Roadha Mihaaru
ލަންކާގެ ބާރުގަދަ ރާޖަޕަކްސާ އާއިލާ ހޫނުފެނުގައި

ލަންކާގެ ބާރުގަދަ ރާޖަޕަކްސާ އާއިލާ ހޫނުފެނުގައި

02 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 2) - ސްރީ ލަންކާ 1948 ވަނަ އަހަރު މިނިވަންވީ ފަހުން މިވަރުގެ އިގްތިސާދީ ތަދެއް އެ ގައުމު ތަޖްރިބާ ކުރާކަށް ނުޖެހެ އެވެ. އަސާސީ ޚިދުމަތްތަކަށް ބޭނުންވާނެ ތަކެތި ވެސް ލިބެން ނެތުމުން ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާތަކަށް ނުކުންނަން ފަށައިފި އެވެ. ހުރިހާ ކަމެއް ވެސް އަމާޒުވަނީ ވެރިކަމުގައި މިހާރު އޮތް ބާރުގަދަ ރާޖަޕަކްސާ އާއިލާއަށެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 2) - ސްރީ ލަންކާ 1948 ވަނަ އަހަރު މިނިވަންވީ ފަހުން މިވަރުގެ އިގްތިސާދީ ތަދެއް އެ ގައުމު ތަޖްރިބާ ކުރާކަށް ނުޖެހެ އެވެ. އަސާސީ ޚިދުމަތްތަކަށް ބޭނުންވާނެ ތަކެތި ވެސް ލިބެން ނެތުމުން ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާތަކަށް ނުކުންނަން ފަށައިފި އެވެ. ހުރިހާ ކަމެއް ވެސް އަމާޒުވަނީ ވެރިކަމުގައި މިހާރު އޮތް ބާރުގަދަ ރާޖަޕަކްސާ އާއިލާއަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެތައް ހާސް ބަޔަކު ނުކުމެ ރައީސް ގޯޓާބޭ ރާޖަޕަކްސާގެ އިސްތިއުފާ އަށް ގޮވާލައި، މުޒާހަރާކޮށްފަ އެވެ. ސަރުކާރާ ދެކޮޅު މުޒާހަރާތައް ހުއްޓުވުމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އަދި ހުކުރު ދުވަހުން ފެށިގެން ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. ލަންކާގެ މިހާރުގެ ހާލަތާ ގުޅިގެން އެންމެ ބޮޑު ޕްރެޝަރަކާއި ފާޑުކިޔުމެއް އޮތީ ވެރިކަމުގައި އޮތް ރާޖަޕަކްސާ އާއިލާއަށެވެ.

"ޗީފް" (މަހިންދާ ރާޖަޕަކްސާ)

ރާޖަޕަކްސާ އާއިލާގެ އެންމެ އިސް ސިޔާސީ މެންބަރަކީ މަހިންދާ ރާޖަޕަކްސާ، 76، އެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް 2019 ވަނަ އަހަރު ގޯޓާބޭ ރާޖަޕަކްސާ ވެރިކަމަށް ވަޑައިގަތުމާ އެކު ބޮޑުވަޒީރުގެ މަގާމަށް ހަމަޖައްސާފައި ވަނީ މަހިންދާ އެވެ. އޭނާ ވަނީ 2004 ވަނަ އަހަރު ވެސް ލަންކާގެ ބޮޑުވަޒީރުކަން ކުޑަދުވަސްކޮޅަކަށް ނަމަވެސް ކުރައްވައިފަ އެވެ. އޭގެ ފަހުން 2005 އިން 2015 އަށް ވަނީ ރައީސްކަން ކުރައްވައިފަ އެވެ.

ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ލަންކާގެ ސިންހަޅައިންނާއި ބުޑިސްޓުންގެ ތާއީދު މަހިންދާ ހޯއްދަވާފައި ވަނީ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރި ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައުމުންނެވެ. ހަނގުރާމައިގެ ފަހު ދުވަސްވަރު ރަހުމެއް ނެތް ގޮތެއްގައި އާއްމުންގެ އެތައް ބަޔަކު މަރާފައިވާ ކަމަށް ތުހުމަތުކޮށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަތާތްތަކުން ސަރުކާރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ. އދ. އިން ލަފާކޮށްފައިވާ ގޮތުގައި ހަނގުރާމައިގެ ފަހު ދުވަސްވަރު 40،000 މީހުން މަރާފައިވާނެ އެވެ.

މަހިންދާ ވަނީ އެ ތުހުމަތު ދޮގު ކުރައްވައި އަދި އެކަމުގެ ބައިނަލްއަގުވާމީ ތަހުގީގެއް ކުރަން ވެސް ދެކޮޅު ހައްދަވައިފަ އެވެ. ލޯކަލް ތަހުގީގުތަކެއް ހިންގި ނަމަވެސް ނަތީޖާއަކާ ހަމައަށް ދެވިފައެއް ނުވެ އެވެ.

މަހިންދާގެ ވެރިކަމުގެ ދުވަސްވަރު ވަނީ ޗައިނާއާ ވަރަށް ބޮޑަށް ގާތްވެ އެ ގައުމުން ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރުގެ ލޯނު ނަގައިފަ އެވެ. އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަށް ކަމަށް ބުނެ ނެގި ލޯނުތަކުން ކުރި ގިނަ މަސައްކަތްތައް މިއަދު ފެންނަނީ "ހުދު އެތް" ތަކެއްގެ ގޮތުގަ އެވެ. އަދި ލޯނުތަކުގައި އެތައް ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

"ދަ ޓާމިނޭޓާ" (ގޯޓާބޭ ރާޖަޕަކްސާ)

ރައީސް ގޯޓާބޭ ރާޖަޕަކްސާ، 72، އަކީ މަހިންދާގެ ވެރިކަމުގައި އެންމެ ވަރުގަދަ ލެފްޓިނެންޓެވެ. ސިފައިންނާއި ފުލުހުން، ދުވަހުން ދުވަހަށް ކުރާ މަސައްކަތް ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވީ އޭރުގެ ޑިފެންސް ސެކްރެޓަރީ ގޯޓާބޭ އެވެ.

ރައީސް ގޯޓާބޭ (ކ) އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ރައީސް ގޯޓާބޭ (ކ) އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އާއިލާގެ ތެރޭގައި "ޓާމިނޭޓާ"ގެ ނަމުން މަޝްހޫރު ގޯޓާބޭ އަކީ ކުއްލިއަކަށް ކޯފާ އިސްކުރައްވާ ބޭފުޅެއް ކަމަށްވެ އެވެ. ރައީސްގެ ގޮތުގައި ލަންކާގެ އިގްތިސާދު ހިންގުމުގެ އެންމެ އިސް މޭސްތިރިއަކީ ގޯޓާބޭ އެވެ. އެ ގައުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލއަކީ މުދާ އިމްޕޯޓްކުރާނެ ބޭރު ފައިސާ ނެތުމެވެ. ޓޫރިޒަމަށް އިގްތިސާދު ބޮޑަށް ބަރޯސާވެފައިވާ ލަންކާގެ ޓޫރިޒަމް ހީނަރުވީ ކޮވިޑް-19 އާއި 2019 ވަނަ އަހަރު ދިން އީސްޓާ ބޮމުގެ ހަމަލާތަކާ ގުޅިގެންނެވެ. އެކަމަކު ތަޖްރިބާކާރުން ބުނަނީ ލަންކާ އެ ހާލަތަށް ދިޔައީ ސަރުކާރުން އިގްތިސާދު މެނޭޖް ނުކުރެވުމުގެ ސަބަބުން ކަމަށެވެ.

"މިސްޓާ 10 ޕަސެންޓް" (ބާސިލް)

މަހިންދާގެ ވެރިކަމުގައި އިގްތިސާދު މެނޭޖްކުރި ސްޓްރެޓެޖިސްޓަކީ ބާސިލް ރާޖަޕަކްސާ، 70، އެވެ. މިހާރު އޭނާ އަކީ ފައިނޭންސް މިނިސްޓަރެވެ.

ލަންކާގެ ފައިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ލަންކާގެ ފައިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ސަރުކާރުގެ ކޮންޓްރެކްޓްތަކުން 10 ޕަސެންޓުގެ ކޮމިޝަނެއް ނަންގަވާ ކަމަށް ތުހުމަތުކޮށް ބީބީސީ އިންޓަވިއަކާ ރިފާކޮށް އޭނާ އަށް "މިސްޓަ 10 ޕަސެންޓް" އޭ ވެސް ކިޔަ އެވެ. ނަމަވެސް ލަންކާގެ ކުރީގެ ސަރުކާރުތަކުން ބާސިލްގެ މައްޗަށް ކުށެއް ސާބިތު ކުރެވޭ ވަރަށް ހެކި ހޯދިފައެއް ނުވެ އެވެ. ގޯޓާބޭ ވެރިކަމަށް ވަޑައިގަތުމާ އެކު ވަނީ ބާސިލްގެ މައްޗަށް ތުހުމަތުކޮށްފައިވާ ހުރިހާ މައްސަލަތަކެއް އަނބުރާ ގެންދަވައިފަ އެވެ.

" ދަ ބޮޑީގާޑް" (ޗަމަލް)

މަހިންދާގެ ރައީސްކަމުގައި ޗަމަލް ރާޖަޕަކްސާ، 79، އަކީ ޕާލަމެންޓުގެ ރައީސް އެވެ. އޭނާ ވަނީ ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. މިހާރުގެ އިރިގޭޝަން މިނިސްޓަރަކީ ވެސް ޗަމަލް އެވެ. ޑިފެންސް މިނިސްޓްރީގެ ނައިބަކީ ވެސް ޗަމަލް އެވެ. ޑިފެންސް މިނިސްޓަރަކީ ރައީސް ގޯޓާބޭ އެވެ.

ޗަމަލް ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ޗަމަލް ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ކުރިން ޕޮލިސް އޮފިސަރެއް ކަމަށްވާ ޗަމަލް ވަނީ ލަންކާގެ ކުރީގެ ބޮޑުވަޒީރު އަދި ދުނިޔޭގެ ވެސް ފުރަތަމަ އަންހެން ބޮޑުވަޒީރު ސްރިމާވޯ ބަންޑާރަނައިކަގެ ޕާސަނަލް ބޮޑީގާޑުގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

"ދަ ސަޔަން" (ނަމާލް)

ގާނޫނީ ވަކީލެއް ކަމަށްވާ ނަމާލް ރާޖަޕަކްސާ، 35، އަކީ ބޮޑުވަޒީރު މަހިންދާގެ ދޮށީ ފިރިހެން ދަރިކަލުންނެވެ. ސިޔާސީ ކުރިމަގު އޮތް ނަމާލް އަކީ ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި ލަންކާގައި ކޮންމެވެސް ދުވަހަކުން ވެރިކަން ކުރައްވާނެ ބޭފުޅެކެވެ. ނަމާލް ޕާލަމެންޓަށް، 2010 ވަނަ އަހަރު ވެދެވަޑައިގަތީ އުމުރުން 24 އަހަރުގަ އެވެ. މިހާރު އޭނާ އަކީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރެވެ.

ބައްޕާފުޅު މަހިންދާގެ ވެރިކަމުގެ ދުވަސްވަރު ނަމާލް އަކީ ވަރަށް ނުފޫޒް ގަދަ ބޭފުޅެކެވެ. ނަމަވެސް އޭރު އެއްވެސް މަގާމެއް އޭނާ އަދައެއް ނުކުރައްވަ އެވެ. ކުރީގެ ސަރުކާރުން އޭނާގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އާއި ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފަ އެވެ. ނަމަވެސް އެ ހުރިހާ ތުހުމަތެއް ނަމާލް ދޮގު ކުރައްވަ އެވެ.