Roadha Mihaaru
119 ކިލޯ ޑްރަގް:ފޯނު ހުޅުވަން އަމުރު ނުދިނުން ގޯސް

119 ކިލޯގެ ޑްރަގްގެ މައްސަލަ: ފޯނު ހުޅުވުމުގެ އަމުރު ނުދިނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި

23 ފެބުރުއަރީ 2022

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ތިން މީހެއްގެ ފޯން ހުޅުވުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެނުދިނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ތިން މީހެއްގެ ފޯން ހުޅުވުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެނުދިނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ފާސްކޮށް، އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައި ގައި ތުހުމަތު ކުރެވޭ ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެ ރަށު އިރުމަތީގޭ، އަހުމަދު ސުނައިނުގެ ފޯނާއި ލޮކް ކޯޑާއި ޕާސްވޯޑް ހޯދުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނަސް، އެ އަމުރު ދޭން އެ ކޯޓުން ދެކޮޅު ހެދީ އެފަދަ އަމުރުތައް ނެރުމާ ބެހޭގޮތުން އެ ކޯޓުން ކުރިން ނިންމާފައި ހުރި ނިންމުންތަކަށް ރިއާޔަތްކޮށް ކަމަށް ބުނެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމުގައި، އެ ކޯޓުގެ ކުރީގެ ނިންމުންތަކުގައި ބުނާ ކަންކަން އެ މައްސަލައިގައި ފުރިހަމަނުވާ ކަމަށް ބުނެފައި ވިޔަސް، ފުރިހަމަ ނުވަނީ ކޮން ކަމެއް ކަން އެ ނިންމުމުން އެނގެން ނެތް ކަމަށެވެ. އަދި އަމުރެއް ނުދޭން ނިންމާ ނަމަ، އެ ކަމުގެ ސަބަބު ބުނެދޭން ޖެހޭއިރު، ކްރިމިނަލް ކޯޓުން އެގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެ އަމުރުތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން އަޑުއެހުމެއް ބާއްވައިދޭން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނަސް، އެކަން ކޮށްދީފައެއް ނުވެ އެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި ފާހަގަކުރި އެވެ.

އެކަމާ ގުޅޭގޮތުން ހުކުމުގައި ވަނީ އަޑުއެހުމެއް ބޭއްވުމެއް ނެތި އެފަދަ އަމުރުތައް ކޯޓުތަކުން ނެރެމުން އައިސްފައިވާއިރު، އެފަދަ ކަންކަމުގައި އަޑުއެހުންތައް ބާއްވަން ލާޒިމްކުރާ ގާނޫނީ އުސޫލެއް މި ވަގުތު ނެތުމުން އެކަމުގައި ގާނޫނީ ގޯހެއް ނެތް ކަމަށެވެ. ނަމަވެސް ދައުލަތުން އެދެފި ނަމަ، އަދި އެއީ ގަބޫލުކުރާ ސަބަބެއް ނަމަ އެފަދަ ކަންކަމުގައި އަޑުއެހުމެއް ބޭއްވުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓު ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިއްތިފާގުން ނިންމެވީ ކްރިމިނަލް ކޯޓުން އަމުރު ނެރެނުދޭން ނިންމި ނިންމުން ބާތިލް ކުރުމަށެވެ. އެކަމަކު ފޯން ހުޅުވުމުގެ އަމުރެއް ހައި ކޯޓުން ވެސް ނެރެ ނުދިނެވެ. ސަބަބެއްގެ ގޮތުގައި ހައި ކޯޓުން ދެއްކީ ކްރިމިނަލް ކޯޓުން ހެކި ވަޒަންކޮށް، އެކަމާ މެދު ގޮތެއް ނިންމާފައި ނެތީސް، މި މަރުހަލާގައި އެކަމާ މެދު ގޮތެއް ނިންމެން ނެތުމުންނެވެ.

އެކަމަކު ފަނޑިޔާރު މަޒީދުގެ ރައުޔުގައި، ފޯން ހުޅުވުމުގެ އަމުރުތައް ނެރުމުގައި ބަލަންޖެހޭ ކަންކަމާއި ފުރިހަމަވާން ޖެހޭ ކަންކަން ފާހަގަކޮށް، ބޭރު ގައުމުތަކުގެ ކޯޓުތަކުން ނިންމާފައި ހުރި ނިންމުންތަކުން މިސާލު ގެނެސްފައިވެ އެވެ. އޭނާގެ ރައުޔުގައިވަނީ ފޯނެއް ހުޅުވަން އެންގުމުގައި ހެކި ވަޒަން ކުރަން ޖެހޭނީ މަދަނީ މިންގަނޑުންނެވެ.