Roadha Mihaaru

ގާޒީ ފާއިޒު ވަކިކުރަން މަޖިިލިހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ނިންމައިފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އަމަލު ކޮށްފައިވާކާން ސާބިތުވި މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ގާޒީ ފާއިޒު ވަކިކުރަން ކޮމިޓީން ނިންމައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

02 ޑިސެމްބަރ 2025

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އަމަލު ކޮށްފައިވާކާން ސާބިތުވި މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ފާއިޒު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ފަހު، އެ ކޮމިޓީން މިއަދު ނިންމީ ފާއިޒު ވަކިކުރަން ނިންމަން ކޮމިޝަނުން އަމަލު ކޮށްފައި ވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.

ގާނޫނުން މަޖިލީހަށް މަތިކޮށްފައި އޮންނަނީ ކޮމިޝަނުން ނިންމާ ނިންމުންތަކުގައި އިޖުރާއީ މައްސަލައެއް އުޅޭތޯ ބެލުމެވެ.

އެހެންވެ، ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކުރީ ގާޒީ ފާއިޒު ގާޒީކަމުން ވަކިކުރަން ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މާދަމާ އަށް ތާވަލް ކޮށްފައިވާއިރު، އެ ޖަލްސާގައި ފާއިޒު ވަކިކުރުމުގެ މައްސަލާގައި ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.

މަޖިލީހަށް ޖޭއެސްސީން ފޮނުވި ސިޓީގައިވާ ގޮތުން، އެ ކޮމިޝަނުން ގާޒީ ފާއިޒްއާ ގުޅޭ ގޮތުން ބެލީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލައެކެވެ.

ޖޭއެސްސީން ބުނީ، ގާޒީ ފާއިޒް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާކަން އެ ކޮމިޝަންގެ ގާނޫނުގައި ބުނާ މިންގަނޑަށް ސާބިތުވާ ކަމަށެވެ. އެ މައްސަލަތަކާ ގުޅިގެން ގާޒީ ފާއިޒް މިދިޔަ މަހުން ފެށިގެން ސަސްޕެންޑުކޮށްފައި ވަނީ ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ.

އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި އަލީ އަންވަރު މުހައްމަދު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކޮށް، ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ. އެކަމަކު އެ މުއްދަތު ހަމަވާތީ އެ މަހުގެ 18 ވަނަ ދުވަހު ދުވަހު ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލީ އެވެ.

އަލީ އަންވަރު ބަންދުން ދޫކޮށްލުމުން އެހެން އަމުރެއްގެ ދަށުން ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރި ނަމަވެސް، އޭރު އޭނާ ވަނީ ސްރީ ލަންކާ އަށް ފުރައިގެން ގޮސްފަ އެވެ. ފުލުހުން ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް އަލީ އަންވަރު ލަންކާއިން ޑީޕޯޓްކުރުވައިފަ އެވެ. އަދި ރާއްޖެ ގެނައުމާ އެކު އަލުން ހައްޔަރުކުރީ އެވެ.

އަލީ އަންވަރު ކުރިން ހައްޔަރުކުރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން އޮކްޓޯބަރު، 2019 ގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަނުގައި ދެ އުޅަނދަކުން 70 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ހިފެހެއްޓީ އީރާނުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ. އަލީ އަންވަރަކީ ވައްކަމުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.

ގާޒީ ފާއިޒް ވަނީ، އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް 2021 ވަނަ އަހަރު މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ މީގެ ކުރިން ވެސް ދެ ފަހަރަކު ބަންދުން ދޫކޮށްލައިފަ އެވެ.

އެ ދެ ފަހަރު ވެސް ދައުލަތުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުން އެ ނިންމުންތައް ބާތިލްކޮށްފައިވެ އެވެ. އެންމެ ފަހުން މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ވެސް ލަމްހާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ނިންމުން ވެސް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މި ފަހަރު ވެސް ވަނީ ބަންދާ މެދު އަލުން ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ.

އެކަމަކު ގާޒީ ފާއިޒް ވަނީ ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމޭނީ ލަމްހާގެ ފަރާތުން މުޖުތަމައުއަށް އޮތް ނުރައްކަލެއް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ފަހުގައި ކަމަށާއި އެ އެސެސްމަންޓް ހަދަން ދައުލަތަށް އެންގުމުން އެކަން ކޮށްފައި ނުވާ ކަމަށެވެ.