Roadha Mihaaru

އިސްތިއުފާއެއް ނުދޭނަން، އަޣުލަބިއްޔަތު އޮތް ބަޔަކަށް ސަރުކާރު ހަވާލުކުރާނަން: ރައީސް

ކޮލަމްބޯ (އެޕްރީލް 5) - އިދިކޮޅު ފަރާތްތަކުގެ ޑިމާންޑާ އެއްގޮތަށް ރައީސްކަމުގެ މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް ޕާލަމެންޓުގެ 113 ގޮނޑީގެ އަޣުލަބިއްޔަތު އޮތްކަން ކަށަވަރުކޮށްދޭ ބަޔަކަށް ސަރުކާރު ހަވާލުކުރާނެ ކަމަށް ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

"އިސްތިއުފާއެއް ނުދޭނަން، އަޣުލަބިއްޔަތު ހާމަކޮށްދީ!"
ހަސަން އާމިރު
ހަސަން އާމިރު

05 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 5) - އިދިކޮޅު ފަރާތްތަކުގެ ޑިމާންޑާ އެއްގޮތަށް ރައީސްކަމުގެ މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް ޕާލަމެންޓުގެ 113 ގޮނޑީގެ އަޣުލަބިއްޔަތު އޮތްކަން ކަށަވަރުކޮށްދޭ ބަޔަކަށް ސަރުކާރު ހަވާލުކުރާނެ ކަމަށް ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ބައެއް ނޫސްތަކުން ބުނީ، ގޯޓާބޭގެ އިސްތިއުފާ އަށް އެދި ގޮވާލައި އާއްމުންގެ އެތައް ބަޔަކު މުޒާހަރާކުރަމުން ދިޔަ ނަމަވެސް އިއްޔެ ވެސް ވަނީ ސިޔާސީ ޕާޓީތަކާ އެކު ވަރަށް ގިނަ ބައްދަލުވުންތައް ބާއްވައިފަ އެވެ. ރައީސް ގޯޓާބޭގެ ހުށަހެޅުމާ އެއްގޮތަށް އިދިކޮޅު ޕާޓީތަކުން ވަނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމުގައި ގޯޓާބޭ ވިދާޅުވީ އޭނާ އިސްތިއުފާ ނުދެއްވާނެ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ 113 ގޮނޑީގެ އަޣުލަބިއްޔަތު ހިފެހެއްޓޭތޯ ކަމަށެވެ. ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އާއި ސަރުކާރުގެ ބައެއް މެންބަރުން ކޯލިޝަނުން ވަކިވުމުން މިހާރު ވަނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެ ބައި އަޣުލަބިއްޔަތު ސަރުކާރަށް ގެއްލިފަ އެވެ. އެސްއެލްއެފްޕީގެ 14 މެންބަރުން ޕާލަމެންޓުގައި މަސައްކަތްކުރާނީ އިންޑިޕެންޑެންޓް މެންބަރުންގެ ގޮތުގަ އެވެ. އެކަމަކު ސަރުކާރު ހިންގާ އެސްއެލްޕީޕީން މިހާރު މަސައްކަތް ކުރަނީ 113 ގޮނޑީގެ އަޣުލަބިއްޔަތު ގެއްލުނަ ނުދިނުމަށެވެ.

ލަންކާ ޕާލަމެންޓުގެ ބައްދަލުންތައް މިއަދު ހެނދުނު ވަނީ ފަށައިފަ އެވެ. ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތްކަން ސަރުކާރަށް ސާބިތުކޮށް ނުދެވިއްޖެ ނަމަ ދެން ބޮޑުވަޒީރަކަށް ވަޑައިގަންނަވާނެ ބޭފުޅަކާ ގުޅޭ ގޮތުން ޕާލަމެންޓުގެ ރައީސް އަށް ޕްރޮޕޯޒަލްއެއް ހުށަހަޅާނެ އެވެ.