Roadha Mihaaru
ޕޯޓުގެ ހަ ގަޑިއިރުގެ މަސައްކަތް 15 މިނެޓަށް

އެމްޕީއެލްގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނާ އެކު، ހަ ގަޑިއިރުގެ މަސައްކަތް 15 މިނެޓުން ކުރެވޭނެ

31 މާޗް 2022

މާލެ ވިޔަފާރި ބަނދަރުގެ މުދާ ކްލިއާ ކުރަން ނަގާ ވަގުތު މަދުކުރަން އެމްޕީއެލުން، "ޕޯޓް ޑިޖިޓަލް"ގެ ނަމުގައި ޑިޖިޓަލައިޒޭޝަން ކެމްޕޭނެއް ރޭ ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލެ ވިޔަފާރި ބަނދަރުގެ މުދާ ކްލިއާ ކުރަން ނަގާ ވަގުތު މަދުކުރަން އެމްޕީއެލުން، "ޕޯޓް ޑިޖިޓަލް"ގެ ނަމުގައި ޑިޖިޓަލައިޒޭޝަން ކެމްޕޭނެއް ރޭ ފަށައިފި އެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެޕްމޭން ފައްޓަވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އެ ރަސްމިއްޔާތުގައި އެމްޕީއެލް އާއި ކަސްޓަމްސްގެ އިސްވެރިންނާއި ޝިޕިން ލައިންތަކާއި މުދާ ކްލިއާ ކުރުމުގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެމްޕީއެލްގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނަކީ ވިޔަފާރި ބަނދަރުން ދޭ ހުރިހާ ހިދުމަތެއް މަދު ވަގުތުކޮޅެއްގެ ތެރޭގައި ދެވޭ ގޮތަށް އެ މަސައްކަތުގައި އުޅޭ އެންމެންނަށް ލުއިކޮށްދޭން ފަށާފައިވާ ކެމްޕޭނެކެވެ. އެމްޕީއެލް އިން ބުނީ މުދާ ކްލިއާ ކުރަން އެކި ތަންތަނަށް ގޮސް ހޯދަން ޖެހޭ ހުއްދަތައް ހޯދަން މިހާރު 370 މިނެޓް (ހަ ގަޑިއިރު) ނަގާ ކަމަށެވެ. ޑިޖިޓަލް ބަދަލާ އެކު އެ މަސައްކަތްތަކަށް ދާ ވަގުތު 15 މިނެޓަށް ދަށް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ހުރިހާ ހިދުމަތެއް ޑިޖިޓަލް ކުރަން ކެމްޕޭނެއް ފެށީ އެ ދާއިރާއާ ގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އެވެ. މީގެ ދަށުން އަމާޒަކީ 2023 ވަނަ އަހަރާ ހަމައަށް އެ ކުންފުނި 99 ޕަސެންޓް ޕޭޕާ ލެސް ކުންފުންޏަކަށް ހެދުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްގެ މުވައްޒަފަކު އެ ކުންފުނީގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނާ ގުޅޭ މައުލޫމާތު ދެނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްޕީއެލްގެ މުވައްޒަފަކު އެ ކުންފުނީގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނާ ގުޅޭ މައުލޫމާތު ދެނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްޕީއެލްގެ އަމާޒަކީ ވޯލްޑު ބޭންކުން ނެރޭ "އީޒް އޮފް ޑުއިން ބިޒްނަސް" (ވިޔަފާރި ކުރަން ފަސޭހަ) ގައުމުތަކުގެ ލިސްޓުގެ އެންމެ ރަނގަޅު 20 ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ. މި ވަގުތު ރާއްޖެ އޮތީ އެ ލިސްޓުގެ 147 ވަނައިގަ އެވެ.

އެ ލިސްޓުގައި ރާއްޖެ 147 ވަނައިގައި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާއިރު އެ ލިސްޓުގެ ކުރިއަށް ރާއްޖެ ނާރަނީ ޑޮކިއުމެންޓޭޝަން މަރުހަލާ ޑިޖިޓަލް ނުކުރެވި އޮތުމުން ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެ ލިސްޓު ދެން ނެރޭ އިރު އެންމެ ރަނގަޅު 20 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އެ ކުންފުނީގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެމްޕީއެލްގެ ސީއީއޯ ޝާހިދު އެ ކުންފުނީގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެ ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލް ކުރަން ފެށުނީ ކޮވިޑުގެ ތެރޭގައި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރަން މަސައްކަތުގެ މާހައުލަށް ގެނައި ބަދަލާ އެކު ކަމަށެވެ. އޭގެ ސަބަބުން މުވައްޒަފުންނަށް ފަސޭހަ ކަމާއެކު ގޭގައި ތިބެގެން މަސައްކަތް ކުރެވުނު އިރު ޕޯޓުން ދެމުން އައި ހިދުމަތްތައް ވެސް މެދުނުކެނޑި ދެވެމުން އައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު (ލޮކްޑައުންގެ ތެރޭގައި) އޮފީހުގެ ޑެސްކުގައި ތިބެގެން މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން އަޅުގަނޑުމެން ބަދަލު ކުރީ ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް. އަޅުގަނޑުމެން ހުރިހާ ޕޭމަންޓުތަކެއް ވެސް އޮންލައިންކޮށް ހެދޭ ގޮތަށް ބަދަލު ކުރީ. އެ ގެނައި ބަދަލުތަކުގެ ސަބަބުން ޕޯޓުގެ މަސައްކަތްތަކަށް ވެގެންއައި ފަސޭހަތަކާ އެކު ކޮވިޑުގެ ހާލަތުން ލުއިތައް ލިބުމުން ވެސް އަޅުގަނޑުމެން ނިންމީ އެ ކުރެވުނު މަސައްކަތް އިތުރަށް އެކްސްޓެންޑް ކުރާނީއޭ،" ޝާހިދު ވިދާޅުވި އެވެ.

އެ ކުންފުނީގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން ޕޯޓުގެ ބައެއް މަސައްކަތްތައް ކުރާ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ އަމިއްލަ ރަށުގައި ތިބެގެންނެވެ. މީގެ ސަބަބުން މަސައްކަތަށް އެއްވެސް ލަސްކަމެއް ނާންނާނެ ކަމަށް އެމްޕީއެލުން ޔަގީންކަން ދެ އެވެ.

ޑިޖިޓަލައިޒޭޝަން ކެމްޕޭނުގެ ދަށުން އެކި އެޕްތަކާއި ޕްލެޓްފޯމުތައް އެމްޕީއެލުން ވަނީ ތައާރަފު ކޮށްފަ އެވެ. މީގެ ތެރޭގައި "ބަނދަރު" ޕްލެޓްފޯމާއި "އީ ގޭޓް ޕާސް" ހިމެނެ އެވެ. ބަނދަރު ޕްލެޓްފޯމަކީ ޕޯޓުން ދޭ ގިނަ ހިދުމަތްތައް އެއް ޕްލެޓްފޯމެއްގެ ދަށުން އޮންލައިންކޮށް ލިބޭ ޕްލެޓްފޯމެކެވެ. އަދި އީ ގޭޓް ފާހަކީ މުދާ ކްލިއާ ކުރުމުގެ ލިޔުން އޮންލައިންކޮށް ހޯދަން ތައާރަފު ކުރި ހިދުމަތެކެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު އެމްޕީއެލްގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު އެމްޕީއެލްގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވީ އީ ގޭޓް ފާހުގެ ސަބަބުން މުދާ ކްލިއާ ކުރާ ބްރޯކަރުންނާއި ކަސްޓަމްސްގެ މުވައްޒަފުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ހިދުމަތްތައް ހޯދާއިރު ސައްހަ ލިޔެކިޔުންތައް ހުށަހަޅާނަމަ ހިދުމަތްދޭ ވަގުތު މިހާރަށް ވުރެ ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓު ފެށުމަކީ ވިޔަފާރިވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް ކޮމިޝަނަރު ފާހަގަ ކުރެއްވި އެވެ.

"ރޯދަ މަސް މިހާ ކައިރިވެފައި އޮއްވާ މި ނިޒާމް އިފްތިތާހުކޮށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭ ކަމީ މިފަހަރުގެ ރޯދަ މަހު ކުރީ އަހަރާ އަޅާ ބަލާއިރު ކްލިއާ ކުރެވޭ މުދަލުގެ އަދަދު ވެސް އިތުރުވެ، ވަރަށް ގިނަ ވަގުތު ވެސް ސަލާމަތްވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ޑިޖިޓަލައިޒޭޝަން ކެމްޕޭނުގެ ދަށުން ރޭ ވަނީ އެ ކުންފުނީގެ "ބަނދަރު 2" ވެސް އާއްމުންނަށް ދައްކާލައިފަ އެވެ. އިތުރު ފީޗާތަކާއި ބަދަލުތަކާ އެކު ހަދާފައިވާ އެ ޕްލެޓްފޯމް ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.