Roadha Mihaaru
ކަނޑުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ ޒުވާބަކަށް

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ ޒުވާބަކަށް

10 އޯގަސްޓް 2021

ދެކުނު ޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތަކަށް ޗައިނާ އިން ގަދަކަމުން ވެރިވެގަނެގެން އުޅޭ ކަމަށް ބުނެ، އދ.ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން ޗައިނާ އަށް ވަރަށް ބޮޑަށް އިއްޔެ ފާޑު ކިޔައިފި އެވެ.

ދެކުނު ޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތަކަށް ޗައިނާ އިން ގަދަކަމުން ވެރިވެގަނެގެން އުޅޭ ކަމަށް ބުނެ، އދ.ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން ޗައިނާ އަށް ވަރަށް ބޮޑަށް އިއްޔެ ފާޑު ކިޔައިފި އެވެ.

ސަލާމަތީ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަމުން، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވި ގޮތުގައި، ދެކުނު ޗައިނާ ކަނޑުގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުތަކަށާއި ބައިނަލްއަގުވާމީ ވިޔަފާރިއަށް ވަރަށް ނުރައްކާތެރި ކަންތައްތަކެއް ކުރިމަތިވެދާނެ އެވެ.

ގުދުރަތީ އެތައް ވަސީލަތްތަކަކުން މުއްސަނދިވެފައިވާ، ދެކުނު ޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތަކަކީ، ޗައިނާގެ ސަރަހައްދެއް ކަމަށް އެ ގައުމުން ކަނޑައަޅާފައިވާ މައްސަލައިގައި، އެމެރިކާ އާއި ޗައިނާގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފަ އެވެ.

ދެކުނު ޗައިނާ ކަނޑުގެ ނުވަތަ އެހެން ކަނޑެއްގެ މިލްކުވެރިކަމާ މެދުގައި ކަމަށް ވިޔަސް، އަރައިރުމެއް އުފެދިއްޖެ ނަމަ، ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރަށާއި ވިޔަފާރިއަށް ވަރަށް ނުރައްކާތެރި ކަންތައްތަކެއް ކުރިމަތިވާނެ. (ބައިނަލްއަގުވާމީ) މިފަދަ ގާނޫނުތަކަށް އިހުމާލުވުމަށް އެއްވެސް ގައުމަކުން ޖެހިލުން ނުވުމަކީ، ހަމަނުޖެހުމާއި ގާނޫނުން ރެކިގަތުމުގެ ހުޅުގަނޑު ރޯވެދާނެ ކަމެއް،" ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވި އެވެ.

ޗައިނާ އިން ވަނީ، ދެކުނު ޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތަކަކީ އެ ގައުމުގެ އިމުގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ވިއެޓްނާމާއި މެލޭޝިޔާ އާއި ބުރޫނާއީ އަދި އިންޑޮނީޝިޔާ އާއި ފިލިޕީންސްގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ކުރިއްސުރެ ބަލަމުން އައި ސަރަހައްދުތައް ވެސް ހިމެނެ އެވެ.

ދެކުނު ޗައިނާ ކަނޑުގެ އެ ސަރަހައްދުގެ ތެރެއިން ކޮންމެ އަހަރަކު ވެސް އެތައް ޓްރިލިއަން ޑޮލަރެއްގެ ވިޔަފާރި ކުރެވެ އެވެ. އޭގެ އިތުރުން އެ ސަރަހައްދަކީ ކަނޑުމަހުގެ މަސްވެރިކަން ތިޔާގި އަދި ގުދުރަތީ ގޭހުން މުއްސަނދިވެފައިވާ ސަރަހައްދެކެވެ.

ބްލިންކެން ވިދާޅުވި ގޮތުގައި ގާނޫނާ ޚިލާފަށް ކަނޑުގެ ސަރަހައްދު އަމިއްލަކުރުމާ ގުޅިގެން، އެ ސަރަހައްދުގައި ބައެއް ކަނޑުގެ އުޅަނދުތަކުގެ މެދުގައި ނުރައްކާތެރި ކުރިމަތިލުންތަކެއް ވެސް ހިނގިތަން ވެސް ފެނިއްޖެ އެވެ.

ބްލިންކެންގެ މި ވާހަކަތަކަށް ޗައިނާ އިން ވެސް ދިނީ ވަރަށް ހޫނު ރައްދެކެވެ. އދ. ގައި ހުންނަވާ ޗައިނާގެ ޑެޕިއުޓީ އެމްބެސެޑަރު ޑައި ބިންގް ވިދާޅުވި ގޮތުގައި އެމެރިކާ އިން މަސައްކަތް ކުރަނީ، އެއްވެސް ކަމަކާ ނުލައި އިތުރު މައްސަލަތައް އުފައްދާށެވެ.

"އެމެރިކާ އަމިއްލަ އަށް އިސްވެ ދެކުނު ޗައިނާ ކަނޑަށް، ކަނޑުގެ އަސްކަރީ އުޅަނދުތަކާއި އަސްކަރީ މަތިންދާބޯޓުތައް ފޮނުވައިގެން މަސައްކަތް ކުރަމުން އެދަނީ، އެ ސަރަހައްދުގައި ނެތް މައްސަލަތަކެއް އުފަންކުރުވަން، އަދި ސަރަހައްދީ ގައުމުތަކުގެ މެދުގައި ހުޅުގަނޑެއް ރޯކުރަން،" ޑެޕިއުޓީ އެމްބެސެޑަރު ޑައި ބިންގް ވިދާޅުވި އެވެ.

"ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ ސުލްހަޔާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މި ގައުމު ކަމަށް މިހާރު ވެއްޖެ،" ބްލިންކެން އަށް އިޝާރާތް ކުރައްވައި، ސަލާމަތީ މަޖިލީހުގައި ޑެޕިއުޓީ އެމްބެސެޑަރު ޑައި ބިންގް ވިދާޅުވި އެވެ.