Roadha Mihaaru
ހަލަބުން ޓްވީޓް ކުރި ކުއްޖާއާ އުރުދުޣާން ބައްދަލުކޮށްފި

ހަލަބުން ޓްވީޓް ކުރި ކުއްޖާއާ ތުރުކީގެ ރައީސް ބައްދަލުކޮށްފި

21 ޑިސެމްބަރ 2016

އަންކާރާ (ޑިސެމްބަރު 21) - ސީރިއާގެ ހަލަބު ސިޓީގެ ހަނގުރާމަ އެންމެ ވަރުގަދަވި އިރު އެ ސިޓީގެ ހާލަތު ބަޔާން ކޮށްދިނުމަށް ޓްވީޓް ކުރަމުން ދިޔަ ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖާ، ބަނާ އަލް އަބްދުއާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބައްދަލު ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (ޑިސެމްބަރު 21) - ސީރިއާގެ ހަލަބު ސިޓީގެ ހަނގުރާމަ އެންމެ ވަރުގަދަވި އިރު އެ ސިޓީގެ ހާލަތު ބަޔާން ކޮށްދިނުމަށް ޓްވީޓް ކުރަމުން ދިޔަ ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖާ، ބަނާ އަލް އަބްދުއާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބައްދަލު ކުރައްވައިފި އެވެ.

ބަނާ އާއި އޭނާގެ ދެ ކޮއްކޮ އަދި މަންމައާ ބައްޕައާ އުރުދުޣާން ބައްދަލު ކުރެއްވީ އަންކަރާގައި ހުންނަ ރިޔާސީ ގަނޑުވަރުގަ އެވެ. ބަނާގެ އާއިލާ ތުރުކީ އަށް ގެނައުމަށް އުރުދުޣާން ވަނީ ޚާއްސަ މަންދޫބަކު ސީރިއާ އަށް ފޮނުއްވައިފަ އެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަލަބުގެ އިރުމަތީގައި ދިރިއުޅުނު ބަނާ އާއި އޭނާގެ އާއިލާ އެ ސިޓީން ނެރެގެން ރައްކާތެރި ހިސާބަކަށް ބަދަލުކުރީ ހޯމަ ދުވަހު އެވެ. އޭގެ ފަހުން ތުރުކީ ސަރުކާރުން ފޮނުވި ހެލިކޮޕްޓަރެއްގައި އެ ކުއްޖާގެ އާއިލާ ވަނީ އަންކާރާ އަށް ގެންގޮސްފަ އެވެ.

ބަނާ މިއަދު ވަނީ އުރުދުޣާންއާ އެކު ނަގާފައިވާ ފޮޓޯތައް ޓްވީޓްކޮށްފަ އެވެ. އަދި ތުރުކީގެ ރައީސްއާ ބައްދަލު ކުރެވުނީތީ ވަރަށް އުފާކުރާ ކަމަށް ވަނީ ބުނެފަ އެވެ. ކުރު ވީޑިއޯއެއްގައި އެ ކުއްޖާ ވަނީ ހަލަބުގެ ހަނގުރާމަ އިން ނެރެދިނީތީ ޝުކުރު އަދާކޮށްފަ އެވެ.

ބަނާ (ވ) އާއި އޭނާގެ ކޮއްކޮ ރައީސް އުރުދުޣާން އުރާލައިގެން.

ބަނާ (ވ) އާއި އޭނާގެ ކޮއްކޮ ރައީސް އުރުދުޣާން އުރާލައިގެން.

ތުރުކީގެ ޚާރިޖީ ވަޒީރު ވަނީ ބަނާ އަށް އެ ގައުމުން ހިޔާވަހިކަން ހަމަޖައްސައިދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޓްވިޓާ އިން ބަނާ ފޮލޯކުރާ 325،000 މީހުންނަށް އެ ކުއްޖާ ވަނީ ދިރިއުޅެން ޖެހޭ ބިރުވެރި ހާލަތު ސިފަކޮށްދީފަ އެވެ. ނޮވެމްބަރު 28 ވަނަ ދުވަހު ކުރި މެސެޖުގައި ވަނީ ހަލަބުގައި އެ މީހުން ދިރިއުޅޭ ގެ އަށް ބޮން އަޅައިފި ކަމަށާއި ނިދަން ޖެހޭނީ މަގުމަތީގައި ކަމަށް ބުނެފަ އެވެ. އަދި މަރުވަމުންދާ މީހުން އޭނާގެ ލޮލަށް ފެންނަމުންދާ ކަމަށް ބުނެފައިވެ އެވެ. ހަމަ އެ ދުވަހު އެ ކުއްޖާ ވަނީ ބޮމުގެ ވަރުގަދަ ހަމަލާތަކުގެ ތެރޭގައި، މަރާއި ދިރިހުރުމާ ދެމެދު، އެ މީހުންގެ ރައްކާތެރި ކަމަށް ދުއާ ކޮށްދިނުމަށް އެދިފަ އެވެ. އެ ކުއްޖާގެ މަންމަ ފާތިމާ ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހަލަބުގެ ހާލަތު ބަޔާންކޮށްދީފަ އެވެ.

ބަނާ އާއި އޭނާގެ މަންމަ ފާތިމާ ކޮންމެ ދުވަހަކު ކުރާ ޓްވީޓްތަކަށް ސީރިއާ ސަރުކާރުން ވަނީ ފާޑު ކިޔައިފަ އެވެ. އަދި އެއީ ޕްރޮޕެގެންޑާ ކަމަށް ވަނީ ބުނެފަ އެވެ. ބީބީސީއާ ވާހަކަ ދައްކަމުން ބަނާގެ މަންމަ އޮކްޓޯބަރު މަހު ބުނެފައި ވަނީ އޭނާގެ ދަރިފުޅު ބޭނުން ވަނީ ދުނިޔެ އިން އެ މީހުންގެ އަޑު އަހަން ކަމަށެވެ.

ސުންނާފަތިވެފައިވާ ހަލަބުގެ ފޮޓޯތައް ބަނާ ޓްވީޓް ކުރަން ފެށުމުން ވަރަށް ގިނަ ބަޔަކު ވަނީ އެ ކުއްޖާ އަށް ތާއީދުކޮށް މެސެޖް ފޮނުވައިފަ އެވެ. ބަނާ ޓްވީޓް ކުރުން މަދުވެއްޖެ އޭނާގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށް ބުނެ ގިނަ ބަޔަކު މެސެޖް ކުރެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ބަނާ އަށް ޓްވިޓާ އެކައުންޓެއް ހަދައިދިނީ އޭނާގެ މަންމަ އެވެ. ބަނާ ވަނީ ކެމެރާގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކާ ދުނިޔޭގެ އެހީއަށް އެދިފަ އެވެ.