Roadha Mihaaru
ޖައިލަމްގެ މަރު: އަންނަ ހަފުތާއަށް ހުކުމް ފަސްކޮށްފި

ޖައިލަމްގެ މަރު: ހުކުމް އިއްވުން އަންނަ ހަފުތާއަށް ފަސްކޮށްފި

02 މާޗް 2022

މީގެ ހަތް އަހަރު ކުރިން ޖައިލަމް އަހުމަދު ޝާކިރު މަރާލި މައްސަލާގެ ހުކުމް މިއަދު އިއްވަން ހަމަޖައްސާފައި ވަނިކޮށް އަންނަ ހަފުތާއަށް ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ހަތް އަހަރު ކުރިން ޖައިލަމް އަހުމަދު ޝާކިރު މަރާލި މައްސަލާގެ ހުކުމް މިއަދު އިއްވަން ހަމަޖައްސާފައި ވަނިކޮށް އަންނަ ހަފުތާއަށް ފަސްކޮށްފި އެވެ.

ފެބްރުއަރީ، 2015 ގައި ދަރުބާރުގެ ކައިރީގައި ހ. ހަންޑްރެޑްފްލާވާސް، ޖައިލަމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ، އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

އެ މައްސަލާގައި ކުރިން ހަމަޖައްސާފައި އޮތީ މިއަދު ހުކުމް އިއްވުމަށެވެ. ނަމަވެސް މިއަދު އަޑުއެހުން ފެށުމަށްފަހު އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ ހުކުމް އިއްވުން ފަސްކުރީ މައްްސަލަ ދިރާސާ ކުރިއިރު ބައެއް ލިޔުންތައް ފެންނަން ނެތުމުން އެކަން ސާފު ކުރުމަށް ކަމަށެވެ.

ޖައިލަމް

ޖައިލަމް

ގާޒީ ޝަފީއު ވިދާޅުވީ ހުމައިދު ފިޔަވައި ދެން ތިބި މީހުންނާ ތަހުގީގުގައި ސުވާލު ކުރިއިރު ގާނޫނީ އިންޒާރު ދިންކަމުގެ ލިޔުމެއް ފެންނަން ނެތް ކަމަށެވެ. އެ ލިޔުންތައް ކޮބައިތޯ ގާޒީ ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ އަނީގާއި އިރުފާނާއި ނަސީބު ސައީދަށް ގާނޫނީ އިންޒާރު ދިންކަމުގެ ލިޔުން އެބައޮތް ކަމަށެވެ.

އެ މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި، ގާޒީ ޝަފީއު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތުމުން އެ މައްސަލާގެ ހުކުމް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު އިއްވާނެ ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އެ މީހުންގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، އޮންނާނީ ޖައިލަމްގެ ވާރިސުން ބޭނުންވާ ގޮތެކެވެ. ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވެއްޖެ ނަމަ، އެ މީހުންގެ މައްޗަށް އަންނާނީ މަރުގެ އަދަބެވެ. އެގޮތަށް ވާރިސުން ބޭނުންނުވާ ނަމަ އަންނާނީ ގާނޫނީ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލުމުގެ އަދަބެކެވެ.