Roadha Mihaaru
ޗައިނާ އިން ހިފެހެއްޓި ޑްރޯން ދޭން އެއްބަސްވެއްޖެ

ޗައިނާ އިން ހިފެހެއްޓި އެމެރިކާގެ ޑްރޯން އަނބުރާ ދޭން އެއްބަސްވެއްޖެ

18 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 18) - ދެކުނު ޗައިނާ ކަނޑުން ޗައިނާ އިން ހިފެހެއްޓި، މީހަކު ނެތި ކަނޑުއަޑިން ދަތުރު ކުރެވޭ، އެމެރިކާގެ ޑްރޯނެއް އަނބުރާ ދޭން ބެއިޖިން އިން އެއްބަސްވެފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 18) - ދެކުނު ޗައިނާ ކަނޑުން ޗައިނާ އިން ހިފެހެއްޓި، މީހަކު ނެތި ކަނޑުއަޑިން ދަތުރު ކުރެވޭ، އެމެރިކާގެ ޑްރޯނެއް އަނބުރާ ދޭން ބެއިޖިން އިން އެއްބަސްވެފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

ކަނޑު އަޑިން ދުއްވާ އެމެރިކާގެ ޑްރޯން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ޗައިނާ އިން ހިފެހެއްޓީ ބުރާސްފަތި ދުވަހު އެވެ. ޑްރޯން ހިފަހައްޓަން ޖެހުނު ސަބަބެއް ޗައިނާ އިން ބުނެފައެއް ނުވެ އެވެ. އެކަމަކު ޗައިނާ އިން ބުނެފައި ވަނީ އެ ހާދިސާ އެމެރިކާ އިން މާބޮޑު ކޮށްލައިގެން އުޅޭ ކަމަށެވެ.

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ޗައިނާ އިން "ވައްކަމެއް ކޮށްފައިވާ" ކަމަށެވެ. އަދި އެ ޑްރޯން އެމެރިކާ އިން ބޭނުން ނޫން ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޓްވީޓް ކުރައްވައިފަ އެވެ.

މިއީ ފަހަކަށް އައިސް އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރިމަތިިވި އެންމެ ބޮޑު ހާދިސާ އެވެ.

ޕެންޓަގަނުން ބުނެފައި ވަނީ ކަނޑު އަޑީގެ ރިސާޗް އުޅަނދެއްގެ ގޮތުގައި ބޭނުންކުރި ޑްރޯން އަކީ ލޮނުގެ އަސަރު ހުރި މިންވަރާއި ފިނިހޫނުމިން ހުރި މިންވަރު ބެލުމަށް ބޭނުންކުރަމުން ދިޔަ އެއްޗެއް ކަމަށެވެ.

ޕެންޓަގަންގެ ތަރުޖަމާން ކެޕްޓަން ޖެފް ޑޭވިސް ވިދާޅުވީ އަނޑުއަޑީގެ އުޅަނދުން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ސާވޭއެއް ކުރަމުން ދިޔައީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އަދި ކަނޑުއަޑިން ނުނެގުމަށް އޭގައި އިނގިރޭސި އަކުރުން ލިޔެފައިވާނެ ކަމަށާއި އެއީ އެމެރިކާގެ އަމިއްލަ މިލްކެއް ކަމަށެވެ. އެފަދަ ކަމެއް ދެން ތަކުރާރު ނުކުރުމަށް ވެސް އެމެރިކާ އިން ވަނީ ޗައިނާ އަށް އިންޒާރުކޮށްފަ އެވެ.

ނަމަވެސް ޕެންޓަގަންގެ ތަރުޖަމާން ޕީޓާ ކުކް ވިދާޅުވީ ޑްރޯން ހަވާލު ކުރުމަށް ޗައިނާއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ޗައިނާގެ ޑިފެންސް މިނިސްޓްރީން ވެސް ވަނީ ރަނގަޅު ގޮތުގައި ޑްރޯން ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ.

ޕެންޓަގަނުން ބުނީ ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ސާވޭއެއްގައި އުޅުނު އެމެރިކާގެ ބޯޓު ޔޫއެސްއެންއެސް ބޯޑިޗުން ދޫކޮށްލި ކަނޑުއަޑީގައި ދުއްވާ އުޅަނދު ހިފެހެއްޓީ ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދެއް ކަމަށްވާ އޭއެސްއާރު-510 އިން ކަމަށެވެ.

މި ހާދިސާ ހިނގާފައި މި ވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ހިއްކި ރަށްތަކުގައި ހަތިޔާރު ޖަމާކުރަމުންދާ ކަމުގެ ސެޓެލައިޓް ފޮޓޯ ހެކި ލިބިފައިވާ ކަމަށް އެމެރިކާގެ ޖަމާއަތަކުން ބުނެފައި ވަނިކޮށެވެ.