Roadha Mihaaru
ރެއާލް މެޑްރިޑުން ޕެނަލްޓީގެ އެހީގައި ސެލްޓާ ބަލިކޮށްފި

ރެއާލް މެޑްރިޑުން ޕެނަލްޓީގެ އެހީގައި ސެލްޓާ ބަލިކޮށްފި

03 އެޕްރީލް 2022

ވީގޯ، ސްޕެއިން (އޭޕްރީލް 2) - ސްޕެނިޝް ލަ ލީގާގައި ޗެލްޓަ ވީގޯ އާ ދެކޮޅަށް ރެއާލް މެޑްރިޑް މިރޭ ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީތަކުގެ އެހީގައި 2-1 އިން ސެލްޓަ ވީގޯ ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވީގޯ، ސްޕެއިން (އޭޕްރީލް 2) - ސްޕެނިޝް ލަ ލީގާގައި ޗެލްޓަ ވީގޯ އާ ދެކޮޅަށް ރެއާލް މެޑްރިޑް މިރޭ ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީތަކުގެ އެހީގައި 2-1 އިން ސެލްޓަ ވީގޯ ބަލިކޮށްފި އެވެ.

ސެލްޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑަށް ތިން ޕެނަލްޓީ ވަނީ ލިބިފަ އެވެ. ތިން ޕެނަލްޓީ ވެސް ފޮނުވާލީ ފޯވާޑް ކަރީމް ބެންޒެމާ އެވެ. ނަމަވެސް އެ ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ދެ ޕެނަލްޓީ އެވެ.

މެޗުގެ 19 ވަނަ މިނިޓުގައި، ކުރިން ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު ފޯވާޑް ނޮލީޓޯ، ރެއާލްގެ އެޑާ މިލިޓާއޯ އަށް ފައުލްކޮށްގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން ބެންޒެމާ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ނޮލީޓޯ ނަގައިދިން ހުރަހަކުން ތިއާގޯ ގަލްހާޑޯ ލަނޑެއް ޖަހައި ސެލްޓާ އިން ނަތީޖާ އެއްވަރު ކުރީ ކަމަށް ހީކުރެވުނު ނަމަވެސް ވީއޭއާރު ބަލައި، ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ. އަދި އޭނާ ބޯޅަ ގޯލަށް ފޮނުވާލައިފައި ޖޯޒީ ބާލައިގެން އުފާފާޅު ކުރުމުން ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ.

ސެލްޓާ އަށް އެއްވަރު ކޮށްދިނީ 52 ވަނަ މިނިޓުގައި ނޮލީޓޯ އެވެ. އޭގެ 11 މިނިޓު ފަހުން، 63 ވަނަ މިނިޓުގައި ރޮޑްރީގޯ އަށް ފައުލް ކޮށްގެން ރެއާލް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ބެންޒެމާ ފޮނުވާލުމުން ކީޕަރު މަޓިއަސް ޑިޓޫރޯ ވަނީ ދިފާއު ކޮށްފަ އެވެ.

ބެންޒެމާ މިރޭ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ: އޭނާ ވަނީ މިހާތަނަށް ރެއާލް އަށް ކުޅެދިން 594 މެޗުން 313 ލަނޑު ޖަހައިދީފައި.-- ފޮޓޯ: އޭއެފްޕީ

ބެންޒެމާ މިރޭ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ: އޭނާ ވަނީ މިހާތަނަށް ރެއާލް އަށް ކުޅެދިން 594 މެޗުން 313 ލަނޑު ޖަހައިދީފައި.-- ފޮޓޯ: އޭއެފްޕީ

ރެއާލް އިން ލީޑު ނެގީ 69 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ބެންޒެމާ ކާމިޔާބު ކޮށްގެންނެވެ. މި ޕެނަލްޓީ ލިބުނީ ރެއާލްގެ ޑިފެންޑަރު ފާލަންޑް މެންޑީ އަށް ސެލްޓާގެ ކެވިން ވަސްގޭޒް ފައުލް ކުރުމުންނެވެ.

ބެންޒެމާވެފައި ވަނީ 1951 ވަނަ އަހަރަށް ފަހުން ލަ ލީގާގައި އެއް މެޗެއްގައި ދެ ޕެނަލްޓީ ކާމިޔާބުކޮށް، އެއް ޕެނަލްޓީ ނާކާމިޔާބުވި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެންމެ ފަހުން ލީގުގައި އަވޭ ޓީމަކަށް މެޗެއްގައި ތިން ޕެނަލްޓީ ލިބުނީ 1996 ވަނަ އަހަރެވެ.

މިރޭގެ ދެ ލަނޑާ އެކު ބެންޒެމާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން 24 ލަނޑު ޖަހައިފަ އެވެ. އަދި މި ސީޒަނުގައި އޭނާ ކުޅުނު 35 މެޗުން ވަނީ 34 ލަނޑު ހަމަކޮށްފަ އެވެ. މިއީ ބެންޒެމާ ރެއާލްގައި ކުޅުނު ތިންވަނަ ސީޒަނުގައި ޖެހި 32 ލަނޑަށް ފަހު، ކުލަބް ފުޓުބޯޅަ ސީޒަނުގައި އޭނާ އެންމެ ގިނަ ލަނޑު ޖެހި ފަހަރެވެ.

ބެންޒެމާ މިރޭ ޖެހި ދެ ލަނޑާ އެކު އޭނާ ވަނީ 216 ލަނޑު ހަމަކޮށް، ރެއާލް މެޑްރިޑަށް ލަ ލީގާގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި އަލްފްރެޑޯ ޑި ސްޓެފާނޯއާ އެއްވަރު ކޮށްފަ އެވެ. ބެންޒެމާ އާއި ޑި ސްޓެފާނޯ އަށް ވުރެ ގިނައިން ލީގުގައި ރެއާލް އަށް ލަނޑު ޖަހާފައި ވަނީ 228 ލަނޑު ޖަހާފައިވާ ރައުލް ގޮންޒާލެޒް އާއި 311 ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރެއާލް މެޑްރިޑް ލީގު އެއްވަނައިގައި އޮތީ 30 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސެވިއްޔާ ކުޅުނު 29 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ. ސެލްޓަ ވީގޯ އޮތީ ޓޭބަލްގެ 11 ވަނައިގަ އެވެ.