Roadha Mihaaru
ވޯޓު ސިއްރުކޮށްފިނަމަ ފައިސާގެ ނުފޫޒު ވަދެދާނެ: އިންތި

ވޯޓު ސިއްރުކޮށްފި ނަމަ ފައިސާގެ ނުފޫޒު ވަދެދާނެތީ ކަންބޮޑުވޭ: އިންތި

22 އެޕްރީލް 2019

ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ކަނޑައަޅާނެ ބޭފުޅަކާ މެދު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނަގާ ވޯޓު ސިއްރުކޮށްފި ނަމަ، ފައިސާގެ ނުފޫޒު ވަދެދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ކަނޑައަޅާނެ ބޭފުޅަކާ މެދު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނަގާ ވޯޓު ސިއްރުކޮށްފި ނަމަ، ފައިސާގެ ނުފޫޒު ވަދެދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގެ ސާފު އަޣުލަބިއްޔަތު ހޯދުމަށް ފަހު، އެ ޕާޓީގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ތެރެއިން ހަމަޖައްސާނެ ބޭފުޅުންނާ މެދުގަ އެވެ. އެމްޑީޕީގެ އިންތިޚާބީ މެމްބަރުންގެ ތެރެއިން މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަސް ބޭފުޅަކު މިވަގުތު އެބަ ތިއްބެވި އެވެ.

އިންތި "މިހާރު" އަށް ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި މިހާތަނަށް ވެސް ހާމަކޮށް ނިންމަމުން ގެންދާ ނިންމުމެއް ސިއްރު ކުރަން އުޅުމަކީ ފައިސާގެ ނުފޫޒަށް ޖާގަ ލިބިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

"މަޖިލިހުގެ ރައީސް ކަމުގެ މަގާމާ މެދު ނިންމާ ނިންމުމަކަށް ވާތީ މި ޕާޓީން ބޭރުން އެހެން ބައެއްގެ ނުފޫޒު ޕާޓީ އަށް ވެއްދުމަށް މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރެވޭ،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން ކަން ކުރައްވަމުން ގެންދަވާ އިންތި ވިދާޅުވި ގޮތުގައި "މަޖިލިސް 19 ސިއްރުވެރިއެއް ނުވާނެ" މި ޝިއާރުގެ ދަށުން އެމްޑީޕީގެ މެމްބަރުން ކެމްޕެއިން ކުރެއްވި އިރު، ކުރިން ސިއްރު ނޫން ގޮތަކަށް ހުރި ކަންކަން ސިއްރު ކުރަން އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މަޖިލިހުގެ ރައީސަކަށް ގެންނަންވީ ބޭފުޅަކާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ ދެމެދު ތަފާތު ހިޔާލެއް ނެތް ކަމަށް އިންތި ވިދާޅުވި އެވެ.

"ބައެއް މެމްބަރުން މީޑިއާގައި ނަން ސިއްރުކޮށްގެންނާއި އެނޫން ގޮތަށް ވަކި ރާގަކަށް ވާހަކަ ދައްކަވަމުން ދާ ދިއުމަކީ އެހެން މަގްސަދެއްގައި ކުރައްވާ ކަމެއް ކަމުގައި ދެކެން. އެހެން ނޫން ނަމަ، އެގޮތަކަށް ވާހަކަ ދެއްކެވުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި ކަންކަން ހިނގާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ދައްކަވާ ގޮތެއްގެ މަތިންނެވެ. އަދި ހުރިހާ ކަމެއް ކުރިއަށް ދާނީ ދެ ބޭފުޅުންގެ ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ތިން ވަނަ ދައުރަކަށް މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި އިންތި ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކަނޑައަޅާނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ ވޯޓަކީ ސިއްރު ވޯޓަކަށް ވާން ޖެހޭނެ އެވެ. އެކަމަކު، އަނެއް ބަޔަކު ބުނަނީ އެ ވޯޓު ސިއްރު ވޯޓަކަށް ހަދަން ނުޖެހޭ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވޯޓު ނަގާނެ ގޮތެއް އަދި ނުނިންމަ އެވެ. މީގެކުރިން، މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ނުވާތީ، އެ ޕާޓީގެ ތެރެއިން މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސަކު ކަނޑައަޅަން މެމްބަރުންގެ މެދުގައި ވޯޓަކަށް ގޮސްފައެއް ނުވެ އެވެ.