Roadha Mihaaru
ހަނދުގައި ނެގި ފޮޓޯއެއް 7،700 ޑޮލަރަށް

ހަނދުގައި ނެގި ފޮޓޯއެއް 7،700 ޑޮލަރަށް ވިއްކާލައިފި

11 މާޗް 2022

އެންމެ ފުރަތަމަ ހަނދަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެސްޓްރޮނޯޓް ބަޒް އެލްޑްރިން ހަނދުގައި ހުއްޓަ ފެންނަ ފޮޓޯއެއް 7،700 ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ.

އެންމެ ފުރަތަމަ ހަނދަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެސްޓްރޮނޯޓް ބަޒް އެލްޑްރިން ހަނދުގައި ހުއްޓަ ފެންނަ ފޮޓޯއެއް 7،700 ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނީލަމެއްގައި ނާސާގެ އެޕޯލޯ މިޝަންތަކުގައި ނަގާފައިވާ ވަރަށް ގިނަ ފޮޓޯތައް ވަނީ ވިއްކާލައިފަ އެވެ. ޑެންމާކުގައި ބޭއްވި އެ ނީލަމުގައި އެ މިޝަންގެ 74 ފޮޓޯއެއް ވިއްކާލީ 171،831 ޑޮލަރަށެވެ.

އަމިއްލަ ފަރާތްތަކުން ވެރިކޮށްފައިވާ އެ ފޮޓޯތަކުގެ ތެރޭގައި އެޕޯލޯ 8 އިން ފެށިގެން 17 ގެ މިޝަންތަކާ ދެމެދުގައި ނަގާފައިވާ ފޮޓޯތައް ހިމެނެ އެވެ. އޭގެ ތެރެއިން 7،700 ޑޮލަރަށް ނީލަމުގައި ވިއްކަލީ އެލްޑްރިން ހަނދުގައި ހިނގާފައިދާ މަންޒަރު ފެންނަ ފޮޓޯ އެވެ.

އެ ފޮޓޯގައި އެލްޑްރިން އެސްޓްރޮނޯޓް ސޫޓްގައި ހުރި އިރު، އޭނާގެ މޫނު މަތީގައިވާ ލޯގަނޑުން އެންމެ ފުރަތަމަ ހަނދަށް ފޭބި އިންސާނާ އަދި އެސްޓްރޮނޯޓް ނީލް އާމްސްޓްރޯންގް ފެނެ އެވެ. އެ ފޮޓޯ ނެގީ ވެސް އާމްސްޓްރޯންގް އެވެ. ނޭޝަނަލް ޖިއޮގްރެފިކް އާއި ލައިފް މެގަޒިންގައި 1969 ވަނަ އަހަރު އެ ފޮޓޯ ޝައިއުކޮށްފައިވެ އެވެ.

އެ ނީލަމުގައި ވިއްކާލި އިތުރު ފޮޓޯތަކުގެ ތެރޭގައި އެޕޯލޯ 8 ގެ މިޝަންގައި ނެގި، ހަނދުގައި ހުންނައިރު ދުނިޔެ ފެންނަ ފުރަތަމަ ކުލަ ފޮޓޯ ވެސް ހިމެނެ އެވެ. އެ ފޮޓޯ ވިއްކާލީ 13،095 ޑޮލަރަށެވެ.

ސައިންޓިފިކް ދިރާސާތަކުގެ ބޭނުމަށާއި މެގަޒިންތަކުގައި ޖެހުމަށް ހަނދުގައި ނެގި ބައެއް ފޮޓޯތަކުގެ އޮރިޖިނަލް ނާސާ އިން ވަނީ ވަރަށް ކުރިން އަމިއްލަ ފަރާތްތަކަށް ވިއްކައިފަ އެވެ. އެކަމަކު ނީލަމުގައި އެ ފޮޓޯތައް ވިއްކި މީހުންނާއި ގަތް މީހުންގެ މައުލޫމާތު ވަނީ ސިއްރުކޮށްފަ އެވެ.

އެ ހުރިހާ ފޮޓޯތަކަކީ 1.3 މިލިއަން ޑޮލަރުގެ އަގުހުރި ފޮޓޯތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.