Roadha Mihaaru
އެމްޑީޕީގެ ތެރެއިން އުޅެނީ  ސަރުކާރު ވައްޓާލަން:ޝަރީފް

އެމްޑީޕީގެ ތެރެއިން އުޅެނީ ރައީސްގެ އަތްފައި ބުރިކޮށް، ސަރުކާރު ވައްޓާލަން: ޝަރީފް

01 މާޗް 2022

އެމްޑީޕީގެ ވެރިކަމެއް އޮތަސް އެ ޕާޓީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާ ކަމަށާއި ރާވައިގެން ސަރުކާރު ވައްޓައިލަން އުޅޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ތުހުމަތު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ ވެރިކަމެއް އޮތަސް އެ ޕާޓީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާ ކަމަށާއި ރާވައިގެން ސަރުކާރު ވައްޓައިލަން އުޅޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ޝަރީފް އެ ތުހުމަތު ކުރެއްވީ ރ. ދުވާފަރު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އެމްޑީޕީގެ މެމްބަރެއް ކަމަށްވާ އަހުމަދު އާމިރު ވަކިކުރުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އިން ރައިސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ނިންމެވުމާ ގުޅިގެން އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެެއާޕާސަންގެ އިންތިހާބަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ތަރުޖަމާން އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޝަރީފް ވިދާޅުވީ، ރިޔާސީ ނިޒާމެއްގެ ތެރެއިން ރައީސަށް ލިބިދޭން ޖެހޭ ވަރަށް ގާނޫނުއަސާސީން ބާރު ލިބިފައި ނުވާއިރު ވެސް ވެރިކަން ކުރައްވަން އޮތް ހަނި ފުރުސަތު ނަގައިލުމަށް ވެރިކަން ކުރާ ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގައި އަދާކުރަނީ އިދިކޮޅު ޕާޓީއެއްގެ ދައުރު ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި ހުންނެވިއިރު، އެ ޕާޓީން އެ މަނިކުފާނުގެ ސަރުކާރު ވައްޓާލަން ކުރި މަސައްކަތް މިހާރު އަލުން ފަށާފައިވާ ކަމަށް ޝަރީފް ތުހުމަތު ކުރި އެވެ.

"ރައީސް އަށް ލިބިދޭ ހަނި ފުރުސަތު ނިގުޅައިގަނެ، އަތްފައި ބުރިކޮށްލައި މި މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު ވެރިކަން ކުރާ ޕާޓީން އަދާކުރާ ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް. ބިރުވެރިކަމެއް. ނުރައްކާތެރި ކަމެއް. ސަރުކާރު ވައްޓާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއް ކަމުގައި އަޅުގަަނޑު ސިފަ މި ކުރަނީ ކެރި ހުރެގެން،" އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުގެ މަގާމެއްގައި ހުރެ އެކަށީގެންވާ ވަރަށް މަސްއޫލިއްޔަތު އަދާނުކުރެވޭ ނަމަ ވަޒީފާ އިން ވަކިކުރުމަކީ ރައީސްް ކުރައްވަން ޖެހޭނެ ކަމެކެވެ. ޕާޓީގެ އެތެރެ އާއި ބޭރުގެ އިންތިހާބެއް އޮތަސް މަސައްކަތް ނުކުރެވޭ އަދި މަސްއޫލިއްޔަތުތައް އަދާނުކުރެވޭ މީހުން ވަޒީފާ އިން ވަކި ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޕާޓީ މީހަކަށް ވިޔަސް ދަރިއަކަށް ވިޔަސް ހަވާލު ކުރެވޭ މަސްއޫލިއްޔަތު ބަރާބަރަށް އަދާނުކުރާ ކަމަށް ވަންޏާ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ނުދޭ ކަމަށް ވިއްޔާ ވަޒީފާ އިން ވަކި ކުރަން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީގެ ތެރޭގައި ބޮޑުވެފައިވާ އިރު އެ އިންތިހާބުގައި ވާދަ ކުރައްވާ އިންތިގެ ކެމްޕެއިން ޓީމުން ތުހުމަތު ކުރަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އިންތިއާ ވާދަ ކުރައްވާ ފައްޔާޒުގެ ޓީމުގެ ފަރާތުން ވަކި އެއްޗެއް ނުބުނެ އެވެ. އަދި ސަރުކާރުން ވެސް ޖަވާބެއް ނުދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްޑީޕީގެ އިންތިހާބާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނާޖާއިޒް ގޮތުގައި ބޭނުންކުރައްވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް މެސެޖެއް ވެސް ފޮނުއްވައިފަ އެވެ. އެ މެސެޖުގައި ނަޝީދު ވަނީ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.