Roadha Mihaaru

ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުންގެ އަތުން ޑްރަގާ ހަވާލުވި މީހަކު އުމުރަށް ޖަލަށް

ޑީއެޗްއެލް ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އަށް ގެނައި ޕާރްސަލެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ވެގެން ފުލުހުން ހިންގި "ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން" އެއްގައި، ޑީއެޗްއެލްގެ ޔުނިފޯމު އަޅައިގެން ތިބި ފުލުހުންގެ އަތުން އެ ޕާރުސަލާ ހަވާލުވުމުން ވެސް ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވި މީހަކު އުމުރަށް ޖަލަށް ލައި 100،000ރ. އިން ޖޫރިމަނާ ކުރުމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން

ޑީއެޗްއެލް ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އަށް ގެނައި ޕާރްސަލެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ވެގެން ފުލުހުން ހިންގި "ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން" އެއްގައި، ޑީއެޗްއެލްގެ ޔުނިފޯމު އަޅައިގެން ތިބި ފުލުހުންގެ އަތުން އެ ޕާރުސަލާ ހަވާލުވުމުން ވެސް ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވި މީހަކު އުމުރަށް ޖަލަށް ލައި 100،000ރ. އިން ޖޫރިމަނާ ކުރުމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ސ. ހިތަދޫ މީހެއް ކަމަށްވާ އަލީ އަކްބަރު ހަސަންގެ މައްޗަށް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ އާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާ އާއި ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް 2021 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި އުފުލި އެވެ. މި ދައުވާތަކުގެ ތެރެއިން ކެނަބިސް ބޭނުންކުރުމުގެ ދައުވާއަށް އަލީ އަކްބަރު އިއުތިރާފުވި އެވެ. އެކަމަކު އަނެއް ދެ ދައުވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށް އޮތީ ހުކުމްކޮށްފަ އެވެ.

އެހެންވެ ދައުލަތުން މި ހުކުމްތައް ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.

އަލީ އަކްބަރުގެ މައްޗަށް ކުރި ދައުވާގައިވާ ގޮތުން އޭނާ ޑީއެޗްއެލް މެދުވެރިކޮށް ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓަކުން މާޗް 4، 2021 ގައި ގެނައި ޕާރްސަލެއް ކަސްޓަމްސް އިން އެކްސްރޭކުރި އިރު އޭގައި އެއްޗެއް ފޮރުވާފައި އޮތް ކަމަށް ބެލެވުނެވެ. އެހެންވެ އެ އިތުރަށް ބެލި އިރު އޮތީ ކެމްބްރިޖްގެ ބަޔޮލޮޖިކަލް ސައިންސް ފޮތެކެވެ. އެކަމަކު އެ ފޮތުގެ އެތެރެއިން ބައެއް ކަނޑައި އެ ބައިގެ ތެރޭގައި އެއްޗެއް ފޮރުވާފައި ހުއްޓެވެ.

ކްރިމިނަލް ކޯޓު: އެ ކޯޓުން ވަނީ އަލީ އަކްބަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކްރިމިނަލް ކޯޓު: އެ ކޯޓުން ވަނީ އަލީ އަކްބަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެހެންވެ މިކަން ފުލުހުންނަށް އެންގުމުން، ފޮތުގެ ތެރޭގައި ފޮރުވާފައި ހުރި އެއްޗެއް ނުކަނޑައި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގުމަށް ނިންމި އެވެ. މިއީ އެނގިފައިވާ ގޮތުގައި ޑީއެޗްއެލް މެދުވެރިކޮށް ގެނައި އެއްޗެއްގައި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.

މި ޕާރްސަލް ޓްރެކްކޮށް މާލެއަށް އައިތޯ ބަލައި އަދި އެ ހަވާލުކޮށްދިނުމަށް އެދި އަލީ އަކްބަރު ޑީއެޗްއެލްގެ މުވައްޒަފަކާ ފޯނުން މުއާމަލާތު ކޮށްފައި ހުރި ކަމުގެ ހެކި ފުލުހުން ހޯދާފައި ވިޔަސް ޕާރްސަލް ލިބެންވީ މީހާގެ ނަމަކަށް އޮތީ "ހަލީމަތު އުލްފާ" އެވެ. އަދި އެޑްރެހާއި ފޯން ނަންބަރެއް ވެސް އޮތެވެ. ފަހުން އެނގުނު ގޮތުގައި އެއީ އަލީ އަކްބަރު އުޅޭ ގޭގެ އެޑްރެހާއި އޭނާ ވައިބާގައި ބޭނުންކުރާ ފޯނު ނަންބަރެވެ.

ކަސްޓަމްސް އިން ޕާރްސަލް ފުލުހުންނާ ހަވާލުކުރުމުން ފުލުހުން ޑީއެޗްއެލްގެ އޮފީހަށް ގޮސް އެތަނުގެ މުވައްޒަފުންގެ ޔުނިފޯމުގައި ތިއްބެވެ. އެހެން ތިއްބާ އެ ޕާރްސަލް ބަލައި މީހަކު އައިސް ހުރި ކަމަށް އެތަނުގެ މެނޭޖަރު ބުންޏެވެ. އެހެންވެ އެ ޕާރްސަލްގައި އޮތް ނަން ގޮވި އެވެ. އެކަމަކު އެ ޕާރްސަލާ ހަވާލުވާން އެއްވެސް މީހަކު ނުދިޔަ އެވެ.

ޑީއެޗްއެލް އޮފީސްތެރެއިން ޕާރްސަލް ހަވާލު ނުކުރެވުމުން ދެ ފުލުހަކު ދެން ނުކުތީ ޑީއެޗްއެލްގެ ވެހިކަލްގައި ޑީއެޗްއެލްގެ މުވައްޒަފުން ކަމަށް ހެދިގެންނެވެ. އަދި ޕާރަސަލްގައި ޖަހާފައި އޮތް އެޑްރެހަށް ދިޔަ އެވެ. އެތަނަށް ދިއުމާ އެކު ޕާރްސަލާ ހަވާލުވާން އަލީ އަކްބަރު އައިސްފައިވެ އެވެ. އޭނާ ގޮސް، ޑީއެޗްއެލްގެ ޔުނިފޯމްގައި ތިބި ފުލުހުން ގާތު ބުނީ "ހަލީމަތު އުލްފާގެ ނަމުގައި އޮތް ޕާރްސަލާ ހަވާލުވާން" ކަމަށެވެ. އަދި އިރުކޮޅެއް ކުރިން އެ ހޯދަން ޑީއެޗްއެލް އޮފީހަށް ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

ޕާރްސަލް ހިފައިގެން ދިޔަ މީހުން ވަނީ އައިޑީ ކާޑް ދެއްކުމަށް އެދިފަ އެވެ. އޭނާ އައިޑީކާޑުގެ ފޮޓޯއެއް ފޯނުން ދެއްކި އެވެ. އަދި ޕާރްސަލާ ހަވާލުވި ކަމަށް ސޮއިކޮށް އެ ހިފައިގެން ހިނގައިގަތެވެ.

ޕާރްސަލް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށާއި އެއީ ވަރަށް މުހިންމު ޕާރްސަލެއް ކަމަށާއި އެކަމުގައި އެހީވެއްޖެ ނަމަ "އުފާވާނެ ކަމެއް ކޮށްދޭނަން" ކަމަށް ބުނެ 15،000ރ. ވެސް ހުށަހަޅާފައިވެ

އެވަގުތު، ޑީއެޗްއެލް ޔުނިފޯމުގައި ތިބި މީހުން އެ މީހުންނަކީ ފުލުހުންކަން އެނގޭނެ ކާޑު ދައްކައި އެ މީހާ ހުއްޓުވި އެވެ. ހުއްޓުވުމާ އެކު، ކައިރީގައި ހުރި ފިހާރައެއްގެ ގާގަނޑުމަތީ ޕާރްސަލް ބަހައްޓައި އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެ އެއާ ހަވާލުވާން އިންކާރު ކުރި އެވެ. އަލީ އަކްބަރުގެ ހާޒިރުގައި ޕާރްސަލް ހުޅުވައި އޭގައި އޮތް ފޮތުގެ ތެރޭ ފޮރުވާފައި ހުރި އެއްޗެހި ނަގައިގެން ބެލި އިރު ކާބަން ޕޭޕަރެއްގެ ތެރޭގައި ފޮރުވާފައި އޮތް ރަބަރުގަނޑަކުން 198.2000 ގްރާމް މެޓަމްފެޓަމިން ފެނުނެވެ.

އަލީ އަކްބަރު ވަނީ އެ ހިސާބުން އެ ޕާރްސަލާ ބެހޭ އެއްވެސް ވާހަކައެއް ދެއްކުމަށް އިންކާރު ކޮށްފަ އެވެ. އަދި ތަހުގީގުގައި ވެސް އޭނާ ހަނުހުރީ އެވެ. އެކަމަކު ޝަރީއަތުގައި ބުނީ އެ ޕާރްސަލަކީ އެހެން މީހެއްގެ އެއްޗަކަށް ވެސް ވެދާނެ ކަމަށާއި އޭނާއާ ހިސާބުން އަދި ކޮންޓްރޯލްޑް ޑެލިވަރީ ނިމުނީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އޭނާ އެހެން ބުންޏަސް އެ ޕާރްސަލަކީ އެހެން މީހަކު ބުނެގެން އޭނާ ހަވާލުވި އެއްޗެއް ކަމަކަށް ވެސް ބުނެފައެއް ނުވެ އެވެ.

ހައްޔަރުކޮށް އަލީ އަކްބަރުގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެސް ވެފަ އެވެ.

އަލީ އަކްބަރާ މަސްތުވާތަކެއްޗާ ގުޅުން ހުރިކަން ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ތަކެތީގެ ތެރޭގައި ޑީއެޗްއެލްގެ މުވައްޒަފަކާ ކޮށްފައިވާ ޗެޓްގެ ލޮގް ހިމެނެ އެވެ. ޕާރްސަލްގައި އޮތް ނަން ކަމަށްވާ ހަލީމަތު އުލްފާ އަކީ ކާކުތޯ ބެލި އިރު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގައި އޮތީ އެ ނަން ކިޔާ އެންމެ މީހެކެވެ. އެހެންވެ އޭނާއާ ސުވާލުކުރުމުން ޑީއެޗްއެލް އިން ދުވަހަކު ވެސް އެއްޗެއް ގެނެސްފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ޕާރްސަލްގައި އޮތް އެޑްރެހުގައި އޭނާ ދުވަހަކު ވެސް ނޫޅޭ ކަމަށާއި އޭގައި އޮތް ނަންބަރަކީ ވެސް އޭނާ ދުވަހަކު ވެސް ބޭނުންކުރި ނަންބަރެއް ނޫން ކަމަށައި އަލީ އަކްބަރަކީ ދަންނަ މީހެއް ނޫން ކަމަށް ވެސް ހެކިބަސް ދީފައިވެ އެވެ.

ޑީއެޗްއެލްގެ ބިދޭސީ މުވައްޒަފަކާ އަލީ އަކްބަރު ވާހަކަ ދައްކާފައި ވާއިރު، އެ ޕާރްސަލް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށާއި އެއީ ވަރަށް މުހިންމު ޕާރްސަލެއް ކަމަށާއި އެކަމުގައި އެހީވެއްޖެ ނަމަ "އުފާވާނެ ކަމެއް ކޮށްދޭނަން" ކަމަށް ބުނެ 15،000ރ. ވެސް ހުށަހަޅާފައިވެ އެވެ. މިކަމަށް ބަލައި ހައި ކޯޓުގެ ހުކުމުގައި ވަނީ ޕާރްސަލްގައި އޮތީ ހަމައެކަނި ފޮތެއް ކަމަށްވާ ނަމަ މިވަރުގެ އަގެއް ހުށަހަޅައިގެން އެ ހޯދަން އުޅެން ޖެހޭނެކަން އިންސާނީ ހަމަ ބުއްދިއާ ތައާރުޒުވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި، ޑީއެޗްއެލްގެ މުވައްޒަފު ވާހަކަ ދެއްކީ ހަލީމަތު އުލްފާ ކިޔާ މީހަކާ ކަމަށާއި "މޭމް" އޭ ބުނެ ވާހަކަ ދައްކާފައި ހުރި ކަމަށް ފާހަގަކޮށް އެހެންވެ އެއީ އަލީ އަކްބަރާ ދެއްކި ވާހަކަކަމާ މެދު ސުވާލު އުފައްދާފައިވެ އެވެ.

ޑްރަގް އެތެރެކުރި އަލީ އަކްބަރު، ޑީއެޗްއެލްގެ މުވައްޒަފަކާ ދެއްކި ބައެއް ވާހަކަތަކުގެ ޗެޓްލޮގް

ޑްރަގް އެތެރެކުރި އަލީ އަކްބަރު، ޑީއެޗްއެލްގެ މުވައްޒަފަކާ ދެއްކި ބައެއް ވާހަކަތަކުގެ ޗެޓްލޮގް

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހް ހުކުމް ކުރެއްވުމުގައި ބުރަވީ ހުލާސާ ބަޔާނުގައި އަލީ އަކްބަރު ދެއްކި ވާހަކައަށް ކަމަށް އިސްތިއުނާފްގައި ދައުލަތުން ބުނެފައިވެ އެވެ. އެކަމަކު ހައި ކޯޓުން ބުނީ ހުށަހަޅާފައިވާ ހެކިތައް އެކީ އެކައްޗަކަށް ވަޒަން ކުރުމުން އަލީ އަކްބަރުގެ ހުލާސާ ބަޔާނުން އުފެއްދި ސުވާލުތަކާ މެދު އެކަށީގެންވާ ޝައްކެއް ނުއުފެދޭ ކަމަށެވެ.

އެހެންވެ މި މައްސަލައިގައި އަލީ އަކްބަރަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ކަނޑައަޅި، މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކަރެކްޝަނަލް ސާވިސްއަށް އަމުރުކޮށް އަދި އަލީ އަކްބަރު ބަންދުކޮށްގެން ގެންގޮސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަން ފުލުހުންނަށް ވެސް އަމުރުކުރި އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަށް ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ދީބާނާޒް ފަހުމީ ތާއީދުކޮށް ކުރެއްވި ހުކުމުން، ކްރިމިނަލް ކޯޓުން ސާބިތު ނުވި ދެ ހުކުމް ބާތިލްކޮށް ޝަހުސު އޮޅުވާލުމުގެ ކުށަށް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށާއި މަސްތުވާތަކެތި އެތެރެކުރުމުގެ ކުށަށް އުމުރަށް ޖަލަށް [25 އަހަރަށް] ހުކުމްކުރުމާ އެކު 100،000ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ފައިސާ، ހުކުމް ކުރި ދުވަސް ކަމަށްވާ މިދިޔަ މޭ މަހުގެ 26 އިން ފެށިގެން 12 މަސް ދުވަހުގެ ތެރޭހައި މީރާ އަށް ދެއްކުމަށް އަމުރު ކޮށްފައިވެ އެވެ.