Roadha Mihaaru
ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރަން 16 އަހަރުވާނެ

ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރަން 16 އަހަރު ނަގާނެ، ހައްލުކުރަން ބޮޑު ޕްލޭނެއް

16 ފެބުރުއަރީ 2022

ކްރިމިނަލް ކޯޓުގެ "ބެކްލޮގް" ހުސްކުރަން 16 އަހަރު ނަގާނެ ކަމަށާއި އެއް އަހަރު ތެރޭގައި އެ މައްސަލަތައް ނިންމޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކްރިމިނަލް ކޯޓުގެ "ބެކްލޮގް" ހުސްކުރަން 16 އަހަރު ނަގާނެ ކަމަށާއި އެއް އަހަރު ތެރޭގައި އެ މައްސަލަތައް ނިންމޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ކޯޓުތަކުގައި ހިނގާ ޝަރީއަތްތައް ލަސްވުމާއި ޝެޑިއުލް ނުކުރާ މައްސަލާގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ޖޭއެސްސީ އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް އެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މިއަދު ވިދާޅުވީ 2019 ވަނަ އަހަރު އެ މެންބަރުން ޖޭއެސްސީއާ ހަވާލުވި އިރު ކްރިމިނަލް ކޯޓުގައި 2022 މައްސަލަ އޮތް ކަމަށާއި އޭގެ އިތުރުން ކޮންމެ އަހަރަކު އެވްރެޖްކޮށް 900 މައްސަލައެއް އެ ކޯޓަށް ހުށަހަޅާ ކަމަށެވެ.

ހިސާން ވިދާޅުވީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 ގެ ސަބަބުން ކޯޓުތައް ބަންދުކުރަން ޖެހުމާއި ޖަލުން ގައިދީން ހާޒިރުކުރަން ދަތިވުން ކަމަށެވެ. އެކަމުގެ ސަބަބުން 2020 ވަނަ އަހަރު ކްރިމިނަލް ކޯޓު މަސައްކަތްކުރީ 168 ދުވަހު ކަމަށާއި 2021 ވަނަ އަހަރު އެ ކޯޓު މަސައްކަތް ކުރީ 199 ދުވަހު ކަމަށް ހިސާން ވިދާޅުވި އެވެ.

ކްރިިމިނަލް ކޯޓުގެ ބެކްލޮގްގައި މިހާރު 1،182 މައްސަލަ އެބައޮތް ކަމަށާއި ހުކުމްކުރުމާ ހަމަޔަށް ކޮންމެ މައްސަލައަކަށް މަދުވެގެން 10 އަޑުއެހުން ބާއްވަން ޖެހޭ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް އަދި ޖުޑީޝަރީއަށް އެފޯޑެއް ކުރެވޭކަށް ނެތް ކްރިމިނަލް ކޯޓުގެ ބެކްލޮގް 16 އަހަރުން ނިންމަން މަޑުކޮށްގެން ތިބުމެއް. ފުލް ކެޕޭސިޓީގައި ކޮންމެ ދުވަހަކު މަސައްކަތް ޝެޑިއުލް ކުރި ނަމަވެސް ނަގާނެ ހަމަ އެ މުއްދަތު،" މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ޖަވާބު ދެއްވަމުން އެ ކޮމިޓީގެ މެންބަރެއް ގޮތުގައި ވެސް އިންނަވާ ހިސާން ވިދާޅުވި އެވެ.

ހައްލުތަކެއް ވެސް ހުށަހެޅުއްވި

ބެކްލޮގް ހައްލު ކުރުމަށް ޖޭއެސްސީން ހުށަހަޅާ އެއް ގޮތް ކަމަށް ހިސާން ވިދާޅުވީ ކޮންމެ ކޯޓެއްގެ ރަސްމީ ގަޑީގެ އިތުރުން މެންދުރު 2:00 އިން ހަވީރު 5:00 އާ ހަމަޔަށް ޝަރީއަތްތައް ކުރިޔަށް ގެންދިއުމެވެ. ކްރިމިނަލް ކޯޓާއި ޕްްރޮސެކިއުޓާ ޖެނަރަލް އޮފީހަށް އިތުރު މުއައްޒަފުން ނަގައިގެން އެގޮތަށް އެއް އަހަރު ވަންދެން މަސައްކަތްކުރަން ޖެހޭ ކަމަށް ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަންޑަސްޓޭންވޭ މުވައްޒަފުން ވެސް ވަރުބަލިވާނެކަން. މިއީ ދާއިމީކޮށް ކޮންމެ ދުވަހަކު ކުރާ ކަމަކަށް ވެެގެން ނުކުރެވޭނެ. އެހެންވެ އެއް އަހަރު ދުވަހަށް މި މަސައްކަތް ކުރަން ޕްރޮޕޯޒް ކުރަނީ،" ހިސާން ވިދާޅުވި އެވެ.

އެ މަސައްކަތަށް އެހީތެރިވުމަށް ކޯޓުތަކަށް 10 ޕެރަލީގަލް ނަގާނެ ކަމަށާއި ކޯޓުތަކުގެ މުއައްޒަފުނަށް އިތުރު އެލަވަންސެއް ވެސް ދޭން ޖެހޭ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އެކަމަށް އެ އަހަރު 3.3 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެކަން ނުކުރާ ނަމަ ދެވަނަ ހުށަހެޅުމަކީ ކްރިމިނަލް ކޯޓަށް ދާއިމީކޮށް އިތުރު ތިން ފަނޑިޔާރުން ނެގުން ކަމަށް ހިސާން ވިދާޅުވި އެވެ. ނަމަވެސް އޭރުން ކޮންމެ އަހަރަކު 5.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ބެކްލޮގް ހައްލު ކުރުމަށް ފަހު އެ ފަނޑިޔާރުން ވަކި ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަސް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި، ބެކްލޮގް ހައްލު ކުރުމުގެ މަސައްކަތް ދައުލަތުން އިތުރު ވަސީލަތްތައް ދީގެން ކުރިޔަށް ގެންދާއިރު ފުރަތަމަ ތިން މަހަށް ފަހު ރިވިއު އެއް ހަދާނެ އެވެ. އަދި ހަ މަސް ފަހުން އަނެއްކާވެސް ރިވިއު ކުރުމަށް ފަހު މައްސަލަ ހައްލު ނުވަންޏާ އެކަން ހުއްޓާލާނެ ކަމަށް ވިދާޅުވި އެވެ.

ބެކްލޮގް ހައްލު ކުރުމުގެ ޕްލޭންގެ ދެވަނަ ބަޔަކީ ޖިނާއީ އިޖުރާއަތުގައި އޮންނަ ގޮތަށް މައްސަލަތައް ތާވަލުކޮށްގެން ކުރިޔަށް ގެންދިޔުން ކަމަށް ހިސާން ވިދާޅުވި އެވެ. މައްސަލަތައް ތާވަލުކުރާނީ ތިން ބްލޮކަކަށް ބަހާލައިގެން ކަމަށާއި ކޮންމެ ބްލޮކެއްގެ ޝަރީއަތް ފަށާއިރު މައްސަލަތައް ކުރިޔަށް ގެންދާނެ ތާރީހުތައް ގާޒީ ވިދާޅުވާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"ޕްލޭން ތަންފީޒު ކުރެވިއްޖެ ނަމަ ޖިިނާއީ އިޖުރާއަތު ތަސައްވަރުކުރާ ގޮތަށް ކްރިނަލް ކޯޓަށް މަސައްކަތް ކުރެވިދާނެ،" ހިސާން ވިދާޅުވި އެވެ.