Roadha Mihaaru
މިސްރު ކަޓުވާލައި ސެނެގާލް ވޯލްޑް ކަޕަށް

މިސްރު ކަޓުވާލައި އެފްރިކާގެ ޗެމްޕިއަން ސެނެގާލް ވޯލްޑް ކަޕަށް!

30 މާޗް 2022

ޑާކާރު، ސެނެގާލް (މާޗް 30) - އެފްރިކާގެ ފުޓުބޯޅައިގެ ގަދަ ބާރު މިސްރު ކަޓުވާލުމަށް ފަހު، މި އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ސެނެގާލު މިރޭ ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޑާކާރު، ސެނެގާލް (މާޗް 30) - އެފްރިކާގެ ފުޓުބޯޅައިގެ ގަދަ ބާރު މިސްރު ކަޓުވާލުމަށް ފަހު، މި އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ސެނެގާލު މިރޭ ޖާގަ ހޯދައިފި އެވެ.

އެފްރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިން ފަހު ބުރުގައި ފުރަތަމަ ލެގު އަމިއްލަ ގައުމުގައި ކުޅެ 1-0 އިން ކާމިޔާބުކުރީ މިސްރެވެ. މި އަހަރުގެ އެފްރިކަން ނޭޝަންސް ސެނެގާލުގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިިއިރު ވެސް ސެނެގާލް 1-0 އިން ކުރީގައި އޮތުމުން 1-1 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު ފުރިހަމަ ވަގުތު ހަމަވުމުން ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހާށެވެ.

ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ސެނެގާލުން ކުރި ހޯދީ 3-1 އިންނެވެ. ދެ ޓީމުން ވެސް ފުރަތަމަ ޕެނަލްޓީ ޖެހީ ކެޕްޓަނުންނެވެ. ފުރަތަމަ، ސެނެގާލްގެ ކެޕްޓަން ކަލިދޫ ކުލިބަލީ ފޮނުވާލުމުން އަމާޒުވީ ގޯލު ހުރަސް ދަނޑިއަށެވެ. މި އަހަރުގެ އެފްރިކަން ކަޕުގެ ސެމީ ފައިނަލާއި ފައިނަލުގައި ވެސް ފަސްވަނަ ޕެނަލްޓީ އަށް މަޑުކުރި ސަލާހަށް އެ ދެ މެޗުގައި ޕެނަލްޓީ ޖަހަން ފުރުސަތެއް ނުލިބެ އެވެ. ނަމަވެސް މިރޭ ސަލާހު ފޮނުވާލި މިސްރުގެ ފުރަތަމަ ޕެނަލްޓީ ދިޔައީ މާ މަތިން ބޭރަށެވެ.

ސެނެގާލުގެ ދެވަނަ ޕެނަލްޓީ ސައިލޫ ސިސް ފޮނުވާލުމުން މިސްރުގެ ކީޕަރު އެލް ޝެނާވީ ވަނީ ދިފާއުކޮށްފަ އެވެ. މިސްރުގެ ދެވަނަ ޕެނަލްޓީ ޒީޒޫ ފޮނުވާލުމުން ވެސް ދިޔައީ ބޭރަށެވެ. ސެނެގާލަށް ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ތިންވަނައަށް ޕެނަލްޓީ ޖަހަން ދިޔަ އިސްމާއިލާ ސާ އެވެ. އޭގެ ފަހުން މިސްރުގެ ޕެނަލްޓީ އަމްރު އަލް ސޮލިއާ ކާމިޔާބުކުރި އެވެ. ސެނެގާލްގެ ހަތަރުވަނަ ޕެނަލްޓީ ބަމްބާ ޑިއެންގް ކާމިޔާބު ކުރުމުން އެޓީމު ލީޑު ނެގުމާ އެކު، ދެން މިސްރު ޓީމުގެ މުސްތަފާ މުހައްމަދު ފޮނުވާލި ޕެނަލްޓީ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ދިފާއު ކުރި އެވެ. އަދި ހަމަ ލިބުނު ލީޑު ހިފަހައްޓައި، ސެނެގާލުން ޕެނަލްޓީ ޝޫޓައުޓް ކާމިޔާބުކުރީ މާނޭގެ ޕެނަލްޓީއާ އެކު އެވެ.

މިއީ ސެނެގާލް ވޯލްޑް ކަޕަށް ކޮލިފައިވި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރިއިރު، 2018 ގައި ރަޝިއާ ވޯލްޑް ކަޕު ނިންމާލަން ޖެހުނީ ގުރޫޕް ސްޓޭޖާ ހަމައިންނެވެ.

މިރޭގެ މެޗުގައި ސެނެގާލުން ލީޑު ނެގީ، ފުރަތަމަ ލެގުގައި މިސްރުން ލީީޑު ނެގި ގޮތަށް، މެޗުގެ ހަތަރުވަނަ މިނިޓުގަ އެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް މިސްރުގެ ޑިފެންޑަރުންނަށް ރަނގަޅަށް ސާފުކޮށް ނުލެވުމުގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސްޕޭނުގެ ވިޔަރެއާލަށް ކުޅޭ ފޯވާޑް ބުލާޔޭ ޑިއާ އެވެ.

ދެވަނަ ހާފުގައި ކުޅެން އެރިތާ އިރުކޮޅެއް ތެރޭ މިސްރުގެ ފޯވާޑް ޒީޒޫ އަށް ވަނީ ނަތީޖާ އެއްވަރުކުރަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. މުހައްމަދު ސަލާހު ނަގައިދިން ބޯޅަ ގޯލު ކުރިމަތީ ހުސްކޮށް ހުރެ އޭނާ ފޮނުވާލުމުން ގޯލާ އަމާޒު ނުވެ ދިޔައީ ކިރިޔާ އެވެ. އޭގެ އިރުކޮޅެއް ފަހުން ޒީޒޫ، ސެނެގާލްގެ ދެ ޑިފެންޑަރުން ކަޓުވާފައި ފޮނުވާލި ބޯޅަ ވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ސެނެގާލުން ދެވަނަ ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ އިސްމާއިލާ ސާ އަށެވެ. މާނޭ ހުސް ކޮށްލާފައި އަރިމަތިން ކުރިޔަށް އެރި ސާ އަށް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލުމުން ވެސް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

އެގްރިގޭޓް 1-1 ގެ ނަތީޖާއަކާ އެކު މެޗުގެ ފުރިހަމަ ވަގުތު ނިމުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސެނެގާލުން ވަނީ ފުލުފުލުގައި މިސްރުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް ކީޕަރު މުހައްމަދު އެލް ޝެނާވީ ފެނުނީ މާ ހުށިޔާރުކޮށެވެ. ޕާޕާ އަބޫ ސިސޭ އާއި ބަމްބާ ޑިއެން ބޮލުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ކީޕަރު މަތަކުރިއިރު، މާނޭ ހުސްކޮށްލާފައި ދިން ބޯޅައެއް އިސްމާއިލާ ސާ ގޯލުކުރިމަތިން ފޮނުވާލިމުން ވެސް ދިފާއުކުރީ ކީޕަރު އެލް ޝެނާވީ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފް ނިމެނިކޮށް ސެނެގާލްގެ ޑިފެންޑަރު ސިސޭ ފުލުފުލުގައި ފޮނުވާލި ދެ ހަމަލާއެއް ވެސް ކީޕަރު އެލް ޝެނާވީ ދިފާއުކުރި އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސް ކަޕުގެ ފައިނަލުގައި ވެސް މި އަހަރު ކުޅުނީ މި ދެ ޓީމެވެ. ފައިނަލް މެޗުގައި އެލް ޝެނާވީ އަނިޔާގައި ހުރުމުން މިސްރުގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު މުހައްމަދު އަބޫ ގަބާލް (ގަބާސްކީ) އެވެ.