Roadha Mihaaru
ކުއާޓާ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނޮޓިންހަމް

އެފްއޭ ކަޕް: ކުއާޓާ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް

08 މާޗް 2022

ނޮޓިންހަމްޝަޔާ (މާޗް 8) - އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މި މަހު 20 ވަނަ ދުވަހުގެ ރޭ ލިވަޕޫލާ ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނޮޓިންހަމްޝަޔާ (މާޗް 8) - އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މި މަހު 20 ވަނަ ދުވަހުގެ ރޭ ލިވަޕޫލާ ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

ނޮޓިންހަމް ފޮރެސްޓް ވަނީ ރޭ ކުޅުނު ފަސްވަނަ ބުރުގެ މެޗުގައި ފަހަތުން އަރައި ހަޑާސްފީލްޑް ޓައުން ބަލިކޮށްފަ އެވެ. ހަޑާސްފީލްޑްގެ ޓޮމް ލީސް މެޗުގެ 13 ވަނަ މިނިޓުގައި ލީޑު ނަގައިދިން ނަމަވެސް، ސޭމް ސަރިޖާއި ރަޔާން ޔާޓެސް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި ޓީމު މޮޅު ކޮށްދީފަ އެވެ.

ނޮޓިންހަމް ފޮރެސްޓް ވަނީ މި ސީޒަނުގެ އެފްއޭ ކަޕުގައި، މުބާރާތުގެ އެންމެ ކާމިޔާބު ކުލަބް އާސެނަލް އަދި، އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ ވެސް މުބާރާތުން ކަޓުވާލައިފަ އެވެ. މުބާރާތުގެ ތިންވަނަ ބުރުގެ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް އާސެނަލް ކޮޅަށް ނޮޓިންހަމުން ލަނޑުޖަހައި 1-0 އިން މޮޅުވި އިރު، ޖެހިގެން އައި ބުރުގައި ވަނީ ފަސޭހަކަމާ އެކު 4-1 އިން ލެސްޓާ ބަލިކޮށްފަ އެވެ.

ނޮޓިންހަމް ފޮރެސްޓް މި ވަގުތު އޮތީ 24 ޓީމު ވާދަކުރާ އިނގިރޭސި ދެވަނަ ޑިވިޝަން ކަމަށްވާ، އީއެފްއެލް ޗެމްޕިއަންޝިޕުގެ ނުވަ ވަނައިގަ އެވެ. ނަމަވެސް ކުރިން އެ ޓީމަކީ އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރުތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. އެ ޓީމުން ވަނީ 1979 އާއި 1980 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް (މިހާރުގެ ޗެމްޕިއަންސް ލީގު) ކާމިޔާބު ކޮށްފަ އެވެ.

މިއީ 1996 ވަނަ އަހަރަށް ފަހު ނޮޓިންހަމް ފޮރެސްޓް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމު ވަނީ މީގެ ކުރިން ދެ ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް އެއީ 1898 އާއި 1959 ވަނަ އަހަރެވެ.

އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ނޮޓިންހަމް ފޮރެސްޓުން ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ އަމިއްލަ ދަނޑުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ.