Roadha Mihaaru
އީލޮން، ބެޒޯސް އަށް:ކޯޓަށް ދިޔަޔަސް ހަނދަށް ނުދެވޭނެ

އީލޮންގެ ރައްދު ބެޒޯސްއަށް: ކޯޓަށް ދިޔަޔަސް ހަނދަކަށް ނުދެވޭނެ

30 ސެޕްޓެމްބަރ 2021

ކޯޓަށް ގޮސް ދައުވާ ކޮށްގެން ހަނދަކަށް ނުދެވޭނެ ކަމަށް ވިދާޅުވެ، ސްޕޭސް އެކްސްގެ ވެރިޔާ އަދި މަހުޖަނު އީލޮން މަސްކްގެ ބަހުގެ ހަމަލާތަކެއް އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އަށް ދެއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޯޓަށް ގޮސް ދައުވާ ކޮށްގެން ހަނދަކަށް ނުދެވޭނެ ކަމަށް ވިދާޅުވެ، ސްޕޭސް އެކްސްގެ ވެރިޔާ އަދި މަހުޖަނު އީލޮން މަސްކްގެ ބަހުގެ ހަމަލާތަކެއް އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އަށް ދެއްވައިފި އެވެ.

އެމެރިކާ އިން އަލުން ހަނދަށް ދާން ކުރިއަށް ގެންދާ "އާޓެމިސް" ޕްރޮގްރާމަށް ބޭނުންވާ އުޅަނދު ބަންނަން ބިޑްކުރުމުން އެމެޒޯންގެ ވެރިޔާގެ ބްލޫ އޮރިޖިންގެ އެއްބަސްވުން ބަލައިނުގަނެ، ނާސާގެ ހޮވުމަކަށްވީ މަސްކްގެ ސްޕޭސް އެކްސް އެވެ. މިކަމާ ގުޅިގެން މި އަހަރުގެ ކުރީކޮޅު އެ ޕްރޮޖެކްޓަށް ބިޑްކުރި ބްލޫ އޮރިޖިން އިން އެމެރިކާ ގަވަރަމަންޓް އެކައުންޓަލިބިލިޓީ އޮފީސް (ޖީއޭއޯ) އާއި ފެޑެރެލް ކޮމިއުނިކޭޝަން ކޮމިޝަން (އެފްސީސީ) އަށް ވެސް އެކަން ހުއްޓުވައިދޭން އެދި ހުށަހެޅި އެވެ. އެއާ އެކު ނާސާ އިން ޕްރޮޖެކްޓްގެ މަަސައްކަތް މަޑުޖެއްސި އެވެ.

ނަމަވެސް ފަހުން އަނެއްކާ ވެސް ނާސާ އިން ނިންމި ކުރިން ވެސް ނިންމި ގޮތަށް ސްޕޭސް އެކްސްއާ އެކީގައި މަސައްކަތް ކުރިއަށް ގެންދާ ގޮތަށެވެ. މިކަމާ ގުޅިގެން ބެޒޯސް ނާސާ އަށް ދައުވާ ކުރެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެމެރިކާގެ ކެލިފޯނިއާގައި މި މަހުގެ 27-29 އަށް ބޭއްވި "ކޯޑް ކޮންފަރެންސް" ގައި އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ސުވާލު ކުރުމުން އީލޮން ވިދާޅުވީ ބެޒޯސް މިހާރު ކުރައްވާ ކަމަކީ މުޅިން ބޭކާރު ކަމެއް ކަމަށެވެ.

"އަހަރެން ބުނަން އޮތްހާ ވެސް ވާހަކަ އަކީ ކޯޓަކަށް ގޮސްގެނެއް ހަނދަކަށް ނުދެވޭނޭ. އެއީ ވަރިހަމަ އޭނަ [ބެޒޯސް] ގެ ގާނޫނީ ޓީމްގެ ބޭފުޅުން ކިތަންމެ ކުޅަދާނަ ބަޔަކަށް ވިޔަސް." ބެޒޯސް ފަހަތަށް ވައްޓާލައި އަނެއްކާ ވެސް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުހެ މަގާމު އަލުން ހޯއްދެވި އީލޮން ވިދާޅުވި އެވެ.

"އާޓެމިސް" ޕްރޮގްރާމަށް ބިޑްކުރުމުން އެކަން ކާމިޔާބު ނުވުމުން ދައުވާ ކުރައްވާތީ އީލޮން ވިދާޅުވީ ބެޒޯސް މިހާރު ކުރައްވާ ކަމަކީ ފޫ ނެތް ފަޔަށް ފެން ފުރަން އުޅުއްވުން ކަމަށެވެ.

ދައުވާއާ ގުޅިގެން އެއްވެސް ވަރަކަށް ބެޒޯސްއާ އެކަމާ ބެހޭ ގޮތުން ވާހަކަ ދެކެވުނުތޯ ސުވާލު ކުރުމުން އީލޮން ވިދާޅުވީ އަނގަ ބަހުން އެއްވެސް ވާހަކައެއް ދެ މީހުންގެ މެދުގައި ނުދެކެވޭ ކަމަށެވެ.

"އެކަމަކު އަހަރެން ވާނެ އެކަމާ ގުޅުވައިގެން ޓްވީޓްތަކެއް ކޮށްފައި." އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ 27 ގައި އީލޮން ކުރެއްވި ޓްވީޓެއްގައިވަނީ ބެޒޯސް އެމެޒޯންގެ ސީއީއޯގެ މަގާމުން ޖުލައި މަހު އިސްތިއުފާ ދެއްވައި މިހާރު ފުލްޓައިމްކޮށް ކުރައްވާ ކަމަކީ ސްޕޭސް އެކްސްއާ ދެކޮޅަށް ކޯޓަށް ވަޑައިގަތުން ކަމަށް ވިދާޅުވެ، ޖޯކް ޖައްސަވައިފަ އެވެ.

ނާސާ އަށް ދައުވާ ކުރަން ބްލޫ އޮރިޖިން އިން ނިންމީ ސްޕޭސް އެކްސް އަށް ޕްރޮޖެކްޓް ދޭން ނިންމި އަގު ކަމަށްވާ 2.9 ބިލިއަން ޑޮލަރުގެ ބަދަލުގައި އެ މަސައްކަތް ދެ ބިލިއަން ޑޮލަރަށް ކޮށްދޭން ހުށަހެޅުމުން ޖުލައި މަހުގެ ފަހުކޮޅު ހުށަހެޅުމުން އެކަން ވެސް ނާސާ އިން ބަލައި ނުގަތުމުންނެވެ.

އެމެރިކާގެ ޖައްވީ އިދާރާ އިން ބުނެފައިވާ ގޮތުގައި ހިއުމަން ލޭންޑިން ސިސްޓަމް (އެޗްއެލްސް) އެއް ކުންފުންޏަކާ ހަވާ؛ލުކޮށްގެން ހަދަން ނިންމީ ލިބުނު ބަޖެޓަށް ރިއާޔަތްކޮށެވެ. އެހެންވެ އެއް ކުންފުންޏަކަށް ވުރެ ގިނަ ކުންފުނިތަކާ ގުޅިގެން އެ އެކަން ކުރަން ބަޖެޓް ތަން ނުދޭ ކަމަށާއި އެންމެ ކުޑަ އަގެއް ކުރިން ހުށަހެޅީ ވެސް އީލޮންގެ ކުންފުނިން ކަމަށް ނާސާ އިން ބުނެފައިވެ އެވެ.

ނާސާ އިން މަސައްކަތް ކުރަނީ 2024 ގައި އަލުން ހަނދަށް ދިއުމަށެވެ. އަދި އެކަމާ ގުޅުވައިގެން އީލޮން ވިދާޅުވަނީ އެއަށް ވުރެ އަވަހަށް ވެސް އެކަން ވެދާނެ ކަމަށެވެ. އެކަމަކު ބެޒޯސް ވިދާޅު ވަނީ ނާސާ އިން ނާ އިންސާފުކޮށް ކަންތައް ކޮށްފައިވާތީ 2024 ގައި ހަނދަށް ދާން ކުރާ މަސައްކަތް ކާމިޔާބު ކުރަން އެތައް ހުރަހައެއް އެބައޮތް ކަމަށެވެ.