Roadha Mihaaru
ހިޔާ ފްލެޓްތަކާ އެކު ކުލިތަކަށް އެނގުންވެއްޖެ!

ހިޔާ ފްލެޓްތަކާ އެކު ކުލިތަކަށް މާބޮޑަށް ވެސް އެނގުން ވެއްޖެ!

21 މާޗް 2022

މާލެ ސަރަހައްދުން އެޕާޓްމެންޓެއް ކުއްޔަށް ހޯދުމަކީ ލައްކަ ގިނަ މަސައްކަތެވެ. އެޑްވާންސަށް ފައިސާ ނެގުމާއި ސެކިއުރިޓީ ޑިޕޮސިޓާއި އެނޫން ނަންނަމުގައި ފީތައް ނެގުމުގެ އިތުރުން ބޭނުންވާ ކަހަލަ ތަނެއް އެކަށީގެންވާ އަގެއްގައި ހޯދުމަކީ ވެސް ވަރަށް ބުރަ ކަމެކެވެ. އެކަމަކު އެ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަމުގެ ނިޝާންތައް މިހާރު އަންނަނީ ފެންނަމުންނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލެ ސަރަހައްދުން އެޕާޓްމެންޓެއް ކުއްޔަށް ހޯދުމަކީ ލައްކަ ގިނަ މަސައްކަތެވެ. އެޑްވާންސަށް ފައިސާ ނެގުމާއި ސެކިއުރިޓީ ޑިޕޮސިޓާއި އެނޫން ނަންނަމުގައި ފީތައް ނެގުމުގެ އިތުރުން ބޭނުންވާ ކަހަލަ ތަނެއް އެކަށީގެންވާ އަގެއްގައި ހޯދުމަކީ ވެސް ވަރަށް ބުރަ ކަމެކެވެ. އެކަމަކު އެ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަމުގެ ނިޝާންތައް މިހާރު އަންނަނީ ފެންނަމުންނެވެ.

ރިއަލް އެސްޓޭޓް ދާއިރާގައި އުޅޭ މީހުން ބުނަނީ މީގެ އަހަރެއްހާ ދުވަސް ކުރިއަށް ބެލިޔަސް، އެޕާޓްމެންޓެއް ވިއްކާލުމަށް ހޭދަކުރަން ޖެހޭ ވަގުތާއި އަގުތަކަށް ވެސް މިހާރު ބަދަލު އައިސްފައިވާ ކަމަށެވެ. މި ބަދަލުތަކުގެ ސިއްރަކީ މިދިޔަ އަހަރުގެ އޮގަސްޓް ހިސާބުގައި ހިޔާ ޕްލެޓްތަކަށް މީހުން ބަދަލުވާން ފެށުމެވެ.

ހުޅުމާލޭގައި އެޕާޓްމެންޓްތަކެއް ކުއްޔަށް ދޭ ފަރާތަކުން ބުނީ، ކުރިން އެޕާޓްމެންޓެއް ކުއްޔަށް ދޭން ސޯޝަލް މީޑިއާ ނުވަތަ މީޑިއާތަކުގައި ޖަހާތާ އެންމެ ލަސްވެގެން ވެސް ހަފްތާއެއްގެ ތެރޭގައި އެތަން ކުއްޔަށް ދޫކޮށްލެވޭ ކަމަށެވެ. އެކަމަކު މިހާރު އެކަން ބަދަލުވެ، ތިން ހަފުތާއަށް ވެސް ދެމިގެން ދެ އެވެ.

"އެންމެފަހުން ވިއްކާލި ދެ ރޫމް އެޕާޓްމެންޓް އެންމެ ފުރަތަމަ އައިބޭގައި ޖެހީ މަހަކު 15،000ރ. އަށް. އެކަމަކު އެ އަގުގައި ކުއްޔަށް ނުގޮސް ގިނަ ދުވަސްތަކެއް ވާތީ 14،000ރ. އަށް ކުޑަކޮށްގެން އެތަން ކުއްޔަށް ދިނީ. ކުއްޔަށް ދެވުނީ ތިން ހަފްތާވަރު ފަހުން،" އޭނާ ބުންޏެވެ.

އޭނާ ބުނީ މިހާރު އެޕާޓްމެންޓްތަކުގެ ޑިމާންޑް ދަށްވެ، ކުއްޔަށް ނަގަން ބޭނުންވާ މީހުންނަށް ގިނަ އޮޕްޝަންތައް އެބަހުރި ކަމަށެވެ.

ހިޔާގެ ބައެއް ޓަވަރުތައް: އެ ފްލެޓްތަކުގައި 3،000 އަށް ވުރެ ގިނަ އާއިލާއިން އަންނަނީ ދިރިއުޅެމުން.--- ފައިލް ފޮޓޯ: މިހާރު

ހިޔާގެ ބައެއް ޓަވަރުތައް: އެ ފްލެޓްތަކުގައި 3،000 އަށް ވުރެ ގިނަ އާއިލާއިން އަންނަނީ ދިރިއުޅެމުން.--- ފައިލް ފޮޓޯ: މިހާރު

ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގެ އަގުތައް އާދަޔާ ހިލާފަށް ދަށަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައި ހުރި 7000 ފްލެޓާ އެކު އެތައް ބަޔަކު ވަނީ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެތަނުގައި މިހާރު ވެސް 3،000 އެއްހާ އާއިލާ ދިރިއުޅެމުންދެ އެވެ. ހިޔާ ފްލެޓްތައް ވެސް ގިނަ ބަޔަކު އަންނަނީ ކުއްޔަށް ދެމުންނެވެ. އެތަނުގެ ދެ ރޫމްގެ އެޕާޓްމެންޓެއް ކުއްޔަށްދެނީ އެވްރެޖްކޮށް 10،000ރ. އާއި 12،000ރ. ދެމެދުގެ އަގެއްގަ އެވެ.

އެހެންވެ މިހާރު ހުޅުމާލެ އާއި މާލެ އިން ވެސް ދެ ރޫމް އެޕާޓްމެންޓެއްގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ރިއަލް އެސްޓޭޓް ފައިނޭންސިން ދާއިރާގެ ބޭފުޅަކު ވިދާޅުވީ، މިދިޔަ ހަ މަސް ތެރޭގައި ކުލިތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ހިޔާ ފްލެޓްތަކުގެ އަގުތަކާ ހެދި 18،000ރ. އާއި 16،000ރ. އާ ދެމެދުގެ އަގުތަކެއްގައި ހުޅުމާލެ އިން ފުރަތަމަ ލިބުނު އެޕާޓްމެންޓްތަކުގެ އަގުތައް މިހާރު ވަނީ ވަރަށް ބޮޑަށް ދަށް ކުރަން މަޖުބޫރުވެފައި ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު އަންނަނީ ދިރިއުޅެމުން: ގިނަ އާއިލާތަކަކީ މާލެ އިން ބަދަލުވި އާއިލާތައް -- ފައިލް ފޮޓޯ/ މިހާރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު އަންނަނީ ދިރިއުޅެމުން: ގިނަ އާއިލާތަކަކީ މާލެ އިން ބަދަލުވި އާއިލާތައް -- ފައިލް ފޮޓޯ/ މިހާރު

"އަސްލު ގިނަ ބަޔަކު ހީކުރީ އެ ތަންތަނަށް [ހިޔާ ފްލެޓްތަކަށް] ކުލި ދީގެން ދިރިއުޅެން ނުދާނެ ކަމަށް. އެކަމަކު އެކަން ވީ އެހެނެއް ނޫން. އަގުހެޔޮވީމަ، މާލެއިން ވެސް އަދި ހުޅުމާލެ ފޭސް އެކެއްގައި އުޅުނު އެތައް ބަޔަކު ވެސް ވަނީ ފޭސް ޓޫ އަށް ދިިރިއުޅުން ބަދަލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު އައިބޭ އާއި ފޭސްބުކްގައި ވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ދެ ރޫމް އެޕާޓްމެންޓްތައް 11،000ރ. އަށާއި 13،500ރ. އާއި 14،000ރ. އަށް ވެސް ލިބެން އެބަ ހުއްޓެވެ. ހުޅުމާލޭގެ އިތުރުން މާލެއިން މި ވަގުތު ދެ ރޫމް އެޕާޓްމެންޓެއްގެ އަގު އެވްރެޖްކޮށް އުޅެނީ 13،000ރ. އާއި 15،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެ ތަންތަނުގެ ރޫމްތައް އެވްރެޖްކޮށް އުޅެނީ 9 ފޫޓް 10 ފޫޓްގަ އެވެ. އެހެން ނަމަވެސް އެއަށް ވުރެ ކުދި ސައިޒުތަކުގެ ދެ ރޫމް އެޕާޓްމެންޓްތައް އުޅެނީ 12،000ރ. އާއި 10،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ވިލިމާލޭގެ ކުލީގެ އަގުތައް ދެ ގުނަ ވެއްޓިއްޖެ

މާލެ ސަރަހައްދުގެ ކުލިތަކަށް އައި ބަދަލުތަކުގައި އެންމެ ބޮޑަށް ޑިމާންޑު ގެއްލިފައި ވަނީ ވިލިމާލޭގަ އެވެ. މާލެ އާއި ހުޅުމާލެ އަށް ވުރެ އާންމުގޮތެއްގައި ވެސް ކުލި ކުޑަ ވިލިމާލެއަށް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުލިތައް ވަނީ އިތުރަށް ދަށަށް ގޮސްފަ އެވެ. ވިލިމާލެއިން ރަނގަޅު ފެންވަރެއްގެ އެއް ރޫމްގެ އެޕާޓްމެންޓެއް 6،000ރ. އާއި 8،000ރ. އަށް ލިބެ އެވެ. ދެ ރޫމްގެ އެޕާޓްމެންޓެއް 10،000ރ. އާއި 12،000ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު 15،000ރ. އަށް ތިން ރޫމްގެ އެޕާޓްމެންޓެއް ލިބެ އެވެ.

ވިލިމާލޭގައި އެޕާޓްމެންޓް ކުއްޔަށް ދޭ ފަރާތަކުން ބުނީ، މިހާރު ކުއްޔަށް ނަގާނީ އަލަށް އިމާރާތްކޮށްފައިވާ ނުވަތަ ފުރިހަމަ އަށް މަރާމާތުކޮށްފައިވާ ތަންތަން ކަމަށެވެ. ގިނަ ދުވަސްވެފައިވާ ތަނެއް ނަމަ ކުއްޔަށް ދޭނެ ބަޔަކު ހޯދުމަށް އެތައް ދުވަހެއް ނަގާ ކަމަށް އޭނާ ބުންޏެވެ.

"ވިލިނގިލިން ކުއްޔަށް ނެގިޔަސް ނަގަނީ ރީތި އާ ތަންތަން. ގިނަ ދުވަސްވެފައި ހުންނަތައް ކުއްޔަށް ދޭން ވަރަށް އުނދަގޫ،" އޭނާ ބުންޏެވެ.

މާލެ: މާލޭގެ ކުލި ބޮޑުވުމަކީ ބޮޑު ކަންބޮޑުވުމެއް -- ފައިލް ފޮޓޯ: މިހާރު

މާލެ: މާލޭގެ ކުލި ބޮޑުވުމަކީ ބޮޑު ކަންބޮޑުވުމެއް -- ފައިލް ފޮޓޯ: މިހާރު

އޭނާގެ ދެ ރޫމްގެ އެޕާޓްމެންޓެއް ކުއްޔަށް ދޭން ދޮޅު މަސް ނެގި ކަމަށް އޭނާ ބުންޏެވެ. ކުއްޔަށް ދޭން ކުރިން އޮންލައިން ޕްލެޓްފޯމެއްގައި ޖަހާއިރަށް ފަސޭހަކަމާ އެކު ދޫކޮށްލެވުނަސް މިހާރު އެކަން އެހާ ފަސޭހަ ނޫން ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލެ އާއި މާލެ އާ ދޭތެރޭ ބްރިޖް އެޅި ހިސާބުން ފެށިގެން ވިލިމާލޭގެ ކުލި އަންނަނީ ދަށް ވަމުންނެވެ. އަދި ހުޅުމާލެ ފޭސް ޓޫ ހެދުމުން ވިލިމާލެ އަށް އޮތް ޑިމާންޑް އިތުރަށް ވަނީ ވެއްޓިފަ އެވެ.

ރިޔަލް އެސްޓޭޓްގައި އުޅުއްވާ ބޭފުޅަކު ވިދާޅުވީ، ވިލިމާލޭގެ ކުލި ކުރިއަށް އޮތްތަނުގައި ވެސް ދާނީ ދަށަށެވެ. އެކަމަކު ވިލިމާލެ އާއި މާލެ ގުޅާލާ ހިސާބުން އެ ސަރަހައްދުގެ ކުލި ވެސް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހިސާބަށް ކަންކަން ދާން އަދި ދުވަސް އެބައޮތެވެ.

މާލޭގެ ކުލިތައް އިތުރަށް ވެއްޓުމުގެ އަދިވެސް ބޮޑެވެ. ސަބަބަކީ، ހުޅުމާލޭގެ ދެވަނަ ފޭސްގައި އަދިވެސް އިތުރު ތަންތަން އަޅަމުން ދާތީ އެވެ. ކުރިއަށް ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރު ގާތްގަނޑަކަށް ވިއްސަކަށް ހާސް މީހުންނަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު ބޮޑެވެ. ކުންފުނިތަކުން އަޅާފައިވާ އެތައް ބައިވަރު ޓަވަރަކާއި ވިނަރެސްގެ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށުމާ އެކު މާލޭގެ ގެދޮރުގެ އަގު އަދިވެސް ވެއްޓޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.