Roadha Mihaaru
ޕެލަސް އަތްދަށުވެ، ލަމްޕާޑުގެ ނުރުހުން ކުޅުންތެރިންނަށް

ކްރިސްޓަލް ޕެލަސް އަތުން ބަލިވުމުން ލަމްޕާޑުގެ ނުރުހުން ކުޅުންތެރިންނަށް

21 މާޗް 2022

ލަންޑަން (މާޗު 21) - އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ކްރިސްޓަލް ޕެލަސް އަތުން 4-0 އިން ބަލިވެ، މުބާރާތުން ކެޓުމުން އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑް އެ ޓީމުގެ ކުޅުންތެރިންނާމެދު ހިތްހަމަ ނުޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މާޗު 21) - އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ކްރިސްޓަލް ޕެލަސް އަތުން 4-0 އިން ބަލިވެ، މުބާރާތުން ކެޓުމުން އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑް އެ ޓީމުގެ ކުޅުންތެރިންނާމެދު ހިތްހަމަ ނުޖެހިއްޖެ އެވެ.

އެވަޓަން އިން ރަނގަޅަށް މެޗު ފެށި ނަމަވެސް މެޗުގެ ކޮންމެ ހާފެއްގައި ޕެލަސް އިން ވަނީ އެވަޓަން ކޮޅަށް ދެ ލަނޑު ޖަހައި މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ސެމީ ފައިނަލުގައި ޕެލަސް ވާދަކުރާނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ރަނަރަޕް ޗެލްސީއާ ދެކޮޅަށެވެ.

މެޗަށް ފަހު ލަމްޕާޑް ބުނީ، ކުއާޓާ ފައިނަލެއް ކުޅޭއިރު، އިތުބާރާ އެކު ކުޅޭނެ ކުޅުންތެރިން ޓީމަށް މުހިންމު ކަމަށެވެ. އަދި ކުއާޓާ ފައިނަލް ކާމިޔާބުކޮށް ވެމްބްލީގައި ކުޅޭ ސެމީ ފައިނަލުން ޖާގަ ހޯދަން ކުޅޭއިރު ކުޅުންތެރިންގެ ކިބައިން މޮޅުވުމުގެ ރޫހު ނެތް ނަމަ ކުޅުންތެރިން އަމިއްލަ ނަފްސާ ސުވާލުކޮށްލުން މުހިއްމު ކަމުގައި ވެސް ލަމްޕާޑް ބުންޏެވެ.

ޕެލަސް އާއި އެވަޓަން ރޭ ކުޅުނު އެފްއޭ ކަޕް ކުއާޓާ ފައިނަލް މެޗުގެ ތެރެއިން. --ފޮޓޯ: އޭއެފްޕީ

ޕެލަސް އާއި އެވަޓަން ރޭ ކުޅުނު އެފްއޭ ކަޕް ކުއާޓާ ފައިނަލް މެޗުގެ ތެރެއިން. --ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި ޕެލަސް އަށް ލަނޑުތައް ޖަހައދިނީ ޑިފެންޑަރު މާކް ގޭހީ އާއި ޖިއާން ފިލީޕޭ މަޓޭޓާ އެވެ. ދެވަނަ ހާފުގައި ޕެލަސް އިން ލީޑުފުޅާކުރީ ވިލްފްރައިޑް ޒާހާ އާއި ވިލް ހިއުޒް ޖެހި ލަނޑުތަކުންނެވެ.

"ޓެކްޓިކްސް ވެސް ގޯހެއް ނޫން. ފުރަތަމަ 20 މިނިޓުގައި ޓެކްނިކަލް ކުޅުން ވަރަށް ރަނގަޅަށް ފެނުނު. އެވަގުތު ޕެލަސް އުޅުނީ އަމިއްލަ ހާފުން ސަލާމަތް ނުވެވިގެން،" ލަމްޕާޑު ބުންޏެވެ.

އެންމެ ފަހުން އެވަޓަން އެފްއޭ ކަޕުގެ ސެމީ ފައިނަލް ކުޅުނީ 2016/15 ސީޒަނުގަ އެވެ. އެ ފަހަރު ފައިނަލުން ޖާގަ ގެއްލުނީ ސެމީގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެގެންނެވެ. ނަމަވެސް އެފަހަރު ސެމީގެ ދެވަނަ މެޗުގައި ވަޓްފޯޑް ބަލިކޮށް ކްރިސްޓަލް ޕެލަސް ވަނީ މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ. އެ އަހަރުގެ ފައިނަލުން ޕެލަސް ބަލިވީ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ޖެސީ ލިންގާޑް ޖެހި ލަނޑުންނެވެ.

"މިއީ އެވަޓަންގެ ފަހަރެއް ނޫން، ނުވަތަ އަހަރެން މި ކުލަބުގެ މެނޭޖަރުގެ މަގާމުގައި ހުންނަން ވެސް އެންމެ އެކަށޭނަ ވަގުތަށް ނުވެދާނެ. މިއީ ޕެލަސްގެ ފަހަރެއް. އަހަރެމެންނަށް ދެން އޮތް އުންމީދަކީ ލީގުގައި ރެލިގޭޝަނުން ސަލާމަތް ވުން،" ލަމްޕާޑް ބުންޏެވެ.

ލީގުގައި ވެސް އެވަޓަން ރެލިގޭޝަން ޒޯނަށް ނުވެއްޓި އޮތީ ކިރިޔާ

ޓޭބަލްގައި އެވަޓަން އޮތީ ރެލިގޭޝަން ޒޯނަށް ވުރެ އެއް ދަރަޖަ ކުރީގަ އެވެ. އެ ޓީމު މިހާތަނަށް ކުޅުނު 27 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުން އެވަޓަން ކުޅުނު 12 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައި ވަނީ އެންމެ ހަތަރު މެޗުންނެވެ. އެއީ އެފްއޭ ކަޕް ހަތަރުވަނަ ބުރާއި ފަސްވަނަ ބުރުގެ ދެ މެޗުގެ އިތުރުން ލީގުގައި މިދިޔަ މަހު ލީޑްސް ޔުނައިޓެޑް އަތުން ހޯދި މޮޅާއި، އެންމެ ފަހުން ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗެވެ.

ނިއުކާސަލް އަތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓުގައި ޖެހި ލަނޑުންނެވެ. ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ، ހޯދި ހަނި މޮޅާ އެކު އުފާފާޅުކުރި ވަގުތު ލަމްޕާޑުގެ އަތަށް ވެސް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް ލަމްޕާޑް ބުނީ ކޮންމެ ހަފްތާއަކު ޓީމު ކަށިން ހިތްވަރު ނެރެގެން ތިން ޕޮއިންޓް ހޯދާ ނަމަަ ކޮންމެ ހަފްތާއަކު އުފާފާޅުކޮށްގެން އަތް ހަލާކުވިޔަސް އެކަމާ ފަރުވާލެއް ނެތް ކަމަށެވެ.