Roadha Mihaaru
ބިން ވިއްކާ ގޮތް ބޭއިންސާފު، އެޗްޑީސީން ފިނި ޖަވާބެއް

މާލޭގެ މީހުންނަށް ބިން ހާއްސަކުރުމަކީ "ތަފާތުކުރުން"، އެޗްޑީސީން ދިނީ ފިނި ޖަވާބެއް!

02 ޖެނުއަރީ 2022

ހުޅުމާލެ އިން 60 ބިން ހަމައެކަނި މާލޭގެ މީހުންނަށް ގަނެވޭ ގޮތަށް ގެނައި ބަދަލަކީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ބުނެ އަނެއްކާވެސް މައްސަލަ ހޫނުވެއްޖެ އެވެ. އެ ބަދަލު ގެންނަން ޖެހުނު ދިފާއަކަށް އެޗްޑީސީން ދައްކަނީ މާލޭގެ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ދަތިކަމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލެ އިން 60 ބިން ހަމައެކަނި މާލޭގެ މީހުންނަށް ގަނެވޭ ގޮތަށް ގެނައި ބަދަލަކީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ބުނެ އަނެއްކާވެސް މައްސަލަ ހޫނުވެއްޖެ އެވެ. އެ ބަދަލު ގެންނަން ޖެހުނު ދިފާއަކަށް އެޗްޑީސީން ދައްކަނީ މާލޭގެ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ދަތިކަމެވެ.

ތިން އަހަރަށް ފަހު ހުޅުމާލެ އިން ބިން ވިއްކަން ހުޅުވައިލުމާ އެކު އެޗްޑީސީ އަށް ފުރަތަމަ ނުރުހުން އަމާޒުވީ، މާލޭގެ އެތައް ރައްޔިތުންތަކެއް ބޯހިޔާވަހިކަމަށް ޖެހިފައި ތިއްބައި މުއްސަނދިން އިތުރަށް މުއްސަނދި ކޮށްދޭން ބިން ވިއްކަން ހުޅުވައިލީ ކަަމަށް ބުނެ އެވެ.

ހުޅުމާލޭގެ ފޭސް ދެއަކުން ހުޅުވައިލީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށެވެ. ބިމުގެ އަގު ފެށޭ އަގަކީ އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން އަކަފޫޓަކަށް 3500ރ. އެވެ. އެހެންވެ ކޮންމެ ބިމަކަށް އެންމެ މަދުވެގެން ވެސް 5.6 މިލިއަން ރުފިޔާ އަރާނެ އެވެ.

މި ފާޑުކިއުންތަކުން އަރައިނުގަނެވި އުޅެނިކޮށް، އެޗްޑީސީން ކުއްލި ގޮތަކަށް ނިންމީ ބިންތައް ހަމައެކަނި މާލޭގެ މީހުންނަށް ގަނެވޭ ގޮތަށް ހެދުމަށެވެ.

މި ބަދަލާ އެކު އަނެއްކާވެސް ގިނަ ބަޔަކު ދަނީ ނުރުހުންފާޅުކުރަމުންނެވެ. މާލޭގެ މީހުންނަށް އަދި ހަމައެކަނި މުއްސަނދިންނަށް އެކަނި މި ބިންތައް ގަނެވޭގޮތަށް ޝަރުތުތަކަށް މި ގެނައި ބަދަލަކީ ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ތަފާތު ކުރުމެކެވެ.

ހުޅުމާލެ އިން ވިއްކާ ބިންތައް މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްފި ކަމަށް "މިހާރު" ގައި ޖެހި ޚަބަރަށް ސަތޭކަ އަށް ވުރެން ގިނަ ކޮމެންޓް ކޮށްފައިވާ އިރު ގިނަ ބަޔަކު މި ނިންމުމާ ދެކޮޅެވެ.

ރައްޔިތުންގެ ފައިސާ އިން ހުޅުމާލެ ހިއްކާފައިވާއިރު، ބިން ވިއްކުން ވަކި ބަޔަކަށް ހާއްސަ ކުރުމަކީ ދައުލަތުން ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި އެ މީހުން ދެކެ އެވެ.

"ހާދަ ބޮޑު ބޭއިންސާފެކޭ, ބުނާނެ އެއްޗެއް ވެސް ނޭނގުނު. ހުޅުމާލެ ކިޔަކަސް އެއީ ވަކި ބައެއްގެ ރަށެއް ނޫން. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެތަނުން ޝަރުތު ހަމަވާ ނަމަ ބިން ގަތުމާއި ފްލެޓް ލިބެންވާނެ," އެކަކު ލިއެފައިވެ އެވެ.

ޝަރީފާގެ ނަމުގައި ކޮށްފައިވާ ކޮމެންޓުގައި ބުނީ މި ބަދަލަކީ "ނަސްލީ ތަފާތުކުރުން" ކަމަށާއި އެ ތަފާތުކުރުމާ އޭނާ ދެކޮޅު ކަމަށެވެ.

މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަ ކަމުގެ ސިފަ ގެއްލޭ ކަމެއް ކަމަށް ދެކޭ ބަޔަކު ވެސް އެބަތިއްބެވެ. އެޗްޑީސީއަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވާ އިރު މިފަދަ ތަފާތު ކުރުމެއް ނުގެންގުޅެވޭނެ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކުގައި ބަޔާންކުރާ ކަމަށް ބުނެފައިވެ އެވެ.

"މިއީ އަޖައިބެއް. ވިއްކާ ކަމަށް ވަނީ ނަމަ ކޮންމެ ދިވެއްސަކަށް ވެސް ގަނެވެން ވާނެ އަދި ވިއްކަން ވާނެ. މި ކިޔަނީ އަބަދުވެސް މާލެ އާއި ރާއްޖެތެރެ ތަފާތު ނުކުރާށޭ. މާލޭ މީހަކު ވިޔަސް އެއްލަކަ ރުފިޔާ ވާނީ ހަމަ އެއްލައްކަ ރުފިޔާ އަށް. ރާއްޖެތެރޭ މީހެއް ވިޔަސް އެއްލައްކަ ވާނީ އެއްލަކަ އަށް. ތިޔަ މާލެ އިން އަތްދޫކޮށް ރާއްޖޭގެ އެހެން ސަރަހައްދެއް ތަރައްގީ ކުރަން އެބަޖެހޭ،" އެކަކު ލިޔެފައިވެ އެވެ.

ހަމައެކަނި މާލޭގެ މުއްސަނދިންނަށް ބިން ގަނެވޭ ގޮތަށް ހެދުމަކީ މާލޭގައި ހާލުގައި ދިރިއުޅޭ މާލޭ މީހުންނަށް އޮތް އެއްވެސް ހައްލެއް ނޫނެވެ. ސަބަބަކީ، ހާލުގައި ދިރިއުޅޭ އެއްވެސް މީހަކަށް އެ ބިންތައް ގަނެވޭނެ ގާބިލް ކަމެއް ލިބިފައި ނެތުމެވެ.

"އެންމެ ދަތިކަން ބޮޑީ މާލޭގެ ރައްޔިތުންނަށް"

ހުޅުމާލެ އިން 60 ބިން ވިއްކަން ޝަރުތުތަކަށް ބަދަލު ގެނެސް މާލޭގެ މީހުންނަށް ހާއްސަކުރި ސަބަބު އެޗްޑީސީން ދިފާއުކުރެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް: އެޗްޑީސީން ވަނީ މާލެ މީހުންނަށް އެކަނި ބިން ވިއްކުން ހާއްކުރި ސަބަބު ދިފާއުކޮށްފައި.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް: އެޗްޑީސީން ވަނީ މާލެ މީހުންނަށް އެކަނި ބިން ވިއްކުން ހާއްކުރި ސަބަބު ދިފާއުކޮށްފައި.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ބަދަލު ގެންނަން ޖެހުނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިތަކެއް ހުރުމުން އެކަމަށް ވިސްނާފައި ކަމަށެެވެ.

"މާލޭގައި އެހެން ތަންތަނަށް ވުރެން ބޮޑަށް ގެދޮރުގެ ދަތިކަން އެބައޮތް. އެހެންވެ މި ފަހަރު މި ބިންތައް މާލޭގެ ރައްޔިތުންނަށް މި ހާއްސަކުރީ،" ސުހެއިލް ވިދާޅުވި އެވެ.

މި ބަދަލާ މެދު ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ބައްލަވާނަންތޯ އެހުމުން ސުހެއިލް ވިދާޅުވީ ފުރަތަމަ އިއުލާންކުރި ޝަރުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށާއި އެކި ކަންކަމަށް ބަލާފައި އަދިވެސް ބަދަލެއް އައުން އެކަށީގެންވާ ކަމަށެވެ. އެފަދަ ބަދަލެއް އުޅޭ ނަމަ އިއުލާންކުރާނެ ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ.

ބިން ގަނެވޭނެ ޝަރުތުތައް:

- މާލޭ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން.

- މާލެއިން ގިނަ ބައެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ތަނެއްގައި ވެސް އެމީހެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ބައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބިފައިނުވުން. [މައިންބަފައިންނާއި އެހެން ގޮތްގޮތުން ވާރުތަވާ ބިންތަކެއް ނުހިމެނޭނެ] - އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން.

ހުޅުމާލޭ އިން އެންމެ ފަހުން ބިން ވިއްކީ 2017 ވަނަ އަހަރެވެ. އޭރު ރޭޓަކީ އަކަފޫޓަކަށް 3000ރ. އެވެ. ދެވަނަ ފޭސް އިން ބިންތައް އެވަރޭޖްކޮށް ވިއްކާފައި ވަނީ އަކަފޫޓަކަށް 4800ރ. އަށެވެ.

ބިންތައް މާލޭ މީހުންނަށް ހާއްސަކުރީ ދަތިކަމަށް ހައްލު ހޯދައިދޭން ކަމަށް އެޗްޑީސީން ބުނިއިރު، ހުޅުމާލެ އިން ގޯތިދޫކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.