Roadha Mihaaru
އޭސީސީއަށް އައްޔަންކުރާ މެމްބަރުންގެ ނަންތައް ކޮމިޓީއަށް

އޭސީސީ އަށް އައްޔަންކުރާ މެމްބަރުންގެ ނަންތައް ކޮމިޓީ އަށް

28 ފެބުރުއަރީ 2022

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަންކުރާ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަންކުރާ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ކޮމިޝަނަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ފަސް މެމްބަރުންގެ ނަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވުމާ ގުޅިގެން، މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ނަންތައް އިއްވެވުމަށް ފަހު، ނަންތައް ދިރާސާ ކުރައްވައި ގޮތެއް ކަނޑައަޅަން ފޮނުއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ.

އެ ކޮމިޓީން އެ ނަންތަކާ މެދު ގޮތެއް ނިންމުމުން، އެންމެ ފަހުގެ ގޮތް ކަނޑައަޅާނީ މަޖިލީހުގައި ނަގާ ވޯޓަކުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އޭސީސީ އަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގެންނެވި ފަސް ބޭފުޅުންގެ ނަމުގެ އިތުރުން އާންމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަ ދެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ހިމެނުއްވި ކަމަށެވެ.

މަޖިލީހުގެ ޗުއްޓީގެ ތެރޭގައި ޖަލްސާ ބާއްވައި، އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތިން މެމްބަރަކު އިސްތިއުފާ ދެއްވީ އެވެ. އޭގެ ކުރިން އަމިއްލަ ސަބަބުތަކަކާ ހެދި ދެ މެމްބަރަކު ވަނީ ވަކިވެވަޑައިގެންފަ އެވެ.

އެހެންވެ، ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް އޭސީސީ މިއަދާ ހަމައަށް ވެސް އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.

އޭސީސީ އަށް އައްޔަންކުރަން ރައީސަށް ފެނިވަޑައިގެންނެވި ނަންތައް:

- އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި

- އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ

- ތާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި

- ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު

- ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު

އޭސީސީ އަށް މި ސަރުކާރުން ފުރަތަމަ އައްޔަންކުރި މެމްބަރުން ވަކިކުރަން މަޖިލީހުން ނިންމީ އެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު، އެ ކޮމިޝަންގެ މެމްބަރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ފާސްކުރުމުންނެވެ.

ނަމަވެސް އެ މެމްބަރުން ވަނީ ބޮޑެތި މައްސަލަތަށް ބަލަން އެކަށީގެންވާ ވަރަށް އިންސާނީ ވަސީލަތް ނެތް ކަމުގެ ޝަކުވާ ކޮށްފަ އެވެ.