Roadha Mihaaru
އެޕަލް އާއި ގޫގުލް އިން އޯލެޑް ޑިސްޕްލޭ ފަތް ޖަހަނީ

އެޕަލް އަދި ގޫގުލް، އެލްޖީއާ ގުޅިގެން އޯލެޑް ޑިސްޕްލޭތައް ފަތް ޖަހަނީ

21 ޑިސެމްބަރ 2016

މިއީ މަލާމާތަކަށް ދައްކާ ވާހަކައެއް ނޫނެވެ. ސްމާޓް ޑިވައިސްތަކުގައި ބޭނުންކުރާ ޑިސްޕްލޭތައް ފަތްޖަހާލުމަކީ ޓެކްނޮލޮޖީ ކުންފުނިތަކުން ހަމަހޭގައި ވެސް ދެކޭ ހުވަފެނެކެވެ. އޯލެޑް ޑިސްޕްލޭތައް އޮޅާލައި، ފަތްޖަހާލަން އެޕަލް އަދި ގޫގުލް، ސައުތު ކޮރެއާގެ އެލްޖީ ކުންފުންޏާ އެކު ވަނީ މަޝްވަރާތައް ފަށާފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މިއީ މަލާމާތަކަށް ދައްކާ ވާހަކައެއް ނޫނެވެ. ސްމާޓް ޑިވައިސްތަކުގައި ބޭނުންކުރާ ޑިސްޕްލޭތައް ފަތްޖަހާލުމަކީ ޓެކްނޮލޮޖީ ކުންފުނިތަކުން ހަމަހޭގައި ވެސް ދެކޭ ހުވަފެނެކެވެ. އޯލެޑް ޑިސްޕްލޭތައް އޮޅާލައި، ފަތްޖަހާލަން އެޕަލް އަދި ގޫގުލް، ސައުތު ކޮރެއާގެ އެލްޖީ ކުންފުންޏާ އެކު ވަނީ މަޝްވަރާތައް ފަށާފަ އެވެ.

އޯލެޑް ޑިސްޕްލޭތައް ލަންބާލުމަށްޓަކައި، ސިނާއަތުގައި ބާރުގަދަ ދެތިން ކުންފުންޏަކުން މަސައްކަތް ފަށައިގަތް ނަމަވެސް، ޑިސްޕްލޭ ޓެކްނޮލޮޖީ އަށް ފަރިތަ ސެމްސަންގް ބައިވެރިކޮށްފައެއް ނުވެ އެވެ. އަސްލު ސަބަބު ނޭނގުނު ނަމަވެސް، ސެމްސަންގް މި ވަގުތު އޮތީ ގުޅިގެން މަސައްކަތްތަކެއް ކުރެވޭ ހާލެއްގައެއް ނޫނެވެ.

އޯލެޑް ޑިސްޕްލޭ ޓެކްނޮލޮޖީ އަކީ ސެމްސަންގް އަމިއްލަ އެއްޗެއްހެން ހީވާ ވަރަށް އެ ކުންފުނިން ދަނީ ބޭނުންކުރަމުންނެވެ. ސެމްސަންގުން އުފައްދާ ސްމާޓްފޯނުތަކުގައި އަދި ޓެބްލެޓްތަކުގައި ވެސް އޯލެޑް ޑިސްޕްލޭ ބޭނުންކުރެ އެވެ.

އެޕަލް އަދި ގޫގުލް، އެލްޖީއާ ގުޅިގެން އޯލެޑް ޑިސްޕްލޭ ޓެކްނޮލޮޖީ އުފައްދައި އެ ކުންފުނިތަކުގެ ޑިވައިސްތަކުގައި ބޭނުންކުރަން މަސައްކަތްކުރަނީ، ސެމްސަންގް އަށް ހީވެފައި އޮންނަ އަމިއްލަ ވަންތަކަން ނައްތާލުމަށް ކަމަށް ވެސް ބެލެވެ އެވެ. އޯލެޑް އުފައްދައި ފުޅާކުރަން ކުރާ މަސައްކަތްތަކުގައި މައިކްރޮސޮފްޓުން ވެސް ހިއްސާ ވާނެ ކަމަށް ބެލެވެ އެވެ.

އެޕަލް އަކީ އާންމު އުސޫލުތަކުން ބަލާއިރު، ބަޔަކާ ގުޅިގެން މަސައްކަތްކުރާ ކުންފުންޏެއް ނޫނެެެވެ. އޯލެޑް ޑިސްޕްލޭ އުފެއްދުމަށްޓަކައި އެޕަލުން ހިއްސާވަނީ އޭގެ ބޭނުންތެރިކަން އެޕަލް އަށް ބޮޑުވުމުން ކަމަށް ގަބޫލުކުރެވެ އެވެ.

އައިފޯން އަދި އައިޕެޑްގައި އޯލެޑް ޑިސްޕްލޭ އަޅުވާނެ ކަމަށް ބުނެ ވާހަކަދެކެވޭތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. ބެލެވޭ ގޮތުގައި އައިފޯން 8 ގައި އޯލެޑް ޑިސްޕްލޭ އިނުމަކީ ގާތް ކަމެކެވެ. އައިފޯނަށް ފުރިހަމަކަން ގެނައުމަށްޓަކައި، އޯލެޑް ޓެކްނޮލޮޖީ އަށް ކޮންމެހެން ވެސް ބަދަލުވާން ޖެހޭ ކަމަށް ވަފާތެރިން ވެސް ބުނެ އެވެ.

ސިނާއަތުގައި ބާރުގަދަ ކުންފުނިތައް ގުޅިގެން އޯލެޑް ޑިސްޕްލޭ އުފައްދަން ފަށާއިރު ކޮންމެ ބަޔަކު ވެސް އެކަމަށް ޝައުގުވެރިވެ އެވެ. އެޕަލް އަށް އައިފޯނު، ގޫގުލް އަށް ޕިކްސެކް ފޯނު މައިކްރޮސޮފްޓަށް ސާފަސް ފޯނާއި ޓެބްލެޓް އެވެ.