Roadha Mihaaru

ޔުއާނުން ތެލުގެ ވިޔަފާރި ކުރަން ސައޫދީ ވިސްނަނީ

ސައޫދީ އަރަބިއްޔާ އިން ޗައިނާ އަށް ވިއްކާ ތެލުގެ އަގު އަދާކުރުމުގައި، އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ، ޔުއާން ބޭނުންކުރުމާ ބެހޭ ގޮތުން، ޗައިނާ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު މަޝްވަރާ ކުރަން ފަށައިފި އެވެ.

ޔުއާނުން ތެލުގެ ވިޔަފާރި ކުރަން ސައޫދީ ވިސްނަނީ

ސައޫދީ އަރަބިއްޔާ އިން ޗައިނާ އަށް ވިއްކާ ތެލުގެ އަގު އަދާކުރުމުގައި، އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ، ޔުއާން ބޭނުންކުރުމާ ބެހޭ ގޮތުން، ޗައިނާ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު މަޝްވަރާ ކުރަން ފަށައިފި އެވެ.

ސައޫދީގެ މި ވިސްނުމަކީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެމެރިކާ ޑޮލަރުން ދަމަހައްޓަމުން އައި ނުފޫޒު ކުޑަވެ، ބައިނަލްއަގުވާމީ ތެލުގެ ވިޔަފާރީގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ފައިސާ ބޭނުންކުރުމަށް މަގު ފަހިކޮށްދޭނެ ކަމެކެވެ. ޔުއާން އިން ތެލުގެ ވިޔަފާރި ކުރުމާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މީގެ ކުރިން ކުރަމުން އައި މަޝްވަރާތައް މެދުކެނޑުނީ މީގެ ހަ އަހަރު ކުރިންނެވެ.

ނަމަވެސް މި އަހަރު އަލުން ޗައިނާއާ އެކުގައި ސައޫދީން މި ވާހަކަތައް މި ފެށީ، ސައޫދީން ޔަމަންގައި ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށް ސައޫދީން ތުހުމަތުކުރާ ދަނޑިވަޅެއްގަ އެވެ. ސައޫދީން ކުރާ ބައިނަލްއަގުވާމީ ތެލުގެ ވިޔަފާރީގައި ޑޮލަރުން މުއާމަލާތުކުރުމަށް، އެމެރިކާއާ އެކުގައި އެއްބަސްވީ، އޭގެ ބަދަލުގައި ސައޫދީ އަރަބިއްޔާ ދިފާއުކޮށްދިނުމަށް އެމެރިކާ އެއްބަސްވުމުންނެވެ.

ސައޫދީން އެކްސްޕޯޓްކުރާ ސާފު ނުކުރާ ތެލުގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބައި ގަންނަނީ ޗައިނާއިންނެވެ. ސައޫދީގެ ތެލަށް ޗައިނާގެ ފައިސާ އިން އަގު ދައްކަން އެއްބަސްވެވިއްޖެ ނަމަ، ބައިނަލްއަގުވާމީ ވިޔަފާރީގައި ސައޫދީ ފައިސާގެ އަގު ހިފެހެއްޓުމަށް އިތުރު ބާރަކަށް ވާނެ އެވެ. އޭގެ އިތުރުން ވެސް ޗައިނާގެ ފައިސާ އިން އަގު ދައްކާ ގޮތަށް، ޗައިނާއާ އެކުގައި ވިޔަފަރީގެ އެހެން މުއާމަލާތްތައް ކުރުމަށް ވެސް ސައުދީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް، މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ ހުޅަނގުގެ މީޑިއާތަކުން ބުނެ އެވެ.

ދެ ގައުމުގެ ދެމެދުގައި މި ކަމަށް އެއްބަސްވެވިއްޖެ ނަމަ، މިއީ ސައޫދީ އަރަބިއްޔާގެ ތެލުގެ ވިޔަފާރީގެ ތާރީހުގައި، ޑޮލަރު ފިޔަވައި އެހެން ބޭރު ފައިސާއަކުން މުއާމަލާތުކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ. ސައޫދީ އަރަބިއްޔާ އިން އެވްރެޖްކޮށް ދުވާލަކު 6.2 މިލިއަން ފީފާ ސާފުނުކުރާ ތެޔޮ އެކި ގައުމުތަކަށް އެކްސްޕޯޓް ކުރެ އެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް 80 ޕަސެންޓް ކުރަމުން ދަނީ އެމެރިކާ ޑޮލަރުންނެވެ. ސައޫދީ އަރަބިއްޔާ އިން އެކްސްޕޯޓް ކުރާ ތެލުގެ ބާވަތްތަކަށް ހަމައެކަނި ޑޮލަރުން އަގު އަދާކުރަންޖެހޭ ގޮތަށް، ނިންމީ އެމެރިކާގެ ކުރީގެ ރައީސް ނިކްސަންގެ ވެރިކަމުގައި 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާ އާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.