Roadha Mihaaru
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!

ޔޫކްރެއިންގެ ހަނގުރާމަ: ރާއްޖޭގެ ޓޫރިޒަމަށް ބިރުބޮޑު!

24 ފެބުރުއަރީ 2022

ރާއްޖޭގެ ޓޫރިޒަމަށް އެންމެ ބޮޑު ހައިރާން ކަމެއް ގެނުވާ އެއް ބަޔަކީ ރަޝިޔާގެ މަހުޖަނުންނެވެ. ޓޫރިޒަމްގެ ދާއިރާގެ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި އެ މީހުންނަކީ، ރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަނބެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރާއްޖޭގެ ޓޫރިޒަމަށް އެންމެ ބޮޑު ހައިރާން ކަމެއް ގެނުވާ އެއް ބަޔަކީ ރަޝިޔާގެ މަހުޖަނުންނެވެ. ޓޫރިޒަމްގެ ދާއިރާގެ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި އެ މީހުންނަކީ، ރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަނބެވެ.

ތަފާސްހިސާބުތައް ވެސް ދައްކަނީ އެގޮތަށެވެ؛ މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ދެވަނަ ގައުމަކީ އެއީ އެވެ. އިންޑިއާ އަކީ އެއްވަނަ ގައުމެވެ.

ރަޝިޔާ މިހާރު އޮތީ ހަނގުރާމައެއްގެ ތެރޭގަ އެވެ. އެ ގައުމު ކުރިމަތިލީ ވެސް، ރާއްޖޭގެ ޓޫރިޒަމްގެ ގަދަ 10ގެ ތެރޭގައި ހިމެނޭ ގައުމަކާ އެވެ. އެއީ ޔޫކްރެއިން އެވެ.

"މިއީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަކަށް ވާނެ،" ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު "މިހާރު" އަށް ވިދާޅުވި އެވެ.

ރަޝިއާގެ ސިފައިން މިއަދު ހެނދުނު ހެނދުނާ ވަނީ ޔޫކްރެއިނަށް އަރައިފަ އެވެ. ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި، ހަނގުރާމަ ދެމިގެންދާނީ އަދި ކިހާ ދުވަހަކަށް ކަން ނުވެސް އެނގެ އެވެ.

ތިން ގޮތަކުން އަސަރު ކޮށްފާނެ: މިނިސްޓަރު

އަމިއްލަ ގައުމުގެ މަސްލަހަތުގައި ކަމަށް ބުނެ، ރަޝިއާ އިން، ޖެހިގެން އޮތް ޔޫކްރެއިނަށް މިއަދު އެރުމާ ގުޅިގެން ޔޫކްރެއިންގެ ވައިގެ ސަރަހައްދު އެއްކޮށް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން ދަތުރުފަތުރު ވަނީ ހުއްޓިފަ އެވެ. އަދި ހަނގުރާމަ ފެށުމުގެ ކުރިން ވެސް ދުނިޔޭގެ އެކި ގައުމުތަކުން ރަޝިއާއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީ، ރަޝިއާ އިން ވެސް މީހުން ދަތުރުކުރުން ވަނީ މަޑުޖެހިލައިފަ އެވެ.

ރަޝިއާ އިން މަދުވެގެން ދެ ލައްކައެއްހާ ޓޫރިސްޓުން ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ފަހަކަށް އައިސް ޗުއްޓީ ހޭދަކޮށްފައި ވެ އެވެ. އެންމެ ފަހުން މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު އެކަނި ވެސް 23،000 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ. ޔޫކްރެއިނުން 5،300 ޓޫރިސްޓުން މިދިޔަ މަހު ރާއްޖެ އައެވެ. މިއީ މިދިޔަ މަހު ވެސް އެންމެ ގިނައިން ޓޫރިސްޓުން ޒިރާރަތް ކުރި 10 ގައުމުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. ރަޝިއާ ހިމެނެނީ އެއް ވަނައިގަ އެވެ.

"އަޅުގަނޑުމެންނަށް ބެލެވޭ ގޮތުގައި ތިން ގޮތަކަށް އަޅުގަނޑުމެންގެ ޓޫރިޒަމަށް އަސަރު ކޮށްފާނެ. އެއް ގޮތަކީ މި ހަނގުރާމައިގެ ސަބަބުން ރަޝިއާގައި ފައިސާގެ އަގު ވެއްޓުމުން އިގްތިސާދީ ގޮތުން އެ ގައުމަށް ދިމާވާ ދަތިތަކުގެ އަސަރު. ދެވަނަ ކަމަކީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ދަތުރުފަތުރު ކުރުމަށް އޮތް ދަތިތައް. އަނެއް ކަމަކީ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށް ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރެއް ކުރުން،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި ކުރެވޭނެ މާ ބޮޑު ކަމެއް ރާއްޖެ އަށް ނެތް ކަމަށެވެ.

"ދިގުދެމިގެން ނުގޮސް، ސުލްހަ ގާއިމްކޮށް މިކަން ވީހާ އަވަހަކަށް ނިމުން އަޅުގަނޑުމެންގެ އެދުމަކީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގެ ޓޫރިޒަމަށް އޮތް އުންމީދަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑާ އެކު އޮތް ހުރަސްތައް ނައްތާލެވިފައި އޮތުމެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އެރައިވަލްގެ ބޮޑު ޝެއާއެއް ކުރިން އޮތް ޗައިނާގެ ޓޫރިސްޓުން ދަތުރުތައް އަލުން ފެށުމުގެ އުންމީދެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

"އޭރުން ކޮންމެވެސް ވަރެއްގެ ފޫބެއްދުމެއް އަންނާނެ ކަމަށް އަޅުގަނޑުމެން މި ދެކެނީ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެ ސަރަހައްދުން ވަރަށް ބޮޑު އިމްޕެކްޓެއް އަންނާނެ. ވަރަށް ބޮޑުވާނެ އެ އިމްޕެކްޓް. ރަޝިޔާ އަކީ ޓޫރިސްޓް އެރައިވަލްގެ 25 ޕަސެންޓް. މިއަހަރަށް ބެލިޔަސް އެންމެ މޭޖާ މާކެޓް."

މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރަޝިޔާގެ ޓޫރިސްޓުން ރާއްޖެ އަންނަނީ މުޅިން ވެސް ޗާޓާ ފްލައިޓްތަކުގައި ކަމަށް ވާތީ، އެ މީހުންނަށް އާދެވޭނެ ގޮތްތަކެއް ނެތުމަކީ ވެސް ދިމާވާނެ ހުރަސްތަކެއް ކަމަށެވެ.

"އެހެން ގޮތަކަށް އަންނަން ވެއްޖިއްޔާ އެ މީހުންނަށް ރާއްޖެ ވަރަށް އަގު ބޮޑުވާނެ. ހަމައެގޮތަށް ދެން މިއަންނަނީ ރަޝިޔާގެ ވަރަށް މުއްސަނދި މީހުން. އެ މީހުންނަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ދުނިޔެ އިން އަޅާ ފިޔަވަޅުތަކުން،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ ބައެއް ބޭފުޅުން މިއަދު ވިދާޅުވި ގޮތުގައި ހަނގުރާމަ ފެށިޔަސް، އިއްޔެ ވެސް ރަޝިޔާ އިން ރާއްޖެ ޓޫރިސްޓުން އައެވެ. މިދިޔަ ހަަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް މާ ބޮޑު އެނގުމެއް، އަދި ކެންސަލޭޝަނެއް ވެސް އަދި ނުފެނެ އެވެ.

"މިއަދު ހަނގުރާމަ ފެށުމާ އެކު ދެން އެކަން ފެންނަން ފަށާނީ،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.