Roadha Mihaaru
އަފްގާން އަންހެން ކުދިންގެ ސްކޫލްތައް އަނެއްކާ ބަންދު

އަފްގާން އަންހެން ކުދިންގެ ސްކޫލްތައް ހުޅުވުމަށް ފަހު ބަންދުކޮށްފި

24 މާޗް 2022

އަފްގާނިސްތާނުގައި އަންހެން ކުދިންނަށް ކިޔަވައިދޭ ސްކޫލްތައް އިއްޔެ ހުޅުވުމަށް ފަހު، ދެތިން ގަޑިއިރު ފަހުން ސަރުކާރުން ނެރުނު އަމުރަކާ ގުޅިގެން އަނެއްކާ ވެސް އެ ސްކޫލްތައް ބަންދުކޮށްފި އެވެ.

އަފްގާނިސްތާނުގައި އަންހެން ކުދިންނަށް ކިޔަވައިދޭ ސްކޫލްތައް އިއްޔެ ހުޅުވުމަށް ފަހު، ދެތިން ގަޑިއިރު ފަހުން ސަރުކާރުން ނެރުނު އަމުރަކާ ގުޅިގެން އަނެއްކާ ވެސް އެ ސްކޫލްތައް ބަންދުކޮށްފި އެވެ.

ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، އަންހެން ކުދިންގެ ސްކޫލްތަކުގައި އިއްޔެ ހެނދުނުން ފެށިގެން ކިޔެވުން އޮންނާނެކަން، މީގެ ހަފުތާއެއްހާ ދުވަސް ކުރިން، އަފްގާނިސްތާނު ސަރުކާރުން އިއުލާން ކުރި އެވެ. ގްރޭޑް ހަޔަކުން މަތީގެ އަންހެން ކުދިންގެ ކްލާސްތަކުގެ ކިޔެވުން މެދުކަނޑާލާފައި އޮތުމަށް ފަހު، އިއްޔެ އަލުން ކިޔެވުން ފެށުމަށް ނިންމައި، އަފްގާންގެ އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ވަނީ، އަންހެން ދަރިވަރުންނަށް މަރުހަބާ ކިޔައި ވީޑިއޯ މެސެޖެއް ވެސް އާންމުކޮށްފަ އެވެ.

ސަރުކާރުގެ އެ ނިންމުމާ އެއްގޮތަށް އިއްޔެ ހެނދުނުގެ ދަންފަޅިއަށް އަންހެން ކުދިން ސްކޫލްތަކަށް ގޮސް ކިޔަވަން ތިއްބައި، ސަރުކާރުގެ ކުއްލި އަމުރަކާ އެކު، ގްރޭޑް ހަޔަކުން މަތީގެ ހުރިހާ އަންހެން ދަރިވަރުން ވަނީ ގެއަށް ފޮނުވާލައިފަ އެވެ. ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްލާމީ ޝަރީއާގެ ހަމަތަކާ އެއްގޮތަށް ކިޔަވައިދެވޭނެ އިންތިޒާމެއް ހަމަޖެހެންދެން، ގްރޭޑް ހަޔަކުން މަތީގެ އަންހެން ދަރިވަރުންނަށް ކިޔެވުން ބަންދުވީ ކަމަށެވެ.

އަފްގާންގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ ތަރުޖަމާނު އިނާމުﷲ ސަމްޖާނީ ބުނި ގޮތުގައި އަފްގާނިސްތާން ސަރުކާރުގެ ނިންމުމާ އެއްގޮތަށް، އަންހެން ކުދިންގެ ސްކޫލްތައް މި ވަގުތައް ވަނީ ބަންދުކޮށްފަ އެވެ. އަންހެން ކުދިންގެ ސްކޫލްތައް ބަންދުކުރި ސަބަބާ ބެހޭ ގޮތުން ސުވާލު ކުރުމުން، އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓްރީގެ ތަރުޖަމާނު އަޒީޒް އަހްމަދު ރަޔާން ވިދާޅުވީ އެކަމާ ބެހޭ ގޮތުން އިތުރު ވާހަކަ ދެއްކުމުގެ ހުއްދަ ނެތް ކަމަށެވެ.

އަފްގާން ސަރުކާރުގެ އެ ނިންމުމާ ގުޅިގެން، އެ ގައުމުގެ ސާނަވީ އަދި މަތީ ސާނަވީ މަރުހަލާގައި ކިޔެވުމުގެ ފުރުސަތު އެއްވެސް އަންހެން ދަރިވަރަކަށް ނޯންނާނެ އެވެ. ޕްރައިމަރީ ގްރޭޑްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން ހުއްދަ ކޮށްފައި އޮތަސް، އެ ގްރޭޑްތަކުގައި ވެސް ސްކޫލަށް ހާޒިރުވާ އަންހެން ދަރިވަރުންގެ އަދަދު ވަރަށް މަދެވެ.

އަންހެން ކުދިންނަށް ކިޔަވައިދިނުން މެދުކަނޑައިލި ވަކި ސަބަބެއް، އަފްގާނު ސަރުކާރުން ހާމަ ނުކުރި ނަމަވެސް، ސްކޫލްތަކުގައި ޓީޗަރުންގެ ދަތިކަން ވަރަށް ބޮޑު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެމެރިކާ ސިފައިން އަފްގާނުން ފައިބައިގެން ދިއުމާ އެކު، އެ ގައުމުގައި އޮތް ސަރުކާރު ވައްޓާލައި ތާލިބާނުން ވެރިކަމާ ހަވާލުވުމާ ގުޅިގެން، ގައުމު ދޫކޮށް ދިޔަ މީހުންގެ ތެރޭގައި، ފަންނީ ވަޒީފާތަކުގައި އުޅުނު ގިނަ ބަޔަކު ހިމެނެ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ވެސް ހިމެނެ އެވެ.