Roadha Mihaaru
"އެފްއޭއެމްގެ ދަނޑުތައް ކުރިއަށް ނުދާތީ ކަންބޮޑުވޭ"

އެފްއޭއެމުން ހަދާ ދަނޑުތައް ކުރިއަށް ނުދާތީ މަހްލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި

30 މާޗް 2022

އެފްއޭއެމުން ރާއްޖޭގެ އެކި ރަށްރަށުގައި ހަދާ ޓާފް ދަނޑުތަކުގެ މަސައްކަތުގެ ސްޕީޑާ މެދު ކަންބޮޑު ވާކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުން ރާއްޖޭގެ އެކި ރަށްރަށުގައި ހަދާ ޓާފް ދަނޑުތަކުގެ މަސައްކަތުގެ ސްޕީޑާ މެދު ކަންބޮޑު ވާކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ދަނޑުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ރައީސް އޮފީހުން ވެސް އެކަމުގެ މައުލޫމާތު ސާފުކުރަން ބޭނުންވެގެން އެދިފައިވާ ކަމަށެވެ. ސޯޅަ ރަށެއްގައި ދަނޑުތައް އެޅުމަށް އެފްއޭއެމުން އިއުލާންކުރީ މެއި 2021 ގަ އެވެ.

ދަނޑުތައް އަޅަން ހަމަޖެއްސި ރަށްތަކަކީ ހއ. ކެލާ، ށ. ކޮމަންޑޫ، ބ. ކަމަދޫ، ރ. އިނގުރައިދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް، އދ. ދަނގަތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާ އެވެ.

ރަށްތައް އިއުލާން ކުރުމަށް އޭރު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ ދަނޑުތަކުގެ މަސައްކަތް ނިމޭއިރު ވަށައިގެން ފެންސް ޖަހައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކޮށް އިލެކްޓްރޯނިކް ސްކޯ ބޯޑެއް ވެސް ބަހައްޓާނެ ކަމަށެވެ.

އެ ދަނޑުތައް ހަދަން ހަވާލުކޮށްފައި ވަނީ، އުޖާލާ ހިނގުމުގައި ހުންނަ އެފްއޭއެމްގެ ކުރީގެ އޮފީސް ހުރި ބިމުގައި 20 ބުރީގެ އިމާރާތެއް ހެދުމަށް ވެސް ހަވާލުކޮށްފައިވާ ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ އެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވާ އަނެއް ޕްރޮޖެކްޓަކީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އިންޑޯ ފުޓްސަލް އެރީނާއެއް އެޅުމެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ސުވާލު ކުރެއްވީ، ބިލެއްދޫގެ ދަނޑު ސާވޭ ކުރަން ކޮރެއާގެ ބަޔަކު އައިސް ދިޔަ ފަހުން އިތުރު އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެކަން ސާފު ކުރުމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ އެފްއޭއެމުން ދަނޑުތައް އަޅާނެ ކަމަށް ބުނި ރަށްރަށުގެ ތެރެއިން އެއްވެސް ރަށެއްގައި މަސައްކަތް ކުރިއަށް ނުދާތީ ސަރުކާރުގެ ބަޖެޓްގައި ޖަހައިގެން ވެސް ކުރިއަށްގެންދަން މަސައްކަތް ކުރާ ކަމަށެވެ.

"ތެދަށް ބުނާކަމަށް ވަންޏާ މި މައްސަލަ އޮތް ހިސާބުން ރައީސް އޮފީހުން ވެސް މިކަމުގެ އިތުރު މައުލޫމާތު ބޭނުންވެގެން އަޅުގަނޑުމެން މިދަނީ އެފްއޭއެމް މެދުވެރިކޮށް މި މައުލޫމާތު ލިބޭތޯ ބަލަމުން،" މަހްލޫފް ވިދާޅުވި އެވެ.

"މަސައްކަތުގެ ސްޕީޑް ހުރި ގޮތުން އަޅުގަނޑު އިންތިހާ އަށް ކަންބޮޑުވަން. އެއީ އެ ލިސްޓްގެ ތެރެއިން އެއްވެސް ރަށެއްގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައި ނެތީމަ."

މިނިސްޓަރު ވިދާޅުވީ އެފްއޭއެމުން އެކަން ނުކުރިޔަސް ސަރުކާރުން އެ މަސައްކަތް ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ. އޭގެތެރެއިން ހަ ރަށެއްގައި މަސައްކަތް ފެށޭތޯ ބަލުމުން އަންނަ ކަމަށް މަހްލޫފް ވިދާޅުވި އެވެ.