Roadha Mihaaru
ޔޫއޭއީން 2030 އަށް 6ޖީ ގެންނަން އަމާޒު ހިފައިފި

ޔޫއޭއީން 2030 އަށް 6ޖީ ގެންނަން އަމާޒު ހިފައިފި

05 ޖުލައި 2021

ޔޫއޭއީން އެ ގައުމުގެ ތަރައްގީގެ ތަސައްވުރުގައި 2030 އަށް 6ޖީ އަށް އަމާޒު ހިފައި އެކަން އިއުލާނުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔޫއޭއީން އެ ގައުމުގެ ތަރައްގީގެ ތަސައްވުރުގައި 2030 އަށް 6ޖީ އަށް އަމާޒު ހިފައި އެކަން އިއުލާނުކޮށްފި އެވެ.

ސްޕެއިންގެ ބާސެލޯނާގައި ބޭއްވި މޮބައިލް ވޯލްޑް ކޮންގްރެސްގައި ޔޫއޭއީގެ މުއާސަލާތީ ކުންފުނި އެޓިސްލާޓްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހައިތަމް އަބްދުލްއަޒާކް ބުދަ ދުވަހު ވިދާޅުވީ ޔޫއޭއީ އަށް 6ޖީ ގެނައުމުގެ މަގުޗާޓް މިހާރު އޮތީ އެކުލަވާލާފައި ކަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކީ އެ ނެޓްވޯކް ތައާރަފުކުރާ ފުރަތަމަ ގައުމުގެ ޝަރަފު ހޯދުން ކަމަށް ވިދާޅުވި އެވެ.

މުޅި ދުނިޔެއަށް ބަލާއިރު ވެސް 6ޖީ އަށް އަމާޒުކޮށް މަސައްކަތްކުރާ ގައުމުތައް އަދި މަދެވެ.

ތަރައްގީކުރުމުގެ މަރުހަލާގައި އޮތް 6ޖީ އަށް އެންމެ ބޮޑަށް މަސައްކަތްކުރާ ގައުމުތަކަކީ ފިންލޭންޑާއި ސްވިޑްން އާއި ޗައިނާ އާއި ދެކުނު ކޮރެއާ އަދި ޖަޕާން އެވެ. އަދި މިކަމުގައި ނަގާކިޔާ ކުންފުނިތަކަކީ ނޮކިއާ، އެރިކްސަން ސެމްސަންގް، ވާވޭ، އެލްޖީ، އޭޓީ އެންޑް ޓީ، ވެރިޒޯން، ޓީ-މޮބައިލް، މައިކްރޮސޮފްޓް އަދި އެޕަލް އެވެ.

މި ކުންފުނިތައް އެކީގައި 6ޖީ އަށް މަސައްކަތްކުރަނީ "ނެކްސްޓް ޖީ އެލަޔަންސް" ގެ ނަމުގައި އެލަޔަންސް ފޯ ޓެލެކޮމިއުނިކޭޝަންސް އިންޑަސްޓްރީ ސޮލިއުޝަންސް (އޭޓީއައިއެސް) އިން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އިފުތިތާހުކޮށްފައިވާ އިއްތިހާދަކާ އެކީގަ އެވެ.

އަމާޒަކީ 2030 އާ ހަމައަށް އަންނަ އިރު 6ޖީ ހަގީގަތަކަށް ހެދުމެވެ.