Roadha Mihaaru
ދެވަނައިގައި އީގަލްސްއިން ފުރަތަމަ ބުރު ނިންމާލައިފި

ދެވަނަ މަގާމުގައި އީގަލްސްއިން ފުރަތަމަ ބުރު ނިންމާލައިފި

19 މާޗް 2022

ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ހޯދި މޮޅާއެކު ތާވަލުގެ ދެވަނަ މަގާމުގައި އޮވެ ކްލަބް އީގަލްސްއިން ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިންމައިލައިފި އެވެ.

ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ހޯދި މޮޅާއެކު ތާވަލުގެ ދެވަނަ މަގާމުގައި އޮވެ ކްލަބް އީގަލްސްއިން ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިންމައިލައިފި އެވެ.

އީގަލްސްއިން ދެވަނަ މަގާމުގައި އޮތީ 16 ޕޮއިންޓް ހޯދައިގެންނެވެ. މިނަތީޖާ އާއެކު އެޓީމުން ވަނީ މާޒިޔާއާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. މިރޭ ވެލެންސިއާ އާއި މާޒިޔާ ކުޅޭ މެޗުން ތިންވަނައިގައި އޮތް ވެލެންސިއާ މޮޅުވިޔަސް އެޓީމަށް ހޯދޭނީ 15 ޕޮއިންޓެވެ. މާޒިޔާ މޮޅު ވެއްޖެނަމަ އެޓީމަށް އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ވަރަށް ކުރީ ކޮޅު އީގަލްސްއިން ވަނީ ލީޑް ނަގައި ލީޑް ފުޅާ ވެސް ކޮށްފަ އެވެ. ފުރަތަމަ ލަނޑު ފަސްވަނަ މިނެޓްގައި ޖެހީ އަހްމަދު ހަސަން (އަންމަޑޭ) އެވެ. އޭގެ ދެ މިނެޓް ފަހުން އަބްދުﷲ ސަމީހް މޫސާ ވަނީ ދެވަނަ ލަނޑު ޖަހައިފަ އެވެ.

ކުރީކޮޅު ދެލަނޑު ވަނުމުން ގްރީން އިން ވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް އެޓީމުގެ ކުޅުމަށް ގެނެސްފަ އެވެ. އޯޕަންކޮށް ކުޅެމުން ދިޔަ ޓީމުން ޑިފެންސިވް ވިސްނުމަކަށް ބަދަލުކުރި އެވެ. އެކަމަކު އެޓީމުން ވެސް ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. އެޓީމުގެ ހަސަން ނަޒީމް (ޗޯޓް) އީގަލްސްގެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި ހުސްކޮށް ބޯޅަ ޖަހަން ފުރުސަތު ލިބުނެވެ. އޭނާ ބޯޅައިގައި ޖަހައިޖަހައި ޖަހައި އޮއްވައި އީގަލްސްގެ ލުބުނާންގެ ކީޕަރު މުހައްމަދު ތޯހާ ވަނީ ވެއްޓިގެންފައި ބޯޅަ ހޯދައިފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރީން އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން އީގަލްސްއިން މެޗު ކާމިޔާބު ކުރީ 4-2 ން --- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރީން އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން އީގަލްސްއިން މެޗު ކާމިޔާބު ކުރީ 4-2 ން --- ފޮޓޯ: އެފްއޭއެމް

އޭގެ ކުރިން ގްރީންގެ ހޯޒޭ ހެނާންޑޭޒް އަވީލާ ވަނީ އޭރިއާގެ އަރިމަތިން އަރައި ތިރިތިރިން ބާރު ބޯޅަ އެއް ގޯލްގެ ނިއާ ޕޯސްޓަށް އާމަޒުކޮށް ފޮނުވައިލައިފަ އެވެ. ކީޕަރު ތޯހާ އެބޯޅަ ސަލާމަތް ކުރީ ގޯލް ލައިން މަތިންނެވެ.

ލަނޑުތަކަށް ފަހު ފުރަތަމަ ހާފުގައި އީގަލްސްއިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަހްމަދު ރިޒްވާން (ރިޒޭ) އެވެ. ހަސަން ރާއިފް އަހްމަދު (ހަންނަ) ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަން ގޮތަށް ރިޒޭ ވަނީ ގޯލްގެ ކަނަށް އަމާޒުކޮށް ބާރޫ ބޯޅައެއް ފޮނުވައިލައިފަ އެވެ. އެބޯޅަ ދިފާއު ކުރުމުގައި އުނދަގޫ ވިޔަސް ގްރީންގެ ޕާކިސްތާން ކީޕަރު ސާގިބް ހަނީފް ވަނީ އެބޯޅަ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ހަމަލާތައް ވަރުގަދަ ކުރީ ގްރީން އެވެ. އެޓީމުގެ ލަނޑު ހަސަން ނަޒީމް (ޗޯޓް) ޖެހުމުގެ ކުރިން ވެސް ރަނގަޅު ދެ ފުރުސަތެއް ގްރީން އިން ތަނަވަސް ކުރި އެވެ. ގްރީންގެ އަވީލާ އަށް ލިބުނު ފުރުސަތު ފާހަގަ ކުރެވެ އެވެ. އާވީލާ އޭރިއާގެ ތެރެއިން ލިބުނު ބޯޅަ ޖަހަން އޭނާ އަށް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ ބޯޅަ ފޮނުވައިލުން ލަސްވުމުން އޭނާ އަތުން ބޯޅަ ގެއްލުނެވެ. ދެން އެބޯޅަ ޖަހަން އޭންޖަލް މުނޯޒް އަށް ވެސް ފުރުސަތު ލިބުނެވެ. އެކަމަކު ބޭނުމެއް ނުކުރެވުނެވެ.

ގްރީންގެ ލަނޑު ޗޯޓް ޖެހީ އީގަލްސްގެ ހާފުގެ ތެރެއިން އެޓީމުގެ މިޑްފީލްޑަރު އޭރިއާ ތެރެއަށް ދިން ޕާސް ޗޯޓް ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ. ނަތީޖާ ފަރަގު ކުޑަކޮށްލައިގެން ގްރީން އަށް ހަމަޖެހި ނުލެވި އުޅެނިކޮށް ރިޒޭ ވަނީ އީގަލްސްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެލަނޑު ޖެހިއިރު ރިޒޭ އޮފްސައިޑް ވެފައި ހުރި ކަމަށް ބުނެ ގްރީންގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.

އީގަލްސް އާއި ގްރީން ކުޅުނު މެޗުގައި: އީގަލްސް މިހާރު އޮތީ ރަނގަޅު ޓްރެކެއްގަ --- ފޮޓޯ: އެފްއޭއެމް

އީގަލްސް އާއި ގްރީން ކުޅުނު މެޗުގައި: އީގަލްސް މިހާރު އޮތީ ރަނގަޅު ޓްރެކެއްގަ --- ފޮޓޯ: އެފްއޭއެމް

އީގަލްސް އިން އުފެއްދި ހަމަލާ ގްރީންގެ ޑިފެންޑަރު ރިޒޭ އަށް ލިބުމުގެ ކުރިން ބޯޅަ ދިފާއު ކުރުމުގެ ގޮތުން ވެއްޓިގެންފައި ބޯޅަ ފައިން ހުއްޓުވި ނަމަވެސް ބޯޅައިގެ ކޮންޓްރޯލެއް ނުހޯދުނެވެ. އޭރިއާގެ ބޭރުން ބޯޅަ ލިބުނީ އީގަލްސްގެ އަހްމަދު ހަސަން (އަންމަޑޭ) އަށެވެ. އެބޯޅަ ހޯދައި ދިނީ އޭރިއާ ތެރޭގައި ހުސްކޮށް ހުރި ރިޒްވާން އަށެވެ. ގްރީންގެ ކުޅުންތެރިން ހީކޮށްގެން ތިބީ ލައިސްމަން އޮފްސައިޑް ދިދަ ނަގާނެ ކަމަށެވެ. އެކަމަކު ލައިސްމަން ދިދަ ނުނެގުމުން ގްރީންގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ލަނޑު ޖެހިތާ މާގނައިރެއް ނުވަނީސް ރިޒްވާން ވަނީ އީގަލްސްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭރިއާގެ އަރިމަތިން ރާއިފް ނަގައިދިން ބޯޅަ އަށް ރިޒްވާން އޭރިއާގެ ތެރެއަށް އެރީ މުޅިން ހުސްކޮށެވެ. ރާއިފް ހުރަސްކޮށްދިން ބޯޅަ ރިޒްވާން ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.

ގްރީންގެ ދެވަނަ ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން މުނޯޒް ޖެހި ލަނޑެކެވެ. އީގަލްސްގެ އޭރިއާގެ ތެރެއިން އެޓީމުގެ ކީޕަރު ގްރީންގެ ނަޒީމް އަށް ފައުލު ކުރި އެވެ. އޭގެ ފަހުން ނަޒީމް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އީގަލްސްގެ އޭރިއާގެ ބޭރުން މުނޯޒް ނަގައިދިން ބޯޅަ ބޮލުން ޖަހައި ގްރީންގެ ޑިފެންޑަރު މުހައްމަދު ސާއިފް ވަނީ ގޯލް ކުރިމައްޗަށް ހުރަސްކޮށްދީފަ އެވެ. ގޯލް ކުރިމައްޗަށް ހުރަސްވި ބޯޅަ ފޮނުވައިލަން ނަޒީމް ޖެހިނަމަވެސް ބޯޅަ ދިޔައީ މައްޗަށެވެ.