Roadha Mihaaru
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި

ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާ އާ ކައިރިކޮށްފި

21 ޖުލައި 2022

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކްލަބް އީގަލްސްއިން، ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ފަރަގު ކުޑަ ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކްލަބް އީގަލްސްއިން، ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ފަރަގު ކުޑަ ކޮށްފި އެވެ.

މެޗަށް ނުކުތުމުގެ ކުރިން އީގަލްސް އާ މާޒިޔާއާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް ހުއްޓެވެ. މެޗުން މޮޅުވެ އީގަލްސް ވަނީ މާޒިޔާ ފަސް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. އެކަމަކު އީގަލްސް ވަނީ މާޒިޔާ އަށް ވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ. މާޒިޔާ އަށް 51 ޕޮއިންޓެވެ. އީގަލްސް އަށް ދެވަނައިގައި 46 ޕޮއިންޓެވެ. ގްރީން ހަތަރުވަނައިގައި އޮތީ 26 ޕޮއިންޓް ހޯދައިގެންނެވެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ އީގަލްސް އިންނެވެ. މެޗުގެ ވަރަށް ކުރީ ކޮޅު ލަނޑު ޖެހީ ބްރޯނޯ ވިނީޝިއުސް އެވެ. ގްރީން ސްޓްރީޓްސް އަށް މެޗުގެ ތެރެއަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް އޭނާ ލަނޑު ޖެހުމުން އެ ޓީމަށް އިތުރު މައްސަލަތައް ކުރިމަތިވި އެވެ.

ގްރީންގެ ހަސަން ނަޒީމް ގާސިމް (ވ) ބޯޅަ ފޮނުވާލަނީ: ގްރީން އޮތީ ތާވަލުގެ ހަތަރުވަނައިގައި --- ފޮޓޯ: އެފްއޭއެމް

ގްރީންގެ ހަސަން ނަޒީމް ގާސިމް (ވ) ބޯޅަ ފޮނުވާލަނީ: ގްރީން އޮތީ ތާވަލުގެ ހަތަރުވަނައިގައި --- ފޮޓޯ: އެފްއޭއެމް

ނަތީޖާ އަކަށްވީ 10 މިނެޓް ފަހުން ހަސަން ރާއިފް އަހުމަދު (ހަންނަ) އީގަލްސް އަށް ލީޑް ފުޅާ ކޮށްދިނުމެވެ. ގްރީން އަށް ހަމަޖެހުމެއް ލިބުނީ އެ ޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) ލަނޑު ޖަހައި ދިނުމުންނެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 27 ވަނަ މިނެޓްގަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރަން ގްރީން އިން ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު އެ ހާފު ނިންމާލަން ޖެހުނީ އެއް ލަނޑުގެ ޑެފިސިޓެއްގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ނަތީޖާ ފަރަގު ވީ ބޮޑެވެ. އެ ހާފް ފަށައިގެން 10 މިނެޓް ކުޅެވުނު ފަހުން ޑިފެންޑަރު އަހުމަދު (ނޫމާން) ހެލެމެޓް އީގަލްސް އަށް ތިން ވނަ ލަނޑު ޖަހައި ދިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއިފް އެވެ.

އީގަލްސްގެ އަހްމަދު ހަސަން (އަންމަޑޭ) ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އެފްއޭއެމް

އީގަލްސްގެ އަހްމަދު ހަސަން (އަންމަޑޭ) ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އެފްއޭއެމް

އީގަލްސް އިން މާޒިޔާ އާ ފަރަގު ކުޑަ ކުރި ނަމަވެސް، ލީގު ހޯދުމުގެ ފުރުސަތު އީގަލްސް އަށް ވަނީ ހަނި ވެފަ އެވެ. މާދަމާ ހަވީރު، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުން މޮޅުވެގެން، އެ ޓީމުގެ ތާރީހްގައި ފުރަތަމަ ފަހަރަށް ވިދިވިދިގެން ތިން ފަހަރަށް ލީގު ކާމިޔާބު ކުރެވޭނެ އެވެ.

މިދިޔަ ދެ އަހަރު ލީގު ޗެމްޕިއަންކަން ހޯދީ ވެސް މާޒިޔާ އެވެ. މިދިޔަ އަހަރު އެ ޓީމަށް ލީގު ލިބުނީ، ލީގު މުޅިން ފުރިހަމަ ނުކޮށެވެ. ލީގުގެ ދެ ބުރު ކުޅެވުނު ފަހުން ކޮވިޑާ ގުޅިގެން ލީގު ހުއްޓާލަން ޖެހުމުން އެފްއޭއެމުން ނިންމީ އެއްވަނައިގައި އޮތް ޓީމަށް ލީގު ޗެމްޕިއަންކަން ދިނުމަށެވެ. އޭރު ނުވަ ޕޮއިންޓްގެ ލީޑަކާ އެކު އެއްވަނައިގައި އޮތީ މާޒިޔާ އެވެ.

އެޓީމުން މިހާތަނަށް ވަނީ ތިން ފަހަރު ލީގު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމަށް އެންމެ ފުރަތަމަ ލީގު ކާމިޔާބު ކުރީ މަޝްހޫރު ކޯޗު އަލީ ސުޒޭންގެ ކޯޗު ކަމުގެ ދަށުން 2016 ގަ އެވެ.