Roadha Mihaaru
ސާނަވީގައި އަންހެން ކުދިންނަށް ކިޔަވައިނުދޭނެ

ސާނަވީގައި އަންހެން ކުދިންނަށް ކިޔަވައިނުދޭނެ

19 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގައި ތާލިބާނުން އެކުލަވައިލި އާ ސަރުކާރުގެ ސިޔާސަތުގެ ދަށުން، އެ ގައުމުގެ ސާނަވީ މަރުހަލާގެ ސްކޫލް މަދަރުސާތަކުގައި އަންހެން ކުދިންނަށް މިވަގުތު ކިޔަވައި ނުދޭން، ތާލިބާނުން ނިންމައިފި އެވެ.

އަފްގާނިސްތާނުގައި ތާލިބާނުން އެކުލަވައިލި އާ ސަރުކާރުގެ ސިޔާސަތުގެ ދަށުން، އެ ގައުމުގެ ސާނަވީ މަރުހަލާގެ ސްކޫލް މަދަރުސާތަކުގައި އަންހެން ކުދިންނަށް މިވަގުތު ކިޔަވައި ނުދޭން، ތާލިބާނުން ނިންމައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އަފްގާން ސަރުކާރުގެ ތައުލީމާ ބެހޭ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ގްރޭޑް ހަތަކުން ފެށިގެން މަތީގެ ކްލާސްތަކުގައި ކިޔެވުން އޮންނާނީ ފިރިހެން ކުދިންނަށް އެކަންޏެވެ. ތާލިބާނުންގެ މި ނިންމުމުގައި، އެ ގްރޭޑްތަކުގެ އަންހެން ކުދިންނަށް ކިޔަވައިނުދޭނެ ކަމަށް ކަނޑައެޅިގެން ބުނެފައި ނެތުމުން، އަންހެން ކުދިންނަށް ކިޔަވައިދިނުމާ މެދު ތާލިބާނުންގެ އާ ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަމެއް މުޅިން ސާފެއް ނުވެ އެވެ.

ތާލިބާނުންގެ މި ނިންމުމާ ގުޅިގެން، މިހަފުތާގެ ކިޔެވުން ކުރިއަށް ދާއިރު، އަންހެން ކުދިންގެ ތެރެއިން ސްކޫލްތަކަށް މިހާރު ވަދެވެނީ ގްރޭޑް ހަޔަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ކުދިންނަށް އެކަންޏެވެ.

"އަހަރެމެން މިތިބީ ބޮޑެތި އަންހެން ކުދިން މިއަދު ސްކޫލަށް ނާންނާތީ ވަރަށް ދެރަވެފައި. އަހަރެމެން އުންމީދު ކުރަނީ އެކުދިންނަށް ވެސް ވަރަށް އަވަހަށް ސްކޫލަށް އާދެވޭނެ ގޮތް ވާނެ ކަމަށް،" ވެރިރަށް ކާބުލްގައި ހުންނަ ޒަރަގޯނާ ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ރާބިއާ ރާޝިދު ވިދާޅުވި އެވެ.

ސާނަވީ ގްރޭޑްތަކުގެ ފިރިހެން ދަރިވަރުންނަށް އެކަނި ކިޔަވައިދޭން ނިންމައި އެކަން އިއުލާން ކުރި އިރު، ތައުލީމާ ބެހޭ ވަޒީރު އަބްދުލް ބާގީ ހައްގާނީ ވިދާޅުވީ، އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ވެސް ސްކޫލަށް ދެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނީ ކޮން ގޮތަކަށް އަދި ކިހިނެއް ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.

ބައެއް ސްކޫލްތަކުގެ ޓީޗަރުން ބުނާ ގޮތުގައި، އަންހެން ކުދިންނަށް ވެސް ފިރިހެން ކުދިންނެކޭ އެއް ހަމައަކުން ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް ތާލިބާނުން ވައުދުވެފައި ވިޔަސް، ތާލިބާނުން އެ ވައުދާ ޚިލާފުވަމުންދާތީ ވަރަށް ކަންބޮޑުވެ އެވެ.

އަންހެނުންނާ ބެހޭ މިނިސްޓްރީ އުވާލައި، އެ އިމާރާތުގައި، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމާ ބެހޭ މިނިސްޓްރީ އުފައްދާފައި. --އޭއެފްޕީ

އަންހެނުންނާ ބެހޭ މިނިސްޓްރީ އުވާލައި، އެ އިމާރާތުގައި، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމާ ބެހޭ މިނިސްޓްރީ އުފައްދާފައި. --އޭއެފްޕީ

"އަހަރެންނަށް އެނގޭ އެމީހުންނަށް އިތުބާރެއް ނުކުރެވޭނެ ކަން. އެމީހުން ބަދަލެއް ނުވޭ. އަހަރެމެންގެ މި ޖީލުގެ ހުވަފެންތައް އެމީހުން ނަގައިލާތީ އަހަރެން ވަރަށް ދެރަވެ ބިރުވެސް ގަނޭ،" އުމުރުން 16 އަހަރުގެ ދަރިވަރެއް ކަމަށްވާ އާއިޝާ ބުންޏެވެ.

ސާނަވީ މުދައްރިސެއް ކަމަށްވާ މީލާ އަމީނީ، 45، ބުނި ގޮތުގައި، ތާލިބާނުން މިހާރު އަމަލުކުރަމުން އަންނަ ގޮތުން، ހަނދާނަށް އަންނަނީ، މީގެ 20 އަހަރު ކުރިން ތާލިބާނުންގެ ވެރިކަމުގެ ދުވަސްވަރު ކަންތައް ކުރި ގޮތެވެ. އޭރު އަންހެން ކުދިންނަށް ކިޔަވައިދިނުން މެދުކަނޑާލައި، އަންހެނުން ވަޒީފާ އަށް ނުކުތުން މަނާކުރުމުން، އެ ގައުމުގެ މުޖްތަމައި އޮތީ ވަރަށް ބޮޑު ޖާހިލުކަމެއްގެ ތެރޭގަ އެވެ.

ނަމަވެސް، މިދިޔަ 20 އަހަރުގެ ތެރޭގައި އަންހެން ކުދިންނަށް ކިޔަވައިދިނުމުގެ ފުރުސަތު ލިބުމުން، ގިނަ އަންހެން ކުދިންތަކެއް ތައުލީމު ހާސިލުކުރަން ފަށާފައިވާ މި ދަނޑިވަޅުގައި، ތާލިބާނުން އެކަމަށް ހުރަސް އެޅުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އަނެއްކޮޅުން ތާލިބާނުން މިހާރު ވަނީ، އެ ގައުމުގައި ކުރިން ހުރި އަންހެނުންނާ ބެހޭ މިނިސްޓްރީ އުވާލައި، އެ އިމާރާތުގައި، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމާ ބެހޭ މިނިސްޓްރީ އުފައްދައިފަ އެވެ.