Roadha Mihaaru
އެފްއޭކަޕް ގައި ވެސް ޔުނައިޓެޑްގެ ތަފާތަކަށްވީ ރަޝްފޯޑް

އެފްއޭ ކަޕްގައި ވެސް ޔުނައިޓެޑްގެ ތަފާތަކަށް ވީ ރަޝްފޯޑް

07 ޖެނުއަރީ 2023

މެންޗެސްޓާ (ޖެނުއަރީ 7) - މާކަސް ރަޝްފޯޑްގެ މޮޅު ކުޅުމާ އެކު އިނގިރޭސި އެފްއޭ ކަޕް ގައި ވެސް މެނޗްޗެސްޓާ ޔުނައިޓެޑް ކުރިއަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ޖެނުއަރީ 7) - މާކަސް ރަޝްފޯޑްގެ މޮޅު ކުޅުމާ އެކު އިނގިރޭސި އެފްއޭ ކަޕް ގައި ވެސް މެނޗްޗެސްޓާ ޔުނައިޓެޑް ކުރިއަށް ޖެހިލައިފި އެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދީ، އަމިއްލަ ދަނޑުގައި ރޭ ކުޅުނު ތިންވަނަ ބުރުގެ މެޗުގައި 3-1 އިން އެވަޓަން ބަލިކޮށްގެންނެވެ.

މެޗު ފެށިގެން ޔުނައިޓެޑުން ލީޑު ނަގާކަށް މާ ގިނައިރެއް ނުނެގި އެވެ. ވޯލްޑް ކަޕްގެ ބްރޭކަށް ފަހު ތަފާތު ފޯމެއްގައި ހުރި ރަޝްފޯޑް މެޗުގެ ތިންވަނަ މިނިޓުގައި އަރިމަތިން އަރައި އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައިން ފުރަތަމަ ލަނޑު ޖަހައިދިނީ ބްރެޒިލް ވިންގާ އެންޓޮނީ އެވެ.

މިއީ ބްރެޒިލް އާއެކު ވޯލްޑް ކަޕް ކުޅުމަށް ފަހު އެނބުރި އައިސް އެންޓޮނީ، ޔުނައިޓެޑަށް ޖަހައި ދިން ފުރަތަމަ ގޯލެވެ. އޭނާ އެންމެ ފަހުން ޔުނައިޓެޑަށް ގޯލު ޖަހައިދިނީ ވެސް އެވަޓަން ކޮޅަށެވެ. އެއީ މިދިޔަ އޮކްޓޫބަރު މަހު ރަށުން ބޭރުގައި ކުޅުނު ލީގު މެޗެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ޔުނައިޓެޑަށް އެންމެ ފަހުން ގޯލު ޖަހައިދިން މެޗެވެ.

ޔުނައިޓެޑުން ނެގި ލީޑާ އެކު އެވަޓަން އިން އަވަހަށް އެއްވަރުކުރަން ކުރި މަސައްކަތުން 14 ވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކުރި އެވެ. ޑިފެންޑަރު ކޮނޯ ކޯޑީ އެއްވަރުކުރި ގޯލު ޖެހީ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ. އޭގެ ކުރިން ޑެމަރާއީ ގްރޭ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒު ވެފަ އެވެ.

ޔުނައިޓެޑުން އަލުން ލީޑު ހޯދީ ދެވަނަ ހާފުގަ އެވެ. މި ގޯލަކީ އެވަޓަން އަށް އެއްވަރު ކޮށްދިން ކޯޑީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭނާ އަތުން ބައިކޮޅަށް ވަނީ ރަޝްފޯޑް އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގަ އެވެ.

އެވަޓަންގެ ގްރޭ ނަގައިދިން ހުރަހަކުން ޑޮމިނީކް ކެލްވާޓް ލެވީން ނަތީޖާ އެއްވަރުކުރަން އިތުރު ލަނޑެއް ޖެހި އެވެ. ނަމަވެސް ގްރޭ އަށް ބޯޅަ ލިބުނު އިރު އޮފްސައިޑްމަގާމެއްގައި ހުރުމުން އެ ގޯލު ބަލައެއް ނުގަނެ އެވެ.

ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ރަޝްފޯޑެވެ. މި ޕެނަލްޓީ އަކީ އަލެހަންދްރޯ ގާނާޗޯ އަށް އެވަޓަންގެ ޑީފެންޑަރެއް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ރޭގެ މެޗަކީ ވޯލްޑް ކަޕް ބްރޭކަށް ފަހު ޔުނައިޓެޑް ކުޅުނު ފަސްވަނަ މެޗެވެ. މިއިން ކޮންމެ މެޗެއްގައި ވެސް ރަޝްފޯޑް ވަނީ ގޯލެއް ޖަހައިފަ އެވެ.

މި ނަތީޖާއާ އެކު އެވަޓަން އެފްއޭކަޕުން ކަޓާފައި ވާއިރު، އެޓީމު ވަނީ ލީގު ކަޕް ގެ ތިންވަނަ ބުރުން ކަޓައިފަ އެވެ. އަދި ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން ބަލި ވެފައި ވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ.

ޔުނައިޓެޑްގެ ދެވަނަ ގޯލާ އެކު އެޓީމުގެ ބައެއް ސަޕޯޓަރުންގެ ފަރާތުން އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑަށް ފުރައްސާރައިގެ ބަސްތައް ރައްދު ކުރި އެވެ. މިކަމާ ގުޅިގެން މެޗަށް ފަހު ޔުނައިޓެޑުން ވަނީ އެކަން ކުށްވެރިކޮށް، މާފަށް އެދިފަ އެވެ.