Roadha Mihaaru
ވޯލްޑް ކަޕްގެ ހިތްދަތިކަމުން އަރައި ބެންޒެމާ ކުރިއަށް

ލަނޑަކަށް ފަހު ލަނޑެއް، ވޯލްޑް ކަޕްގެ ހިތްދަތިކަމުން އަރައިގަނެ ބެންޒެމާ ކުރިއަށް

23 ޖެނުއަރީ 2023

މެޑްރިޑް (ޖެނުއަރީ 23) - ރޭ އެތުލެޓިކް ކްލަބް ބިލްބާއޯ ކޮޅަށް ވެސް ލަނޑު ޖަހައި ވޯލްޑް ކަޕްގެ ހިތްދަތިކަމުން ނުކުމެ ކަރީމް ބެންޒެމާ ކުރިއަށް މިސްރާބު ޖަހައިފި އެވެ.

މެޑްރިޑް (ޖެނުއަރީ 23) - ރޭ އެތުލެޓިކް ކްލަބް ބިލްބާއޯ ކޮޅަށް ވެސް ލަނޑު ޖަހައި ވޯލްޑް ކަޕްގެ ހިތްދަތިކަމުން ނުކުމެ ކަރީމް ބެންޒެމާ ކުރިއަށް މިސްރާބު ޖަހައިފި އެވެ.

މިދިޔަ މަހު ގަތަރުގައި ނިމިދިޔަ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން ފްރާންސްގެ ޓީމަށް ބެންޒެމާ އަށް އެއް ވެސް މެޗެއް ނުކުޅެ އެވެ. ގުރޫޕް ސްޓޭޖުގެ ތިން މެޗަށް ފަހު އޭނާ އަށް ކުޅެވުމުގެ ފިޓް ވާނެ ކަމަށް ބެލެވުނު ނަމަވެސް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ނިންމީ ބެންޒެމާ ދޫކޮށްލުމަށެވެ.

ވޯލްޑް ކަޕްގެ އެ ހިތްދަތި ކަމުން ނުކުމެ ބެންޒެމާ ދަނީ ލަނޑަކަށް ފަހު ލަނޑެއް ޖަހަމުންނެވެ. ރެއާ ބިލްބާއޯ ކޮޅަށް 2-0 ން ރެއާލް މޮޅުވި މެޗުގައި ބެންޒެމާ ޖެހި ލަނޑަކީ ވޯލްޑް ކަޕްގެ ހިތްދަތި ކަމުން އަރައިގަނެ ހަ މެޗުން އޭނާ ޖެހި ހަ ވަނަ ލަނޑެވެ.

"އޭނާ އަލުން އެނބުރި އެ އައީ ހަމަ ކުރީގެ ފެންވަރާ އެކު. ހަމަލާތަކުގައި އޭނާގެ ދައުރު އަހަރެމެންނަށް ވަރަށް ބޮޑު،" ރެއާލްގެ ކޯޗު ކާލޯ އަންޗެލޮއްޓީ ރޭ ގެ މެޗަށް ފަހު ބެންޒެމާ އާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުންޏެވެ.

ބެންޒެމާ ރޭ ޖެހި ގޯލާ އެކު އޭނާ ވަނީ ސްޕެނިޝް ލީގުގައި ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލޭޒްގެ ލަނޑުގެ އަދަދާ އެއްވަރުކޮށްފަ އެވެ. އެއިީ 228 ލަނޑެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހަތުން ދެވަނަ އެވެ. ރޮނާލްޑޯ ވަނީ ލަލީގާގައި 311 ލަނޑު ޖަހައިފަ އެވެ.

ރޭގެ މެޗުގައި ބެންޒެމާ ލަނޑު ޖެހީ 24 ވަނަ މިނެޓްގަ އެވެ. ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލައިގެންނެވެ. ދެވަނަ ހާފުގެ ފަހު ވަގުތު އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ޓޯނީ ކްރޫޒް އެވެ.

ގެޓާފޭ އާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 1-0 ންނެވެ. ސްތާ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ސަސްޕެންޝަންގައި ހުރުމުން ބާސާ އަށް މެޗުގެ ނަތީޖާ ބަދަލުކޮށް ދިނީ ޕެޑްރޯ ގޮންޒާލޭޒް އެވެ.

ބާސާ މެޗުން މޮޅުވިޔަސް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ހުރީ ހިތްހަމަނުޖެހިފަ އެވެ. އޭނާ ބުނީ ރަނގަޅަކަށް ނުކުޅެވޭ ކަމަށާއި ރަނގަޅު ހަމަލާތަކެއް ވެސް އުފެއްދިފައި ނުވާ ކަމަށެވެ.

"އަހަރެމެން ވަރަށް ރަނގަޅަށް ޑިފެންސް ކުރިން. އެކަމަކު އެހާ ފަހަތުގައި ޑިފެންސވް ލައިން ތިބެގެން ހަމަލާ އުފެއްދުމަކީ އުނދަގޫ ކަމަށް. އަހަރެމެންގެ ކުޅުން ރީތި ކުރަން ބޭނުން. އެއް ވެސް ގޮތަކުން ރަނގަޅު ގޭމެއް ނުފެނުނު. އަހަރެމެން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ،" ޒަވީ ބުންޏެވެ.

ބާސާ އެއްވަނައިގައި އޮތީ ރެއާލްގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ހޯދައިގެންނެވެ. ބާސާ އަށް 44 ޕޮއިންޓެވެ. ރެއާލް އަށް 41 ޕޮއިންޓެވެ.