Roadha Mihaaru
ޔުކްރޭންގެ ޓޫރިސްޓުންނަށް ރާއްޖެއިން އެހީވާން އެދިއްޖެ

ރާއްޖޭގައި ތިބި ޔުކްރެއިންގެ ޓޫރިސްޓުންނަށް އެހީވާން ޓްރެވެލް އެޖެންޓުން އެދިއްޖެ

27 ފެބުރުއަރީ 2022

ރާއްޖޭގައި މިހާރު ތިބި ޔުކްރެއިނުގެ ޓޫރިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ގައުމުގެ ޓްރެވެލް އެޖެންޓުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކިބައިން އެދިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި މިހާރު ތިބި ޔުކްރެއިނުގެ ޓޫރިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ގައުމުގެ ޓްރެވެލް އެޖެންޓުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކިބައިން އެދިއްޖެ އެވެ.

އެ ގައުމުގެ ޓްރެވެލް އެޖެންޓުން މިގޮތަށް އެދުނީ ރަޝިއާ އާއި ޔުކްރެއިނާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުތައް ހުއްޓިފައި އޮތުމުންނާއި ޔުކްރެއިނަށް ފައިސާ ފޮނުވުމުގައި ދަތިތަކެއް ދިމާވުމުންނެވެ.

ޔުކްރެއިނުން އެދުނީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެ ގައުމުގެ މީހުންނަށް ރާއްޖޭގައި ތިބުމާއި ކެއުމާއި އަދި ނަފްސާނީ އެހީތެރިކަން މި ދުވަސްވަރު ފޯރުކޮށްދިނުމަށެވެ.

ޔުކްރެއިނުގައި ހިންގާ ރާއްޖޭގެ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ރިސޯޓް ލައިފްގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު "މިހާރު" އަށް މިއަދު ވިދާޅުވީ ކޮވިޑްގެ އެންމެ ދަތި ދުވަސްވަރު ރާއްޖޭގެ ޓޫރިޒަމް ހިފެހެއްޓި އެއް މާކެޓަކީ އެ ގައުމު ކަމަށް ވާއިރު، މިއީ އޭގެ ބަދަލު ދޭންޖެހޭ ވަގުތު ކަމަށެވެ. މިހާރު ވެސް ބައެއް ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ޔުކްރެއިނުގެ ޓޫރިސްޓުންނަށް ހިލޭ ތިބުމާއި ކެއުން ހަމަޖައްސަދީފައިވާއިރު އެނބުރި ނުދެވި ތިބި ރަޝިއާގެ ޓޫރިސްޓުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔުކްރޭންގެ ބޮޑު މާކެޓެއް ކަވަރު ކުރަނީ ރާއްޖެ. އެ ގައުމުން މި ދަނޑިވަޅު ފައިސާ ފޮނުވާނެ ގޮތެއް ވެސް ނެތް. މި ދަނޑިވަޅުގައި އަޅުގަނޑުމެން ބަލަންވީ އެ މީހުންގެ އަތުގައި ހުރި ފައިސާ ހުސްނުކޮށް އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން،" ވަލީދު ވިދާޅުވި އެވެ.

"ޕެންޑެމިކް ތެރޭގައި ވެސް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ޔުކްރޭން ހިމެނޭ. އަދިވެސް ހާލަތު ރަނގަޅު ވެއްޖެ ނަމަ އެ މީހުން އަޅުގަނޑުމެންނަށް މުހިންމު. އެހެންވެ އަޅުގަނޑު އެދެނީ ފައިސާ އަށް ނުވިސްނައި މި ދަނޑިވަޅު ވެވެން އޮތް އެހީއެއް ޔުކްރޭން އަދި ރަޝިއާގެ ޓޫރިސްޓުންނަށް ވެސް ވެދޭން."

ޔުކްރޭނާއި ރަޝިއާއާ ދެމެދު ހަނގުރާމަ ފެށުމާއެކު، ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ރާއްޖޭގައި ތިބިި އެ ދެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ އެވެ. އެ ދެ ގައުމުގެ ޓޫރިސްޓުންނަށް ރާއްޖޭގައި ތިބެން ވިސާ އިތުރުކޮށްދޭއިރު، ކައިރި ގައުމަކަށް ދާން ބޭނުންވާ ޓޫރިސްޓުންނަށް އެ ފުރުސަތު ފަހިކޮށްދިނުމާއި ރާއްޖޭގައި އަގުހެޔޮކޮށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން މީގެ ތެރޭގައި ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި މި ވަގުތު ޔުކްރެއިނުގެ 750 ޓޫރިސްޓެއް އަދި ރަޝިއާގެ 8،000 ޓޫރިސްޓުން އެބަތިއްބެވެ.