Roadha Mihaaru
ބީއެމްއެލްގެ އެހީ ތަކަންދު އާއި ފޮނަދު އަށް

ބީއެމްއެލްގެ އެހީގައި ތަކަންދު އާއި ފޮނަދޫގައި ހިންގި ޕްރޮޖެކްޓުތައް ނިންމާލައިފި

26 މާޗް 2022

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހއ. ތަކަންދު އާއި ލ. ފޮނަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހއ. ތަކަންދު އާއި ލ. ފޮނަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި އެވެ.

އެ ފަންޑުގެ ދަށުން ތަކަންދޫ ސްކޫލުގައި ވަނީ "އައުޓްޑޯ ރީޑިން" ސަރަހައްދެއް ގާއިމްކޮށް، ރަށުގެ އެހެން ތަންތަނުގައި ކޮމިއުނިޓީ ފޮތް ހަރުގަނޑުތަކެއް ބަހައްޓައިފަ އެވެ. އަދި އެ ސްކޫލްގެތެރޭގައި އޮންނަ ހުސް ޖާގައިގައި ވަނީ ފޮތް ހަރުގަނޑު ބަހައްޓައި ހިޔާކޮށް، ހަޓު ޖަހައިފަ އެވެ.

އެ ޕްރޮޖެކްޓް ކާމިޔާބުކުރި ތަކަންދޫ އެކުވެރިންގެ ރޫހު ޖަމިއްޔާ އިން ބުނީ އެ ރަށުގެ ސްކޫލްގައި ލައިބްރަރީ ހިންގަނީ ސްކޫލް އޮފީހުގައި ކަމަށެވެ. އެހެންވެ، އެއީ ސްކޫލް ކުދިންނަށް ފޮތް ކިޔާނެ ރަނގަޅު ޖާގައެއް ހޯދައިދިނުމަށް ހިންގި ޕްރޮޖެކްޓެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ވީ ދަރިވަރުން ފޮތް ކިޔައި، ކްލާހުން ބޭރުގައި ބާއްވާ ހަރަކާތްތަކަށް އެކަށީގެންވާ ރަނގަޅު ޖާގައެއް ހޯދައިދިނުން. ސްކޫލު އޮފީހާ ވަކިން މި ސަރަހައްދު ގާއިމްކުރުމުގެ ސަބަބުން މިތަން ވެގެންދާނީ ދަރިވަރުންނަށް ފަސޭހަ މާހައުލަކަށް،" ތަކަންދޫ އެކުވެރިންގެ ޖަމިއްޔާއިން ބުންޏެވެ.

"އަޅުގަނޑުމެން ރަށުގައި ފޮތް ހަދިޔާކުރާ ކެންޕޭނެއް ބާއްވައި މި އައުޓްޑޯ ލައިބްރަރީ އަށް އަދި ރަށުތެރޭ ބެހެއްޓިފައި ހުރި ފޮތް ހަރުގަނޑުތަކަށް އިތުރު ފޮތް އެއްކުރުމަށް ވަނީ ހަމަޖެހިފަައި."

ބީއެމްއެލުން ފޮނަދޫގައި ހުޅުވި ރީޑިން ޕާކު--

ބީއެމްއެލުން ފޮނަދޫގައި ހުޅުވި ރީޑިން ޕާކު--

ކޮމިއުނިޓީ ފަންޑުގެ ދަށުން ފޮނަދޫ ސްކޫލުގައި ވެސް ވަނީ "އައުޓްޑޯ ރީޑިން" ސަރަހައްދެއް ހަދައިފަ އެވެ. އެއީ ލ. އަތޮޅުގެ ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހާއްސަކޮށް ގާއިމްކުރި ސަރަހައްދެކެވެ. އެ ސަރަހައްދުގައި ގޮނޑި އާއި މޭޒު އަދި ފޮތް ހަރުގަނޑު ވަނީ ބަހައްޓައިފަ އެވެެ.

އެ ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ މެމްބަރެއް ކަމަށްވާ ފާތިމަތު ޝަހީދާ ބުނީ އެއީ ރަށަށް ވަރަށް ބޭނުންތެރި ތަނެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ސަަބަބުން ދަރިވަރުންގެ މެދުގައި ފޮތް ކިޔުމަށް ލޯތްބާއި ޝައުގު އުފެދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.