Roadha Mihaaru
ސަރުކާރަށް ޖެއްސުން ކުރަން ކުރި ކަމެއް ސާފުކޮށްދީ: މީކާއިލް

ސަރުކާރަށް ޖެއްސުން ކުރަން ކުރި ކަމެއް ސާފުކޮށްދީ: މީކާއިލް

09 މާޗް 2022

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ހުރަސް އަޅަން ކުރާ މަސައްކަތްތަކަކީ ކޮބައިކަން ބުނެދޭން ޖެހޭ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް މިއަދު ރައްދު ދެއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ހުރަސް އަޅަން ކުރާ މަސައްކަތްތަކަކީ ކޮބައިކަން ބުނެދޭން ޖެހޭ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް މިއަދު ރައްދު ދެއްވައިފި އެވެ.

މީކާއިލް މިހެން ވިދާޅުވީ، މަޖިލީހުގެ ތެރެއިން ސަރުކާރަށް ހުރަސް އެޅުމަށް ބައެއް މެމްބަރުން މަސައްކަތް ކުރައްވާ ކަމަށް އެމްޑީޕީގެ ރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވުމާ ގުޅިގެންނެވެ.

އެހެންވެ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއިލް ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިބެ ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކަށް އަދި އިސްލާހަކަށް ކެނޑިނޭޅި ތާއީދު ކުރަމުން އަންނަ ކަމަށާއި ބަޖެޓުތައް ފާސް ކުރަން ސަރުކާރަށް އެހީތެރިވެ، ދައުރުން ބޭރުން ވެސް ކުރަން ޖެހިއްޖެ ކޮންމެ ކަމެއް ސަރުކާރަށް ކޮށްދެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ސަރުކާރަށް މަދަދުވެރިވާން ޖެހޭ ކޮންމެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންގެ ދައުރު އެ މަގަށް އެ އަމާޒަށް ވަސިލްވުމަށް އަދާކުރަމުން،" އަންނަ މޭ މަހުގެ 14 އަށް ރޭ ފަސްކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނޭ އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއީދު ކުރައްވާ މީކާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނަށް އަމާޒު ކުރައްވައި، މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުން ކުރާ ކަމަށް ބައެއް ވަޒީރުން ތުހުމަތު ކުރައްވާ ކަމަށެވެ. އަދި ސަރުކާރު ހިންގަން މަޖިލީހުގެ ތެރެއިން އެހީތެރިނުވާ ކަމަށް އެ ބޭފުޅުން ވިދާޅުވާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ނަމަވެސް ރިޔާސީ ބަޔާނުގައި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު މަޖިލީހުން އެ މަނިކުފާނަށް ދޭ އެއްބާރުލުންގެ ވާހަކަ ފާހަގަ ކުރައްވައި އެ ކަމަށް ޝަކުރު އަދާކުރައްވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އެ އިލްޒާމު އަޅުވާ ކަމަށް ވާ ނަމަ އެ ވަޒީރުންނަށް ކެރިވަޑައިގަންނަވަން ޖެހޭނެ މި ރައްޔިތުންގެ މަޖިލީހުން އެ ކަން ކުރައްވަނީ ކޮން މެމްބަރުންނެއް ކަން އަދި ކުރައްވަނީ ކޮން މަސައްކަތެއް ކަން ސާފުކޮށް ބުނެދޭން. މި ތަނުން ފާސް ނުކުރީ ކޮން ބިލެއްތޯ، ބޭރުކޮށްލީ ކޮން އިސްލާހެއްތޯ، ބަޖެޓު ފާސް ކުރަން ހުރަސް އަޅަން ކުރީ ކޮން ކަމެއްތޯ ސާފުކޮށް ބުނެދޭން ޖެހޭ. ނުބުނެދެވޭނެ،" މީކާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ސަރުކާރު ގެންނަން އަދި ދަމަހައްޓަން ވެސް ތިބީ އެމްޑީޕީގެ އެ މެމްބަރުންނެވެ.

އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ވެރިކަމުގައި މިހާރުގެ ބައެއް އެމްޑީޕީ މެމްބަރުން އޭރުގެ ޑީއާރުޕީގައި ތިއްބަވައިގެން އެ މަނިކުފާނުގެ ސަރުކާރަށް ހުރަސް އަޅަން ކުރެއްވި މަސައްކަތް ހަނދާން ނުނެތޭނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.