Roadha Mihaaru
ފައިނަލްގެޖާގައަކަށް ލިވަޕޫލް، ސިޓީ ވާދަކުރަން ޖެހިއްޖެ

އެފްއޭ ކަޕް: ފައިނަލުން ޖާގަ ހޯދަން ލިވަޕޫލާއި ސިޓީ ވާދަކުރަން ޖެހިއްޖެ

21 މާޗް 2022

ނޮޓިންހަމްޝަޔާ (މާޗް 21) - އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުން ޖާގަ ހޯދަން ސެމީ ފައިނަލުގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނޮޓިންހަމްޝަޔާ (މާޗް 21) - އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުން ޖާގަ ހޯދަން ސެމީ ފައިނަލުގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހިއްޖެ އެވެ.

މި ދެ ޓީމު ވެސް ވަނީ ރޭ ކުޅުނު އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބު ކޮށްފަ އެވެ. ލިވަޕޫލް ކުއާޓާ ފައިނަލް މެޗު ކާމިޔާބުކުރީ ނޮޓިންހަމް ފޮރެސްޓާ ވާދަކޮށް 1-0 އިންނެވެ. ނޮޓިންހަމް ފޮރެސްޓް ކުއާޓާ ފައިނަލުން ޖާގަ ހޯދީ، އެންމެ ގިނަ ފަހަރު އެފްއޭ ކަޕް ކާމިޔާބުކުރި އާސެނަލާއި މިދިޔަ އަހަރުގެ ޗެމްޕިއަން ލެސްޓާ ސިޓީ މުބާރާތުން ކަޓުވާލައިފަ އެވެ.

ރަށުން ބޭރުގައި ލިވަޕޫލް ރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު މެޗު ނިމެން 12 މިނިޓަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ކޮންސަންޓީނޮސް ސިމިކާސް ނަގައިދިން ހުރަހަކުން ޑިއޯގޯ ޖޮޓާ އެވެ. މިއީ ޖޮޓާ މި ސީޒަނުގައި ލިވަޕޫލަށް ޖަހައިދިން 19 ވަނަ ލަނޑެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިވަޕޫލަށް ލިބުނަސް ވީ ނާކާމިޔާބެވެ.

މެންޗެސްޓާ ސިޓީ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ރަށުން ބޭރުގައި ރޭ ސައުތެމްޓަންއާ ވާދަކޮށް 4-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ސިޓީގެ ފުރަތަމަ ލަނޑު 12 ވަނަ މިނިޓުގައި ޖަހައިދިނީ ރަހީމް ސްޓާލިން އެވެ. ފުރަތަމަ ހާފު ނިމެނިކޮށް ސައުތެމްޓަން އަށް ނަތީޖާ އެއްވަރުވީ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ނަތީޖާ އެއްވަރުވެގެން ފުރަތަމަ ހާފު ނިމުނަސް ފަހު ހާފުގައި ތިން ލަނޑު ޖަހައި ފަސޭހަކަމާ އެކު ސިޓީން ސައުތެމްޓަން ބަލިކުރި އެވެ. މި ހާފުގައި ސިޓީ އަށް ލީޑު ނަގައިދިނީ 62 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކެވިން ޑިބްރޭނާ އެވެ. އަދި 75 ވަނަ މިނިޓުގަައި ފިލް ފޯޑެން އިތުރު ލަނޑެއް ޖަހައިދިންއިރު، އޭގެ ތިން މިނިޓް ފަހުން ހަތަރުވަނަ ލަނޑު ޖެހީ ރިޔާދް މަހްރޭޒް އެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލުން ފުރަތަމަ ޖާގަ ހޯދި ޗެލްސީ، ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ ކްރިސްޓަލް ޕެލަސްއާ އެވެ. ކްރިސްޓަލް ޕެލަސް ވަނީ ރޭ އަމިއްލަ ދަނޑުގައި އެވަޓަންއާ ވާދަކޮށް 4-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ޕެލަސް އަށް ލަނޑުތައް ޖަހައދިނީ ޑިފެންޑަރު މާކް ގޭހީ އާއި ޖިއާން ފިލީޕޭ މަޓޭޓާ އެވެ. ދެވަނަ ހާފުގައި ޕެލަސް އިން ލީޑުފުޅާކުރީ ވިލްފްރައިޑް ޒާހާ އާއި ވިލް ހިއުޒް ޖެހި ލަނޑުތަކުންނެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 16 އަދި 17 ވަނަ ދުވަހުގެ ރެ އެވެ. އެފްއޭ ކަޕް ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ވެސް ކުޅޭނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.