Roadha Mihaaru
އޭސީސީ އަށް އައްޔަން ކުރަން ފޮނުވި ނަންތައް ފާސްކޮށްފި

އޭސީސީ އަށް އައްޔަން ކުރަން ރައީސް ފޮނުއްވި ފަސް ނަން މަޖިލީހުން ފާސްކޮށްފި

14 މާޗް 2022

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވެވި ފަސް ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވެވި ފަސް ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ޗުއްޓީގެ ތެރޭގައި ޖަލްސާ ބާއްވައި، އެ ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމުން އޭސީސީގައި ތިއްބެވި ތިން މެމްބަރުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ކުރިން އިތުރު ދެ މެމްބަރަކު ވަނީ އަމިއްލަ ސަބަބުތަކަކާ ހެދި ވަކިވެވަޑައިގެންފަ އެވެ.

ކޮރަޕްޝަން ބެލުމުގެ އެންމެ މަތީ ޒިންމާ އޮންނަ އޭސީސީ، ގާނޫނީ ހުސްކަމެއްގެ ތެރޭގައި ގާތްގަނޑަކަށް ތިން މަސް އޮތުމަށް ފަހު، އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ހުރިހާ ނަމަކަށް މަޖިލީހުން މިއަދު ރުހުން ދިނެވެ. އެ ކޮމިޝަނަށް ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ނަމެއް ފާސްވީ ވޯޓުގައި ބައިވެރިވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި، ފްލެޓުގެ މައްސަލަތައް ބަލާ ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު އޭސީސީ އަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 40 މެމްބަރެކެވެ. އޭނާ އެ ކޮމިޝަނަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެއް މެމްބަރެކެވެ.

އޭސީސީ އަށް އައްޔަން ކުރަން ފާސްވި ނަންތައް:

- އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި

- އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ

- ތާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި

- ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު

- ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު

އެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރި ގޮތާ ގުޅޭ ގޮތުން އެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށާއި އެ ބޭފުޅުންނާ އިންޓަވިއު ކުރިއިރު އެކަށީގެންވާ ވަރަށް މާކްސް ވެސް ލިބިފައިވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، އެއިން އެއްވެސް ނަމަކާ ދޭތެރޭ ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް އާންމުކޮށް ހުޅުވައިލުމުން ކާކު ކަން ނޭނގޭ ގޮތަށް ސިއްރު މައުލޫމާތު ހިމެނޭ ކަމަށް ބުނާ ލިޔުންތަކެއް މެއިލްގެ ޒަރިއްޔާ އިން ލިބުނު ކަމަށެވެ. އެކަމަކު، އޭގައި ހިމެނޭ އެއްވެސް ފައިލެއް ނުހުޅުވޭ ކަމަށް ވިދާޅުވި އެވެ.

"ފައިލް ނުހުޅުވޭތީ އެ މައުލޫމާތު ހިއްސާ ކުރުމަށް އަލުން މެއިލް ކުރަން އެދުނިން. ނަމަވެސް ފަހުން ވެސް އެ އެޓޭޗްމަންޓުގައިވާ އެއްޗެެއް ފޯޯރުކޯށްދީފައެއް ނުވޭ،" ރޮޒައިނާ ވިދާޅުވި އެވެ.

ކޮމިޓީގެ މަސައްކަތާ ގުޅޭ ގޮތުން ރޮޒައިނާ ދެން ފާޅުކުރެއްވި ކަންބޮޑުވުމަކީ އިންޓަވިއު ލައިވް ކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި، ފަހުން އިންޓަވިއު ކުރާ މީހުންގެ ސުވާލުތަކާއި ޖަވާބު ހުރި ގޮތް ލައިވް ކުރާތީ ބެލޭނެ އެވެ. އެކަން އެހެން އޮތުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ހައްލު ކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީގައި އެދުމުން އެ މައްސަލަ އަދިވެސް އެޖެންޑާ ކޮށްފައި ނެތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.