Roadha Mihaaru
ހިޔާ ފްލެޓް ކައިރީގައި ދެވަނަ ވަގުތީ މިސްކިތް ހުޅުވަނީ

ހިޔާ ފްލެޓްތައް ކައިރީގައި ހަދާ ދެވަނަ ވަގުތީ މިސްކިތް ބުރާސްފަތީގައި ހުޅުވަނީ

28 މާޗް 2022

ހުޅުމާލޭގެ ހިޔާ ފްލެޓްތައް ކައިރީގައި ހަދާ ވަގުތީ ދެވަނަ މިސްކިތް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގެ ހިޔާ ފްލެޓްތައް ކައިރީގައި ހަދާ ވަގުތީ ދެވަނަ މިސްކިތް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފި އެވެ.

ކުރިއަށް އޮތް ރޯދަމަހަށް އިސްލާމިކް މިނިސްޓްރީން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވީ، ހިޔާ ފްލެޓްތައް ކައިރީގައި ހަދާ ވަގުތީ ދެވަނަ މިސްކިތް ހުޅުވަން ނިންމާފައި ވަނީ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދަށް ކަމަށެވެ.

އެ ވަގުތީ މިސްކިތް ހެދީ ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ހަރަދުކޮށް، ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. ހިޔާ ފްލެޓްތައް ކައިރީގައި ހެދި ފުރަތަމަ ވަގުތީ މިސްކިތުގެ މަސައްކަތް ވެސް ކުރީ އެ ކުންފުނިންނެވެ.

އިސްލާމިކް މިނިސްޓްރީން ރޯދަ މަހަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިސްލާމީ މަރުކަޒުގައި ހެނދުނު ބޭއްވި ޕްރެސްގައި މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިސްލާމިކް މިނިސްޓްރީން ރޯދަ މަހަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިސްލާމީ މަރުކަޒުގައި ހެނދުނު ބޭއްވި ޕްރެސްގައި މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިދިޔަ އަހަރު ޑިސެމްބަރު 31 ގައި ހަދަން ހަވާލުކުރި ދެވަނަ ވަގުތީ މިސްކިތަކީ 600 މީހުންގެ ޖާގައިގެ ތަނެކެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރެވެ. ރޯދައިގެ ކުރިން މަސައްކަތް ނިމިފައި ހުރި އެހެން މިސްކިތްތައް ހުޅުވުމުގެ މަސައްކަތް ވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ރޯދަމަހަށް ހުޅުވާ އިތުރު މިސްކިތްތައް:

- ޒަކާތު ފަންޑުން ހަރަދު ކޮށްގެން ލ. މަތިމަރަދޫގައި ހެދި މިސްކިތް.

- މާފަންނު އާ މިސްކިތް ހުކުރު ދުވަހު އަސުރު ނަމާދަށް ހުޅުވާނެ.

- އާރްސީސީން ހުޅުމާލޭގައި ހެދި މިސްކިތް ރޯދަމަހުގެ ފުރަތަމަ ހަފުތާގައި ހުޅުވާނެ.

ރޯދަމަހަށް ވަމަދުންދާ ތައްޔާރީތަކުގެ ތެރެއިން ހިޔާ ފެލްޓްތައް ކައިރީގައި ހެދި ފުރަތަމަ ވަގުތީ މިސްކިތުގެ ސަރަހައްދު އިތުރަށް ހިޔާކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

"ހިޔާ ފެލްޓްތަކުގެ ސަރަހައްދަކީ ހޫނުގަދަ ތަނަކަށް ވުމުން، ބޮޑު ޖަމާއަތުގައި ކުރާ ނަމާދުތަކުގައި ގިނަ ބަޔަކު އަވީގައި ބޭރުގައި ނަމާދަށް ތިބޭތީ، އެކަން ހައްލުކުރުމުގެ ގޮތުން ރޯދަ އަށް އެ ސަރަހައްދު ބޮޑަށް ހިޔާކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތައް ކައިރީގައި ޖާގަ ބޮޑު މިސްކިތެއް އަޅާނެ ބިން އެޗްޑީސީން ވަނީ އިސްލާމިކް މިނިސްޓްރީއާ މިދިޔަ މަހު ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި، 30،655 އަކަފޫޓުގެ ބިމެއްގައި އަޅަން ނިންމާފައިވާ އެ މިސްކިތުގެ ޑިޒައިން މިހާރު ތައްޔާރު ކޮށްދީފައިވާ ކަމަށެވެ. އަދި އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.

ޑިޒައިންގައިވާ ގޮތުން އެއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި ކޯޓްޔާޑު ހިމަނައިގެން 3،000 މީހުންގެ ޖާގަ އޮންނާނެ އެވެ.

ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން މިސްކިތެއް އިމާރާތް ކުރަން ނިންމައިފަ އެވެ. މިހާރު ދެވަނަ ފިޔަވަހީގައި ހުންނަނީ އަމިއްލަ ފަރާތަކުން އަޅާފައި މިސްކިތެއް ކަމަށްވާ "މަސްޖިދުލް އަމީލް ޖަލީލް" އެވެ.