އެވެ.

ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ ވަނީ ޗެލްސީއާއެކު 2012 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. އޭނާ 2012 ގައި ޗެލްސީއާ ގުޅުނު ފަހުން ވަނީ ކްލަބް ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި ސުޕަ ކަޕާއި އެފްއޭ ކަޕާއި ލީގް ކަޕް އަދި ދެ ފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. ކާމިޔާބު ނުކުރެވި އޮތީ ހަމައެކަނި އެފްއޭ ކޮމިއުނިޓީ ޝީލްޑެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ތިއާގޯ ސިލްވާ.-- ފޮޓޯ: އޭއެފްޕީ

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ތިއާގޯ ސިލްވާ.-- ފޮޓޯ: އޭއެފްޕީ

ފީފާ ކްލަބް ވޯލްޑް ކަޕް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަ ށް ދޭ އެޑިޑާސް ރަން ބޯޅަ ހޯދީ ޗެލްސީ އަށް ކުޅޭ އުމުރުން 37 އަހަރުގެ ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ. ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިއަކަށް ޕަލްމެއިރާސްގެ ޑުޑޫ ހޮވުނުއިރު، ތިންވަނަ އަށް އެންމެ މޮޅު ކުޅުންތެރިއަކީ ޕަލްމެއިރާސްގެ ޑެނީލޯ އެވެ. މިއީ މުޅިން ވެސް ބްރެޒިލްގެ ކުޅުންތެރިންނެވެ.

މިއީ އިނގިރޭސި ކްލަބެއް، ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2008 ވަނަ އަހަރު ޗެލްސީ ބަލިކޮށް ވޯލްޑް ކަޕުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދިއިރު، ލިވަޕޫލުން ވަނީ 2019 ވަނަ އަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ޗެލްސީން ވަނީ 2012 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ. އެ ފަހަރު ޗެލްސީ ބަލިވީ ބްރެޒިލްގެ ކޮރިންތިއަންސް އަތުން 1-0 އިންނެވެ.

މިއީ ޕަލްމެއިރާސް މުބާރާތުގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މިއާއެކު އެ ޓީމު ވެފައި ވަނީ ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ބްރެޒިލްގެ އަށްވަނަ ކްލަބަށެވެ. ބްރެޒިލްގެ ތިން ކްލަބެއް ވަނީ މިހާތަނަށް ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އެއީ ކޮރިންތިއަންސް އާއި ސައޯ ޕައޮލޯ އަދި އިންޓަނޭކޮނާލް އެވެ. ކޮރިންތިއަންސް ވަނީ ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕް މުބާރާތުގެ ތިންވަނަ ހޯދީ މިސްރުގެ އަލް އަހްލީ ސްޕޯޓްސް ކުލަބުންނެވެ. އެ ޓީމު ވަނީ ރޭ ތިންވަނަ ހޮވަން ކުޅުނު މެޗުގައި 4-0 އިން ސައުދީ އަރަބިއްޔާގެ އަލް ހިލާލް ބަލިކޮށްފަ އެވެ.

މި އަހަރުގެ ކްލަބް ވޯލްޑް ކަޕަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖަޕާނުގައި ބާއްވާ ގޮތަށް ހަމަޖެހިފައި އޮތް މުބާރާތެކެވެ. ނަމަވެސް އެ މުބާރާތް ޔޫއޭއީ އަށް ބަދަލުކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ.